މެންޗެސްޓާ (ޖުލައި 29) - ދާދިފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަތުލި އިނގިރޭސި ޑިފެންޑަރު، ހެރީ މެގުއާ އަގުހެޔޮ ޑީލެއްގެ ދަށުން ވިއްކާލަން އެ ޓީމުން ބޭނުންނުވާ ކަމަށް ބުނެފި އެވެ.
މެގުއާ، 30، ގަންނަން ވެސްޓް ހޭމް ޔުނައިޓެޑުން ކުރި 28 މިލިއަން ޑޮލަރުގެ ބިޑް، ޔުނައިޓެޑުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. މީގެ ކުރިން، ވެސްޓް ހޭމް އިން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން މެގުއާ ގެންނަން ހުށަހަޅައިފަ އެވެ. އެކަމަކު، އެ ޕްރޮޕޯސަލަށް ވެސް ޔުނައިޓެޑުން ވަނީ ފުރަގަސްދީފަ އެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2019 ވަނަ އަހަރު ލެސްޓާ ސިޓީ އިން 93 މިލިއަން ޑޮލަރަށް، ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑާ ގުޅުނު މެގުއާ އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން، ފަހު ދެ އަހަރުގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ކުޅޭނަމަ މެގުއާ އަށް ދޭން ޖެހޭ މުސާރަ ބޮޑުވާނެ އެވެ. އެހެންވެ، މެގުއާ ވެސް ޔުނައިޓެޑް ދޫކޮށްލަން ބޭނުމެއްނުވެ އެވެ.
ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަތުލުމާ ބެހޭގޮތުން މެގުއާ ބުނީ އެ ނިންމުން އައުމުން ވަރަށް ބޮޑަށް މާުޔޫސްވާ ކަމަށާއި އެކަމަކު، ކްލަބަށް ދޭން ޖެހޭ ސަޕޯޓް ކޮންމެ ހައިސިއްޔަތެއްގައި ހުރެ ވެސް އެންމެ ރަނގަޅަށް އަދާކުރާނެ ކަމަށް މެގުއާ ވަނީ ބުނެފަ އެވެ.
މެގުއާ ހޯދަން ކުރާ މަސައްކަތުގައި ވެސްޓް ހޭމް އިން އިތުރު ބިޑެއް ކުރާނެ ކަމަށް ބެލެވޭއިރު، ޔުނައިޓެޑުން އެންމެ ކުޑަކޮށް ވެސް މެގުއާ ދޫކޮށްލަން ބޭނުންވަނީ 60 މިލިއަން ޑޮލަރަށެވެ.












