ސްޓޮކްހޯމް، ސްވިޑަން (އޯގަސްޓް 1) - ގުރުއާން އަންދާ މައްސަލައިގައި ސްވިޑަންއާ މެދު މުސްލިމުން ނުރުހުން ފާޅުކުރަމުން ދަނިކޮށް އެ ގައުމުގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމައިފި އެވެ.
ހިޔާލު ފާޅުކުރަން ކަމަށް ބުނެ ގުރުއާން އެންދުމުގެ އަމަލުތައް ހިންގުމަށް ސްވިޑަންގެ ފުލުހުން ހުއްދަ ދޭތީ ގިނަ މުސްލިމް ގައުމުތަކުން ވަނީ ސްވިޑަންގެ އިދާރާތަކަށް ފާޑުކިޔައިފަ އެވެ.
"ސްވިޑަންއާ ބަލިކަށި ގުޅުމެއް އޮތް ފަރާތްތަކުން ތަފާތު އެކި ކުށްތައް ހިންގަން ސްވިޑަންއަށް އެތެރެވެވިގެން ނުވާނެ،" ބޮޑު ވަޒީރު އުލްފް ކްރިސްޓެސަން ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ސްވިޑަންގެ ޕާލަމެންޓު ބޭރުގައި ގުރުއާން އެންދީ ސްވިޑަންއަށް ހިޖުރަކޮށްގެން އުޅޭ އިރާގުގެ ދެ ފިރިހެނުންނެވެ. އެއީ ސަލްވާން މޮމިކާ އާއި ސަލްވާން ނާޖެމް އެވެ.
މީގެ ކުރިން ވެސް އެ ދެ މީހުން ވަނީ ސްޓޮކްހޯމްގައި ހުންނަ މައި މިސްކިތާއި އިރާގުގެ އެމްބަސީގެ ބޭރުގައި ވެސް އެފަދަ އަމަލުތައް ހިންގައިފަ އެވެ.
އެކަމާ ހެދި ބަގްދާދްގައި މުޒާހަރާ ހޫނުވެ، ސްވިޑަންގެ އެމްބަސީ ތެރެއަށް ވަދެގަނެ ގެއްލުން ދިނެވެ.
މަޝްރަހު ހޫނުވެފައި ވަނިކޮށް ޓެރަރިޒަމާ ދެކޮޅު މަސައްކަތް ވަރުގަދަ ކުރަން މިދިޔަ ހަފުތާގައި ސްވިޑަންގެ ސަރުކާރުން ވަނީ އެކި އިދާރާތަކަށް އަންގައިފަ އެވެ.










