އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިތާ އިއްޔެއަށް ބަރާބަރު 15 އަހަރު ފުރުނުއިރު، އިއްޔެ އަކީ އެ ގާނޫނު އަސާސީގެ ދަށުން ބާއްވާ ހަތަރު ވަނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުޅުވާލާފައި އޮތް ސުންގަޑި ހަމަވި ދުވަހެވެ. މި އިއްތިފާގާއެކު ދުވަސް ނިމިގެން ދިޔައީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ އިންތިހާބުގެ ގޮތުގައި ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުވެގެންނެވެ.
އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ރިޔާސީ އިންތިހާބު ބޭއްވީ 2008 ގަ އެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރެއްވެވި އެވެ. އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާ ވާދަ ކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ދެ ވަނަ ބުރަށް ދިޔުމުން، އެހެން ހުރިހާ ކެންޑިޑޭޓުން "ވަތަން އެދޭ ގޮތަށް ކޯލިޝަން" ގައި ނުކުމެ، 30 އަހަރުގެ ވަރުގަދަ ވެރިކަން މުލުން ލުހެލި އެވެ.
އެއަށްފަހު ބޭއްވި 2013 ވަނަ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭރު ވެރިކަމުގައި ހުންނެވި މުހައްމަދު ވަހީދު ހަސަން މަނިކަށް ފަސް ޕަސެންޓު ވޯޓު ލިބުމާއެކު، އިތުރު ބުރެއްގައި ވާދަ ނުކުރައްވަ އެވެ. ގަޑުބަޑުވެގެން ދިޔަ އެ އިންތިހާބުގައި ހަނި ފުރުސަތަކުން ކުރި ހޯއްދެވީ އެހެން ކެންޑިޑޭޓުންގެ ތާއިދާއެކު ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން އެވެ. ޔާމީނާ ވާދަ ކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓު ނަޝީދަށް ލިބިވަޑައިގަތީ ނާކާމިޔާބީ އެވެ. އެ އިންތިހާބުގައި ޔާމީން، ނަޝީދު، ވަހީދު، އަދި ގާސިމް ވާދަ ކުރެއްވެވި އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ހަމައަށް އައިއިރު، އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ޖަލު ބަންދުގަ އެވެ. އެހެންވެ، ފުރުސަތު އެންމެ ފަހިވެގެން އައީ، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕާލިމެންޓްރީ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނާ ވާދަ ކުރައްވައި ސޯލިހު ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.
އެފަހަރު ދެ ކެންޑިޑޭޓުން ވާދަ ކުރެއްވީ ކުރިމަތިވެފައި އޮތް ހާލަތުގެ ސަބަބުންނެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބުގައި ޖުމުލަ އަށް ކެންޑިޑޭޓަކު ވާދަ ކުރައްވަ އެވެ. އެއީ ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓެއް އަދި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުންނެވެ.
އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން
- އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
- ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު
- އެމްއެންޕީން މުހައްމަދު ނާޒިމު
- ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް
- ދަ ޑިމޮކްރެޓްސްއިން އިލްޔާސް ލަބީބު
- އަމިއްލަ ގޮތުން ފާރިސް މައުމޫން
- އަމިއްލަ ގޮތުން އުމަރު ނަސީރު
- އަމިއްލަ ގޮތުން ހަސަން ޒަމީލް

މި މަހުގެ 7 ވަނަ ދުވަހު ކެމްޕޭނު ދަތުރުގައި ދ. ހުޅުދެއްޔަށް ކުރެއްވި ދަތުރުގައި، އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ މިހާރު ހިނގަމުންދާ ދެ ވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސް އެވެ. އެމަނިކުފާނު މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ، އަދާލަތު ޕާޓީ، އެމްޑީއޭ ހިމެނޭ ކޯލިޝަނާ އެކު އެވެ. އުމުރުފުޅުން 61 އަހަރުގެ ސޯލިހަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅެވެ.
މަޑުމަތިރި، ކެތްތެރި މިޒާޖެއްގެ މި ރައީސް، އެމްޑީޕީގެ ކޮންޓްރޯލް ނަންގަވައި، ރިޔާސީ އިންތިހާބުގެ ޓިކެޓު ހޯއްދެވީ ގޮންޖެހުންތަކާއެކު، ރާއްޖޭގައި ހުރި އެންމެ މަގުބޫލު އެއް ސިޔާސީ ޝަހުސިއްޔަތު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރެއްވައިގެންނެވެ.
ރައީސް ސޯލިހު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 25 އަހަރު ހޭދަ ކުރެއްވީ މެދުކެނޑުމެއް ނެތި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ވިޔަފާރީގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ރައީސް ސޯލިހު މި ފަހަރު އަޅުއްވާ ފިޔަވަޅު ކާމިޔާބު ވެވަޑައިގެންފި އެ މަނިކުފާނުގެ ނަން ތާރީހުގައި ލިޔެވިގެން ދާނީ، އާ ގާނޫނު އަސާސީގެ ދަށުން ދެ ވަނަ ދައުރެއް ފުރުއްވާ ފުރަތަމަ ރައީސަށެވެ.
މުހައްމަދު މުއިއްޒު
ޕީޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. އެ ޕާޓީގެ އިދާރީ މަސައްކަތް ކުރެއްވުމުގައި އުޅުއްވަމުން ގެންދެވުމަށް ފަހު، ފެބްރުއަރީ 7, 2012 ގައި އޭރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، އުފެދުނު ސަރުކާރުގައި އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުގެ މަގާމު އޭނާ އަދާކުރެއްވެވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސްކަން ކުރެއްވެވި އެވެ. އެ ޕާޓީން އޭނާ ވަކިވެވަޑައިގަތީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައަޅައިފި ހާލަތެއްގައި، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓެއް ނެރުމަށް ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުއާ ވާދަ ކުރައްވައި އެ ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވި އެވެ.
ސިޔާސީ ހަޔާތްޕުޅުގައި މުއިއްޒަށް ގޮންޖެހުންތައް ގިނަ އެވެ. މިނިސްޓަރު ކަމުގައި ހުންނެވިއިރު ފާޑުކިޔުންތައް ގިނަ އެވެ. ސިޓީ ކައުންސިލްގެ މައްޗަށް ކުރާ ތުހުމަތުތައް ވެސް ގިނަ އެވެ. ނަމަވެސް މިހާތަނަށް އެ މަނިކުފާނުގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައެއް ނެތެވެ. ސިޔާސީ މައިދާނުގައި ކުރީ ސަފުގައި ހަރަކާތްތެރިވިޔަސް ޖަލު ބަންދެއް ވެސް ނެތެވެ. ޕްރޮފައިލް ކިޔާލުމަށް

މިހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަކައި ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް އާއި ސަޕޯޓަރުން އިއްޔެ ހިންގަވާފައި ދަރުބާރުގެ އަށް ވަޑައިގަންނަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ފަރާތުން، މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާ ކެންޑިޑޭޓެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރަކަށް ހުންނެވި ގާސިމް އިބްރާހިމްއަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވިނަމަވެސް މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. އެމަނިކުފާނު ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވެ އެވެ.
މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ދިވެހި ދައުލަތުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާހިލީ ވަޒީރުކަމާއި، އަރިއަތޮޅާއި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރނަރުކަމާއި، ވޯލްޑް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަން އެ މަނިކުފާނު ކުރައްވައިފައި ވެ އެވެ.
އިސްލާހީ މަސައްކަތުގެ ތެރެއަށް ނުކުންނަވަން ނިންމެވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު 1984 ވަނަ އަހަރުގެ ތެރޭގައެވެ. ގާސިމް ފެއްޓެވި ސިޔާސީ މަސައްކަތުގެ ތެރެއިން 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގައި އިންތިހާބުވެ ވަޑައިގަތެވެ. ރާއްޖޭގައި އޭރު އޮތް ސިޔާސީ އޮއިވަރުގައި، 2001 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފެއްދުމަށް އިސްވެ ސޮއިކުރައްވައި ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި ވެސް ގާސިމް ހިމެނިވަޑައިގަންނަވަ އެވެ.
މައުމޫނުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުގައި ހުންނެވުމާއެކު، މައުމޫން އުފެއްދެވި ފުރަތަމަ ސިޔާސީ ޕާޓީ ޑީއާރުޕީއާ ގާސިމް ގުޅިވަޑައިގަތެވެ. ނަމަވެސް، އަމިއްލަ ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އުފައްދަވައި، އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި 2008، އަދި 2013 ވަނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އެވެ.
ގާސިމް ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ނަތީޖާއަކީ ކޮންމެ ވެރިކަމެއްގައި ވެސް އެމަނިކުފާނަށް ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވެވަޑައިގަތުމެވެ. ޕްރޮފައިލް ކިޔާލުމަށް
މުހައްމަދު ނާޒިމް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސްއަކީ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މުހައްމަދު ނާޒިމެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރެވެ.
ނާޒިމަކީ ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަސްކަރިއްޔާގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ 2011 ގަ އެވެ.
އެއަށް ފަހު، ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ވެވަޑައިގަތެވެ. އަދި, 2013 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކީ ވެސް ނާޒިމެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް، ނާޒިމުގެ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ، އޭނާ ޖަލަށްލި އެވެ. ޕްރޮފައިލް ކިޔާލުމަށް
އިލްޔާސް ލަބީބު
ސ. ހުޅުދޫއަށް އުފަން އިލްޔާސް ލަބީބު، ސިޔާސީ ހަޔާތް ފެއްޓެވުމުގެ ކުރިން އާއިލީ ވިޔަފާރި، މެގަޗިޕް ކޮމްޕިއުޓާސް ހިންގެވުމުގައި އުޅުއްވި އެވެ.
އިލްޔާސް ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހާސިލު ކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އެއަށް ފަހު އިނގިރޭސި ވިލާތުގެ ކޮންވެންޓްރީ ޔުނިވާސިޓީން ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސް ފުރިހަމަ ކުރެއްވި އެވެ.
ސިޔާސީ މަސައްކަތުން އިލްޔާސް ފާހަގަ ވެގެން ދިޔައީ 17 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް 18 ވަނަ މަޖިލީހުގައި ވާދަ ކުރެއްވި ނަމަވެސް ކާމިޔާބު ނުވި އެވެ. އަލުން 19 ވަނަ މަޖިލީހަށް ވާދަ ކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި އެވެ.
އިލްޔާސް ފުރަތަމަ ދައުރުގައި ގިނަ ބިލްތަކެއް ހުށަހަޅުއްވާފައިވެ އެވެ. އެ ބިލްތަކުގެ ތެރޭގައި މާލީ ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ބިލްތަކާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރަން ހެދި ގާނޫނުތަކުގެ ބިލްތަކާއި އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ލިބޭ ގޮތަށް މަޖިލީހަށް ހުށަހެޅުއްވީ ވެސް އިލްޔާސް އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއެކު، އެ މަނިކުފާނާ ވާދަ ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީ ދޫކޮށްލަން ފެށި އެވެ. އެގޮތުން، މަޖިލީހުގެ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދެވި އެވެ.
އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާއިރު، ކެންޑިޑޭޓަކީ އިލްޔާސް އެވެ. ޕްރޮފައިލް ކިޔާލުމަށް

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު
އެހެން ކެންޑިޑޭޓުން
އުމަރު ނަސީރު
- އަމިއްލަ ޕާޓީއެއްގެ ގޮތުގައި އައިޑީޕީ އުފެއްދެވި (މިހާރު އުވާލާފައި)
- ޑީއާރިޕީ އާއި ޕީޕީއެމްގައި އުޅުއްވި. 2013 ގައި ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ކުރެއްވި
- 2008 އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި
- ރައްޔިތުންގެ މަޖިލީހުގެ މާލޭ ގޮނޑީގެ ބައި އިލެކްޝަނެއްގައި ވާދަ ކުރެއްވި
- ވާދަ ކުރެއްވި އެއްވެސް އިންތިހާބެއް ކާމިޔާބުވެފައި ނެތް.
ފާރިސް މައުމޫން
- ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން
- ޕީޕީއެމްގައި އުޅުއްވައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި
- ބޭބޭފުޅު، ޔާމީންގެ ވެރިކަމުގައި ޕާޓީގެ ނިންމުންތަކަށް އެންމެ ފުރަތަމަ ގޮންޖައްސަވަން ފެއްޓެވީ ފާރިސް.
- ޔާމީންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ކަމުގައި ހުއްޓައި ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލަށް ލި.
- ފާރިސްއަކީ "ޟަމީރުގެ ގައިދީއެއް" ކަމަށް އެމްނެސްޓީން ކަނޑައެޅި.
- 19 ވަނަ މަޖިލީހަށް ފާރިސް ވާދަ ކުރެއްވި. ނަމަވެސް ކާމިޔާބު ނުވި.
- މިހާރު ފާރިސް އަކީ އިލެކްޝަންސް ކޮމިޝަންސްއިން އުވާލަން ނިންމާފައިވާ އެމްއާރުއެމްގެ ރައީސް
- އިންތިހާބުގައި ވާދަ ކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި.
ހަސަން ޒަމީލް
- އެންމެ ފަހުން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި. ހަތަރު އަހަރާއި ފަސް މަސް ދުވަހު އެ މަގާމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވީ މިދިޔަ މަހު މެދުތެރޭގައި.
- ޒަމީލްގެ ރަނިންމޭޓަކީ އަނބިކަނބަލުން މަރިޔަމް އަލީމް އަދި ރަސްމީ އިންތިހާބީ އޭޖެންޓަކީ ދަރިކަލުން އަހުމަދު މަހުރާން ޒަމީލް.
- ޒަމީލު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ އަދާ ކުރައްވާފައި.











