އޭނާއަކީ ސިޔާސީ މަސައްކަތް ކުރާ މީހެއް ނޫނެވެ. ހުރީ ސިޔާސީ މަގާމެއްގައެއް ވެސް ނޫނެވެ. ހަޔާތުގެ މައިގަނޑު ޒިންމާއެއްގެ ގޮތުގައި ނަގަނީ ދަރިން ބެލުމެވެ. ކުރުކޮށް ބުނާ ނަމަ އެއީ ހަމަ އާދައިގެ ދިވެހި ރައްޔިތެކެވެ.
އެކަމަކު، މިދިޔަ ހޯމަ ދުވަހު، ކަޅު، ކިލަނބު މި ދިވެހި ސިޔާސީ މަޝްރަހުގެ ދިލަގަނޑު އޭނާއާ ހަމައަށް ވެސް ފޯރައިފި އެވެ. އެ ދުވަހުގެ މެންދުރު އޭނާގެ ފޯނަށް "މަރުގެ އިންޒާރު" ގެ ނަމުގައި އައި 76 ބަހުގެ ކުރު ޓެކްސްޓު މެސެޖެއް ނިންމާލަމުން ބުނެފައި ވަނީ "އޭނާއަށް މި މެސެޖު ބާރަށް އަދި ސާފުކޮށް ރައްދުކޮށްދީ" މިހެންނެވެ.
ފިލާ ތިބެ އެ އެ މެސެޖު ކުރި މީހުން، އެމީހުންގެ މެސެޖު ރައްދު ކޮށްދޭން ބޭނުންވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށެވެ. މެސެޖު އައީ އޭނާ އަނބިކަނބަލުންގެ ފޯނަށެވެ.
"އިންތިޒާމުވެފައިވާ ސިސްޓަމާއި ނިންމާފައިވާ ނިންމުންތަކަށް އޭނާ އިހުތިރާމް ކުރަންޖެހޭނެ. އެހެން ނޫނީ އަހަރުމެންގެ ރުޅިއާ ކުރިމަތިލާން ތައްޔާރުވޭ،" ހޯމަ ދުވަހުގެ 2:26 ގައި އިނގިރޭސި ބަހުން ފޮނުވި އެ މެސެޖުގައި ބުނެފައިވެ އެވެ.
މިއީ ދިވެހިރާއްޖޭގެ އާންމު ދިރިއުޅުމުގެ ތެރެއިން އާންމު ކަމެކެވެ. މަރާލާނެ ކަމުގެ އިންޒާރު ލިބުމަކީ ވެރިންނާއި ސިޔާސީ ވެރިންނާއި ނޫސްވެރިންނާ ހަމައިން ފެށިގެން ރައްޔިތުންނަށް ވެސް ކުރިމަތިލާންޖެހިފައި އޮތް ބޮޑު ބިރުވެރިކަމެކެވެ. ނަމަވެސް އެފަދަ ކުށްތަކަށް ފިޔަވަޅު އެޅޭތަން ފެންނަނީ އިންތިހާއަށް މަދުންނެވެ. ދިން އިންޒާރާ އެއްގޮތަށް މަރާލާފައިވާ މީހުންގެ އަދަދު، އެމީހުންގެ ދިފާއުގައި ފިޔަވަޅު އެޅުނު މީހުންނަށް ވުރެ ވެސް މަދެވެ.
މަރުގެ އިންޒާރު އާންމު އަދި އާދައިގެ ކަމަކަށް ވެއްޖެ
ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ގަދަޔަށް މަސައްކަތް ކުރާ އެންމެނަށް ވެސް ކޮންމެވެސް ހިސާބަކުން ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ.
މަރުގެ އިންޒާރު ލިބުނު ބޭފުޅުންނާއި އަވަހާރަކޮށްލަން ދިން ހަމަލާތައް އަމާޒުވި ބޭފުޅުންގެ ތެރޭގައި މިހާތަނަށް ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރެއިން ރައީސް މައުމޫން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން ޖެނުއަރީ 8، 2008 ގައި މީހަކު މަސައްކަތް ކުރި އެވެ. އަދި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021 ގައި މާލޭގައި ބޮމެއް ގޮއްވާލައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ.
މިހާ ގިނައިން މަރުގެ އިންޒާރު ލިބެމުންދާއިރު ވެސް އެކަމާ ދެކޮޅަށް ފިޔަވަޅު އެޅެނީ ވަރަށް މަދު ފަހަރަކު އެވެ. ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް އިންޒާރު ދިން މީހަށް ޝަރީއަތުން އަދަބު ދިނެވެ. އަދި ރައީސް ސޯލިހު މެމްބަރަކަށް ހުންނެވިއިރު އިންޒާރު ދިން މީހަކު ވެސް ހޯދުނެވެ. ނަމަވެސް އަދަބު ލިބުނުކަމެއް ނޭނގެ އެވެ.
ބިރު ދެއްކުމާއި ހުރިހާ ބާވަތެއްގެ އިންޒާރު
2011
- 469 (ތަފާސްހިސާބުގެ ތަފުސީލެއް ނެތް)
2012
- 472 (ތަފާސްހިސާބުގެ ތަފުސީލެއް ނެތް)
2013
- ބިރު ދެއްކުން - 658
- ފޯނުން ގުޅައިގެން ބިރު ދެއްކުން - 89
- އެސްއެމްއެސް ފޮނުވައިގެން ބިރުދެއްކުން - 31
2014 (ބިރު ދެއްކުމުގެ ތަފާސްހިސާބެއް ނެތް)
2015
- މަރާލާނެ ކަމަށް ބުނެ ބިރުދެއްކުން - 242
- ފޯނުން ގުޅައިގެން ބިރު ދެއްކުން - 57
- އެހެނިހެން މުވާސަލާތީ - 8
- އެސްއެމްއެސް ފޮނުވައިގެން ބިރު ދެއްކުން - 14
- އިންޓަނެޓް - 1
2016
- މަރާލާނެ ކަމަށް ބުނެ ބިރުދެއްކުން - 196
- ފޯނުން ގުޅައިގެން ބިރު ދެއްކުން - 99
- އެހެނިހެން މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބިރުދެއްކުން - 18
- އެސްއެމްއެސް ފޮނުވައިގެން ބިރުދެއްކުން - 24
- އިންޓަނެޓް މެދުވެރިކޮށް ބިރުދެއްކުން - 4
2017 (ބިރުދެއްކުމުގެ މައްސަލަތަކުގެ ތަފާސްހިސާބެއް ނެތް)
2018 (ބިރުދެއްކުމުގެ މައްސަލަތަކުގެ ތަފާސްހިސާބެއް ނެތް)
2019 (ކުށުގެ ތަފާސްހިސާބު އާންމުކޮށްފައެއް ނެތް)
2020
- މަރުގެ އިންޒާރު ދިނުން - 176
- އެސްއެމްއެސް ފޮނުވައިގެން ބިރުދެއްކުން - 9
- އިންޓަނެޓު މެދުވެރިކޮށް ބިރުދެއްކުން - 16
2021
- މަރުގެ އިންޒާރު ދިނުން - 149
- އެސްއެމްއެސް ފޮނުވައިގެން ބިރުދެއްކުން - 12
- އިންޓަނެޓު މެދުވެރިކޮށް ބިރުދެއްކުން - 9
- ފޯނު މެދުވެރިކޮށް ބިރުދެއްކުން - 28
2022
- މަރުގެ އިންޒާރު ދިނުން - 156
- އެސްއެމްއެސް ފޮނުވައިގެން ބިރުދެއްކުން - 7
- އިންޓަނެޓު މެދުވެރިކޮށް ބިރުދެއްކުން - 4
- ފޯނު މެދުވެރިކޮށް ބިރުދެއްކުން - 36
2023
- މަރުގެ އިންޒާރު ދިނުން - 63
- އެސްއެމްއެސް ފޮނުވައިގެން ބިރުދެއްކުން - 4
- އިންޓަނެޓު މެދުވެރިކޮށް ބިރުދެއްކުން - 1
- ފޯނު މެދުވެރިކޮށް ބިރުދެއްކުން - 12
ފަހުގެ ތާރީހުގައި މަރުގެ އިންޒާރު ލިބިނު/ހަމަލާ އަމާޒުވި ސިޔާސީ ބައެއް ބޭފުޅުން
- މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޖުލައި 10، 2018 ގައި އެމަނިކުފާނަށް ހަށިކޮޅަށް ހުޅުމާލޭގައި މީހަކު ކަޅުތެޔޮޖެހި އެވެ.
- ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، 2023
- މާލޭ ސިޓީ ކައުންސިލް މެމްބަރު އިބްރާހިމް ސުޖާއު، 2023
- ޑރ. މުހައްމަދު އިޔާޒް، 2023
- ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، 2013، 2015، 2022
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، 2022
- މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި އާއިލާއަށް، 2020
- ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، 2020
- ޒުވާނުންނާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް އަދި އާއިލާ، 2020
- ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، 2020
- ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، 2019، 2021
- ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، 2020
- އިދިކޮޅުގެ ވަގުތީީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ، 2020
- ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، 2020
- ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، 2019
- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން، 2019
- ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަހްމަދު ހައިތަމް، 2019
- އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަދި މެމްބަރުން، 2018
- ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު، 2018
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން، 2018
- ކުރީގެ ރައީސް ނަޝީދު ވަކީލު އަމާލް ކްލޫނީ، 2016
- ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، 2016
- ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، 2015
- ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، 2014
- އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، 2014
- ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، 2014
- މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް، 2014
- ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު، 2014
- ގާސިމް އިބްރާހިމް، 2014، 2016
ގޭންގުތަކާއި ވާގިދޭ ސިޔާސީ ބޭފުޅުން
އެންމެ ކިލޯމީޓަރެއްގެ ބައިބޯ ވެރި ރަށް މާލޭގައި އެކަނި ވެސް 44 ގޭންގެއް ހަރަކާތްތެރިވެ އެވެ. އެއީ 1990 ގެ އަހަރުތަކުން ފެށިގެން މާލޭގައި އުފެދުނު ގޭންގުތަކެކެވެ.
ފުލުހުން ބުނާ ގޮތުން އެ 44 ގޭންގުގައި ގާތްގަނޑަކަށް 2800 މެމްބަރުން އުޅެ އެވެ. މާލޭގައި 44 ގޭންގު ހަރަކާތްތެރިވި ނަމަވެސް އޭގެ ތެރެއިން އެންމެ ބޮޑަށް ކުށުގެ މާހައުލުގައި އުޅެނީ ނުވަ ގޭންގެކެވެ. އަދި މެމްބަރުން އެންމެ ގިނައީ ވެސް އެ ގޭންގުތަކުގަ އެވެ. އެ ނުވަ ގޭންގުގެ 1300 މެމްބަރަކު، ނުރައްކާތެރި ކުށްތަކަސް، ގަވާއިދުން އަރައިގަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ގޭންގުތައް ފުޅާވެ، ބޮޑުވެ، މުއްސަނދިވުމުގެ ސަބަބުން އެމީހުންނަށް އެތައް ދޮރެއް ހުޅުވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިއަދު، ގޭންގުތަކަކީ ހަމައެކަނި މާރާމާރީ ހިންގައި މަގުމަތީ ނުލަފާ ގޮތްގޮތަށް އުޅޭ ބައެއް ނޫނެވެ. އެމީހުންގެ ވިޔަފާރިކޮށް، ބޭރުގެ ގޭންގުތަކާ ވެސް ގުޅުން ބާއްވަ އެވެ.
ފުލުހުން ބުނާ ގޮތުން ގޭންގުތަކަށް ހިތްވަރުދީ، ކުރިއަރުވައި، ހިމާޔަތްދޭނެ ސިޔާސީ ވެރިންތަކެއް އުޅެ އެވެ. ދައުލަތުގެ މުއައްސަސާތަކުގެ ކޮންޓްރޯލް ވެސް ގޭންގުތަކުގެ އަތްމަތީގައި އޮވެ އެވެ. ޝަރުއީ ދާއިރާއަށް ގޭންގުތަކުން އަތް ބާނާފައިވާ މިންވަރު އިންތިހާއަށް ބޮޑު ކަމަށް ފުލުހުން ދެކެ އެވެ.
ގޭންގުތަކަށް އެހީވެދީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގައި ވެސް ސިޔާސީ ވެރިން ހަރަކާތްތެރިވާ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ސިޔާސީ ވެރިންނަކީ ކޮން ބައެއްކަން އެނގޭ ކަމަށް ވެސް ބުނެ އެވެ. އެކަމަކު މިހާތަނަށް އެފަދަ މައްސަލައެއްގައި އެންމެ ސިޔާސީ ވެރިއެއް ވެސް ހައްޔަރެއް ނުކުރެ އެވެ.
”އޭގެ ފަހަތުގައި ސިޔާސީ ނިޔަތާ، މާލީނަފާގެ ސަބަބުތައް ޝާމިލްވޭ. މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް. މިކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން، ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ، މީގެ ޙައްލު ހޯދުމުގެ މަގު ކުރުވެ، ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" މެއި 28، 2022 ގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.
އެއްވެސް މީހަކަށް މަރުގެ އިންޒާރު ދިނުމަކީ އާދައިގެ ކުށެއް ނޫނެވެ. އެކަމަކު ކުށުގެ ނަމްބަރުތަކާއި އެއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން، މަރުގެ އިންޒާރުދިނުން މިއޮތީ އާދައިގެ ކަމަކަށްވެފަ އެވެ. ތަހުޒީބު ގައުމުތަކުގައި މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މަރުގެ އިންޒާރު ދިނުން ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.












