ޝިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 2) - ޗެލްސީގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާއިރު، އެ ޓީމުގައި ބޮޑު ސްކޮޑެއް ބޭނުމެއްނުވާ ކަމަށް ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ދެ އަހަރެއްގެ ކޮންޓްރެކްޓެއްގައި ޗެލްސީއާ ހަވާލުވުމަށް ފަހު، އެ ޓީމު ގޮވައިގެން ކުރިއަށް އޮތް ސީޒަނަށް ޕްރީ ސީޒަން ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނަ ޕޮޗެޓީނޯ ބުނީ، މާޒީގައި ކަންކަން ވެފައި ހުރި ކަންތައްތައްތަކަށް އަލި އަޅުވާލައި، މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.
އެ ގޮތުން، ޕޮޗެޓީނޯ އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ޗެލްސީގެ ކޮންޓްރެކްޓްގައި ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ތިބުމާ އެކީގައި އެ ކްލަބްގައި އޮތް ބޮޑު ސްކޮޑު ގޮވައިގެން ކުރިއަށް ދިއުމުގައި ހައްލުތަކެއް ހޯދަން ޖެހޭ ކަމެވެ.
"ޗެލްސީގައި އެބައޮތް ވަރަށް ބޮޑު ސްކޮޑެއް، ފުރުސަތު ބޭނުންވާ ރަނގަޅު ކުޅުންތެރިން މި ތިބީ، އެކަމަކު، ކޮންމެ މެޗެއްގައި ހަތަރެއް ނޫނީ ފަސް ކުުޅުންތެރިން ނުކުޅެ ހުންނަން ޖެހުމަކީ، ޓީމަކަށް ފައިދާ ހުރި ގޮތެއް ނޫން. މީގެ ޓީމެއްގެ ވިސްނުމުގައި ބަލާއިރު، އަހަރެެންގެ ތަޖުރިބާގައި ބުނާނީ ޗެލްސީ އަށް މާ ބޮޑު ސްކޮޑެއް ބޭނުމެއް ނުވޭ،" ކުރިން ޕްރިމިއާ ލީގުގައި ސައުތެމްޓަން އާއި ޓޮޓެންހަމް އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.
ޕޮޗެޓީނޯ ބުނީ ޕްރީ ސީޒަނުގައި މި ލިބޭ މެޗުތަކުގެ އަލީގައި ބަދަލު އަންނަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް ފެންނަމުން އަންނަ ކަމަށާއި ސްކޮޑު ކުޑަކުރަން ޖެހޭ މިންވަރު ދެނެގަންނަން ވެސް ފަސޭހަވެފައިވާ ކަމަށެވެ. އަދި ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން، ޗެލްސީން އިތުރު ކުޅުންތެރިން ގަންނައިރު، ކުޅުންތެރިންތަކެއް އެ ޓީމުން ދިއުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.












