ހދ. މަކުނުދޫ ފަޅު ތެރޭގައި އޮންނަ ދައްޕަރުފުށީގައި ސޮނާވޭ ރިސޯޓްސް އިން ތަރައްގީކުރަމުން އަންނަ ސޮނޭވާ ސީކްރެޓް ރިސޯޓު މި އަހަރުގެ ޑިސެމްބަރުގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ގާތްގަނޑަކަށް 40 މިިލިއަން ޑޮލަރު (614 މިލިއަން ރުފިޔާ) އިންވެސްޓުކޮށްގެން ސޮނޭވާއިން ތަރައްގީކުރާ އެ ރިސޯޓުގައި ހުންނަނީ އެންމެ 16 ވިލާ އެވެ. އެއިން ކޮންމެ ވިލާއެއް އިމާރާތްކުރަން މަދުވެގެން ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ހަރުދުވާ ކަމަށް މިދިޔަ މަހު ބޭއްވި ވާލްޑް ގްލޯބަލް ސްޓައިލް ނެޓްވާކް (ޑަބްލިޔުޖީއެސްއެން) ގެ ޓްރެވަލާސް ވެބިނާގައި ސޮނޭވާގެ ބާނީ، ސޯނޫ ޝިވްދަސާނީ ބުނެފައިވެ އެވެ.
ސޮނޭވާގެ ތިމާވެއްޓާ ރައްޓެހި ފަލްސަފާގެ ތެރެއިން ތަރައްގީކުރާ ސީކްރެޓް ރިސޯޓުގެ އެންމެ ހާއްސަ ވަނީ، އެ ރަށުގެ ފަޅުތެރޭގައި ހުންނަ ފްލޯޓިން ވިލާއެކެވެ. މިއީ މި ކޮންސެޕްޓަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ވިލާ އެވެ. ރިސޯޓުގައި ދެން ހުންނަނީ ފަސް ވޯޓާ ވިލާ އާއި ރަށު ތެރޭގައި ހުންނަ ބީޗް ވިލާތަކާއި ރެސިޑެންސީތަކެވެ.
ރިސޯޓުގެ އޮޕަރޭޝަންތައް ވީހާ ވެސް ތިމާވެއްޓަށް ގެއްލުން ކުޑަ ގޮތަކަށް ކުރިޔަށް ގެންދިޔުމުގެ ބޭނުމުގައި ސޮނޭވާއިން ވަނީ ރަށަށް ބޭނުންވާ ކަރަންޓު އުފައްދަން ފްލޯޓިން ސޯލާ ޕެނަލްތަކެއް ގާއިމުކުރުން ހިމެނެ އެވެ. މިކަން ކުރަނީ ވަށަމިނުގައި 74 މީޓަރު ހުންނަ ތިން ސޯލާ ޕެނަލް ބޭނުންކޮށްގެންނެވެ. ދައްޕަރުފުށީގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި މި ޕެނަލްތަކުން:
- 6.4 މެގަވޯޓުގެ ކަރަންޓު އުފައްދާނެ
- ޕީކް ގަޑީގައި ނަމަ ރަށަށް ބޭނުންވާ ހަކަތައިގެ 75 ޕަސެންޓު އުފެއްދޭނެ
- އޮފް ޕީކް ގަޑީގައި ނަމަ ރަށަށް ބޭނުންވާ ހަކަތައިގެ 90 ޕަސެންޓު އުފެއްދޭނެ
ސޮނޭވާ ސީކްރެޓް ވެގެން ދާނީ ސޮނޭވާއިން ރާއްޖޭގައި ހުޅުވާ ތިން ވަނަ ރިސޯޓަށެވެ. އަނެއް ދެ ރިސޯޓަކީ ސޮނޭވާފުއްޓާއި ސޮނޭވާ ޖާނީ އެވެ.










