00:00:00
logologo
ވޯޓްލެވޭ އާބާދީ
282,395
އަލަށް ވޯޓްލެވޭ
27,006
ޖުމްލަ ވޯޓް ފޮށި
574

ކެންޑިޑޭޓް ނަންބަރު

3

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

candidate photo
އުފަން ތާރީޙް
1st Mar 1962
އުފަން ރަށް
ޅ. ހިންނަވަރު
މިހާރު ރަށްވެފިވެފައިވާ ރަށް
ޅ. ހިންނަވަރު
އަނބިކަނބަލުން
ފަޒުނާ އަހުމަދު
ދަރިން
2
ވާދަކުރި އިންތިހާބު
1
ތަޖުރިބާ
ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން އުޅުއްވި ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރައްވައި، ސިޔާސީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންނެވި
ހިއްސާވި ވިޔަފާރި
-

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ މިހާރު ހިނގަމުންދާ ދެ ވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސް އެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި، ރިޔާސީ ދެ ވަނަ ދައުރެއް ހޯއްދަވަން ވާދަ ކުރައްވާ ކެންޑިޑޭޓެވެ. އެމަނިކުފާނު މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަނާ ވެސް އެކު އެވެ. އުމުރުފުޅުން 61 އަހަރުގެ ސޯލިހު އުފަންވެވަޑައިގަތީ މާޗް 1، 1962 ވަނަ އަހަރު ޅ. ހިންނަވަރަށެވެ. އެ ރަށު ނޫރާނީއާގެ މުހައްމަދު ސޯލިހާއި ދޫރިޔާގޭ މުއުމިނާ ހުސެއިންފުޅަށް ލިބިވަޑައިގެންނެވި 13 ބޭފުޅުންގެ ތެރެއިން ސޯލިހަކީ ތިން ވަނަ ދަރިކަލުންނެވެ. އަދި އެންމެ ދޮށީ ފިރިހެން ދަރިކަލުންނެވެ. މިވަގުތު ދުނިޔޭގައި ތިއްބެވީ 11 ބޭފުޅުންނެވެ. ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޔާޒު އާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހު އާއި ރައީސް މައުމޫން، ރައީސް ޔާމީންގެ ޕާސަނަލް ސެކްރެޓަރީކަން ވެސް ކުރެއްވި ފާތުމަތު ސޯލިހަކީ ރައީސް ސޯލިހުގެ އެއްބަނޑުއެއްބަފާ ބޭފުޅުންނެވެ. ފާތުމަތު ސޯލިހު އަކީ އެ މަނިކުފާނުގެ ވެސް ޕާލަނަލް ސެކްރެޓަރީ އެވެ. ސްކޫލް ނިންމެވުމަށް ފަހު ކައިވެނި ބައްލަވައިގަތީ މަޝްހޫރު އަހްމަދު އިސްމާއީލް މަނިކު (ސިއްކަ އަހުމަދު މަނިކު) ދަރިކަނބަލުން މ. ދީފުރަމްއާގޭ ފަޒުނާ އަހުމަދުއާ އެވެ. ސޯލިހު އާއި ފަޒުނާއަށް ލިބިވަޑައިގެންފައިވަނީ ސާރާ އިބްރާހިމް، 28 އަދި ޔަމާން އިބުރާހިމް، 25 އެވެ. ޅަފަތުގެ ދުވަސްވަރު ސޯލިހުގެ ފުރަތަމަ ތައުލީމީ ހިޔާވައްސަކީ ހިންނަވަރު މަދަރުސަތުއް ނާސިޔާ އެވެ. އުމުރުފުޅުން 10 އަހަރުގައި ކިޔަވާ ވިދާޅުވުމަށް މާލެވަޑައިގެން ދިރިއުޅުއްވީ ބައްޕަ ފަރާތުގެ ބޮޑުބޭބެ އަރިހުގަ އެވެ. ފުރަތަމަ ވަޑައިގަތީ، އަމިއްލަ ސްކޫލެއްކަމުގައިވާ އޭރުގެ އީޕީއެސް ސްކޫލަށެވެ. އެ ސްކޫލުގައި އުޅުއްވަމުން ހެއްދެވި ޖޭސީއީ އިމްތިހާނުގެ އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގެން، ސަރުކާރުގެ އެންމެ ވަރުގަދަ ސްކޫލު، މަޖީދިއްޔާ ސްކޫލުން ޖާގަ ލިބުނެވެ. އޭރުވެސް އެއީ ތޫނުފިލި ދަރިވަރެކެވެ. އެމަނިކުފާނާ ބެހޭ ގޮތުން ކުރީގެ ރައީސް މައުމޫނު ވިދާޅުވެފައި ވަނީ އެއީ ހިސާބު އިލްމަށް މޮޅު ދަރިވަރެއް ކަމަށެވެ. ސްކޫލު ހަރަކާތްތަކުގައި އިސްނަގައިގެން އުޅޭ ދަރިވަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ސޯލިހު ސްކޫލު ނިންމެވީ މަޖީދިއްޔާ ސްކޫލްގެ ސްޕޯޓްސް ކެޕްޓަން ކަމާއި އެ ސްކޫލުގެ އިސްކަންދަރު ހައުސްގެ ކެޕްޓަން ފުރިހަމަ ކުރެއްވުމަށް ފަހު އެވެ. ސޯލިހުގެ ޝައުގުތަކުގެ ތެރޭގައި ފޮތް ކިޔުއްވުމާއި ވޮލީ ކުޅުއްވުމާއި، ފޮޓޯ ނެންގެވުން ހިމެނެ އެވެ. މިހާރު ވެސް އިންސްޓަގްރާމް ކުރައްވަ އެވެ. ހިދުމަތް ސްކޫލު ނިންމެވުމަށް ފަހު ފުރަތަމަ ގުޅިވަޑައިގަތީ ޓީވީއެމްއާ އެވެ. ނޫސްވެރިއެއްގެ ގޮތުގައި ހަބަރު ލިޔުއްވުމާއި ތަރުޖަމާކުރެއްވުމުގައި އެތަނުގައި އުޅުއްވި އެވެ. އެއަށް ފަހު، އިތުރަށް ތައުލީމާއި ތަމްރީނަށް އޮސްޓްރޭލިއާ އަށް ވަޑައިގެން ބިޒްނަސް މެނޭޖްމެންޓާއި އެކައުންޓިން ދާއިރާއިން ކޯސްތައް ފުރިހަމަ ކުރެއްވި އެވެ. މާލެ އެނބުރި ވަޑައިގެން އުޅުއްވީ އާއިލީ ވިޔަފާރީގަ އެވެ. ބައްޕާފުޅަކީ މާލޭއިން އުތުރުގައި ފާހަގަ ކޮށްލެވޭ ވިޔަފާރިވެރިއެކެވެ. ކިލެގެފާނުގެ ދަރަޖަ ސަރުކާރުން ދެއްވި ބޭފުޅެކެވެ. އަދި ފާދިއްޕޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ. ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވީ އުމުރުފުޅުން 32 އަހަރުގަ އެވެ. 1994 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ފާދިއްޕޮޅު ގޮނޑިއަށް ވާދަ ކުރައްވައި ކާމިޔާބު ކުރެއްވި އެވެ. އެއަށް ފަހު މެދުކެނޑުމެއް ނެތި މެމްބަރެއްގެ ގޮތުގައި ފަސް ދައުރު ފުރިހަމަ ކުރެއްވެވި އެވެ. ހިންނަވަރު މެމްބަރެއްގެ ގޮތުގައި ހުންނަވައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވައި، ހޮވިވަޑައިގެންނެވި ފަހުން ވެސް (ހުވާ ކުރެއްވުމުގެ ކުރިން) ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ބައިވެރިވެވަޑައިގަ އެވެ. ސޯލިހުގެ ބަރުލަމާނީ ހަޔާތުގައި ނޫ ގާނޫނު އަސާސީ އާއި މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރެއްވެވި އެވެ. އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވެވި އެވެ. ހާއްސަކޮށް، އެމްޑީޕީގެ ލީޑަޝިޕްގައި ޕާޓީ ހިންގެވުމުގެ ރަސްމީ މަގާމެއް ނެތަސް، ކޮންމެ ބޮޑު ކަމެއްގައި އިސްކޮށް ހަރަކާތްތެރިވި އެވެ. ކާމިޔާބީ އާއި ގޮންޖެހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން، މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން އަނބިކަނބަލުން ފަޒުނާ އަހުމަދުގެ އާއިލީ ވިޔަފާރި ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވަމުން ގެންދެވި އެއް ބޭފުޅަކީ، އަދި އެ އާއިލާގެ މައި ކުންފުނި ޕޭން އޯޝަންގެ މެނޭޖިން ޑިރެކްޓަރަކީ ސޯލިހު އެވެ. ވިދިވިދިގެން ފަސް ދައުރު މަޖިލީހުގެ މެމްބަރުކަން ކުރެއްވުމަކީ އެ މަނިކުފާނު ސިޔާސީ ދާއިރާގައި ހޯއްދެވި ކާމިޔާބީ ފާހަގަވެގެންދާ ހެއްކެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ނަޝީދާއި އިދިކޮޅު ލީޑަރުން ޖަލަށްލައި، އިދިކޮޅުގެ ހަރަކާތްތައް ބަލިކަށިކޮށްލުމަށް މަސައްކަތް ކުރަމުން ގެންދެވި ދަތިވަގުތުގައި އިދިކޮޅު ހަރަކާތުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައި، ހުރިހާ ސިޔާސީ ޕާޓީތަކާ ގުޅިގެން ހަރަކާތްތައް ރުކުރުވާލީ ސޯލިހެވެ. އެންމެ ފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށްވެ، ޔާމީން ބަލިކުރައްވައި އެއްބުރުން އިންތިހާބު ކާމިޔާބުކުރެއްވި އެވެ. އެމްޑީޕީ ވެރިކަމުގައި އޮތްއިރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރެއްގެ ގޮތުން ގިނަ ގޮންޖެހުންތަކެއް އެމަނިކުފާނު ތަޖުރިބާ ކުރައްވަންޖެހިވަޑައިގެންނެވި އެވެ. އެމްޑީޕީ ސަރުކާރުން ބޭނުންވި ސިޔާސަތުތައް ކުރިއަށް ގެންދިއުމަށް އޭރު އިދިކޮޅު ޕާޓީތަކުން ދަތިކުރަމުން ގެންދިޔައިރު، އަދި ބަޖެޓް ފާސްކުރުމަށް ހުރަސްތައް ކުރިމަތިކުރަމުން ދިޔައިރި މަޝްވަރާ އިސްކޮށް، އެމްޑީޕީ ސަރުކާރަށް މަޖިލީހުގެ މަސައްކަތް ފަހިކުރުވުމުގައި އިސް ދައުރެއް އަދާކުރެއްވީ ސޯލިހެވެ. ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު ހައްޔަރުކުރުމާ ގުޅިގެން، އެމްޑީޕީ އާއި ގުޅިފައިވާ އެހެން ޕާޓީތަކާއެކު އިސްލާހީ ހަރަކާތްތައް ކުރިއަށް ގެންދެވުމުގައި މުގުލުގައި ހުންނެވީ ސޯލިހެވެ. ގުޅިފައިވާ ޕާޓީތައް އެއްގަލެއްގައި ނުތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ރައީސް ޔާމީންގެ ގަދަފަދަ ސަރުކާރު ބަލިކަށި ކޮށްލުމަށް ކުރެވުނު މަސައްކަތްތަކީ އާދައިގެ މަސައްކަތެއް ނޫނެވެ. އެ މަސައްކަތުގައި ވިސްނުންތެރިކަމާއެކު ސޯލިހު ކުރެއްވި މަސައްކަތުން، އެންމެން އެކުގައި ތިބުމުގެ އިތުރުން، މަޖިލީހުގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ބޮޑު އަގުލަބިއްޔަތު ވެސް 2018 ގެ އިންތިހާބުގެ ކުރިން ދުއްވައިލި އެވެ. އެ މަސައްކަތްތަކުގެ ތެރެއިން މާޗް 16، 2018 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ޖަލަށްލި އެވެ. ދޫނިދޫ ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަށް ފަހު ދޫކޮށްލީ 12 ދުވަހަށް ފަހު އެވެ. ދެހާސް އަށާރައިގެ އިންތިހާބު ބޯމަތިވިއިރު ވެސް ސިޔާސީ ލީޑަރުން ތިބީ ޖަލު ބަންދުގަ އެވެ. އެ ހާލަތު ފަހިކޮށްދިން ފުރުސަތާއެކު އިދިކޮޅު ހުރިހާ ޕާޓީތައް ތާއިދުކުރި ކެންޑިޑޭޓެއްގެ ގޮތުގައި ސޯލިހު ހަމަޖެހުނެވެ. ކުރިން ގެއްލިފައި އޮތް އަސާސީ ބައެއް ހައްގުތައް ސޯލިހުގެ މި ވެރިކަމުގައި ފަހިވެގެން ދިޔަ އެވެ. މިހާރު އެ މަނިކުފާނު ދެ ވަނަ ދައުރަކަށް އަމާޒު ހިފީ މިނިވަންކަމާއެކު އުޅެވޭ އުފާވެރި ޖަޒީރާ ރާއްޖެއެއް ބިނާކުރުމުގެ ސިޔާސަތާއެކު އެވެ. އެ މަނިކުފާނު މިހާރު ވެފައިވާ ވައުދުތަކުގެ 90 ޕަސެންޓު ނިމިފައިވާ ކަމަށް ބުނެ އެވެ.