ރާއްޖޭގެ ފުރަތަމަ "ސްމާޓް ޝޮޕް" އެސްޓީއޯއިން ރަސްމީކޮށް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.
ހުޅުމާލޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސްމާޓް ޝޮޕް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސައީދު އާއި އެކުންފުނީގެ އިސް ވެރިންގެ ބައިވެރިވެލެއްވި އެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަ ބަރިތަކުގައި، ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި ހުންނަ އެ ފިހާރައަކީ އާޓިފިޝަލް އިންޓެލިޖެންސް ވިޝަންއާއި އައިއޯޓީ ސެންސަރުތައް ބޭނުންކޮށްގެން 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ތައްޔާރުކޮށްފައިވާ ފިހާރައެކެވެ. ނަމަވެސް އެ ފިހާރައިން 24 ގަޑިއިރު ހިދުމަތް ދޭން ފަށާނީ އެކަމަށް ބޭނުންވާ ހުއްދަ ލިބުމުންކަމަށް އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު، އިސްމާއިލް މިފްރާހު ވިދާޅުވި އެވެ. އޭއައި ޓެކްނޮލޮޖީއާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްމާޓް ޝޮޕުން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ފިހާރައަށް ވަދެވޭނީ އެޕްލިކޭޝަން މެދުވެރިކޮށް ޖެނެރޭޓު ކުރާ ކިއުއާރު ކޯޑު ބޭނުން ކޮށްގެން ނުވަތަ ފޭސް ރިކޮގްނިޝަން ފީޗާ ބޭނުން ކޮށްގެންނެވެ. އެޕްލިކޭޝަނުގައި ރެޖިސްޓަރީ ވުމަށް ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި ތިން ރުފިޔާ ބޭންކަށް ކަނޑާނެ އެވެ. ނަމަވެސް އެ ތިން ރުފިޔާ ސްޓޯ ކުރެޑިޓުގެ ގޮތުގައި އެމީހަކަށް އެސްޓީއޯއިން އަނބުރާ ދޭނެ އެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ރެޖިސްޓަރީވުމަށްފަހު އެ ފިހާރައަށް ވަދެ އެމީހަކު ބޭނުންވާ އެއްޗެހި ނަގަމުންދާ ވަރަކުން އެޕްލިކޭޝަނުގެ ކާޓަށް އެ ތަކެތި އިތުރުވަމުންދާނެ އެވެ. ވިޔަފާރީގެ މުއާމަލާތް ނިމޭނީ އެމީހަކު ގަންނަން ބޭނުންވާ އެއްޗެހި ހިފައިގެން ފިހާރައިން ބޭރަށް ނުކުތުމުންނެވެ. ފިހާރައިން ނުކުތުމާއެކު އެޕްލިކޭޝަން މެދުވެރިކޮށް ފޯނަށް ރަސީދު ލިބޭނެ އެވެ.
އެ މުއާމަލާތް ކުރުމަށް ބޭނުން ކުރަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެކެވެ. އެ ފީޗާއަކީ ޕާސްވޯޑެއް ނުޖަހައި ފައިސާގެ މުއާމަލާތްތައް ކާޑުން ކުރެވޭ، ރައްކާތެރި ފީޗާ އެކެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ސްމާޓް ޝޮޕް ހުޅުވައިދެއްވަނީ -- ފޮޓޯ: އިޔާން/އަދަދު
އެސްޓީއޯގެ ސްމާޓު ފިހާރައިގައި މުދަލުގެ އަގު ވެސް ޖަހާފައި ހުންނާނީ ޑިޖިޓަލް ޓެގުތައް ބޭނުން ކޮށްގެންނެވެ. އޭގެ ބޭނުމަކީ ވަގުތުން ވަގުތަށް މުދަލުގެ އަގަށް އަންނަ ބަދަލު އަދާހަމަ ކުރަމުން ދިއުން ކަމަށް މިފްރާހު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކުގައި ވެސް އަދި މިފަދަ ސްމާޓު ފިހާރަތައް އަދި ވަރަށް މަދުކަމަށާއި އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފިހާރަތައް ހިންގާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސިންގަޕޫރާއި ޑުބާއީ ފަދަ ދުނިޔޭގެ ކުރިއަރާފައި ހުރި ގައުމުތައް ކަމަށެވެ. ރާއްޖޭގައި މިފަދަ ފިހާރައެއް ހުޅުވިގެން ދިއުމަކީ އެފަދަ ގައުމުތަކާ އެއްހަމައަކަށް އާދެވުން ކަމަށެވެ.
"އެންމެ ގިނައިން ޗައިނާ ކަމަށް ވަނީ އިނގޭތޯ މި އޭޝިއާ ތެރޭގައި [މިފަދަ ފިހާރަ ހިންގަނީ]، އެހެންވީމަ އަޅުގަނޑުމެންނަށް މި ދާއިރާގައި އެ ގައުމުތަކާ ދާދި އެއް ހަމައަކަށް އާދެވުނީ މި ފިހާރަ ހުޅުވުމުން،" ސައީދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ދިވެހިންނަކީ ދުނިޔެއަށް ތައާރަފުވާ މިފަދަ އާ އީޖާދީ ބަދަލުތަކަށް ވަރަށް އަވަހަށް ހޭނި، ދަސްކުރުމަށް ޝައުގުވެރިވާ ބައެއް ކަމަށާއި ހާއްސަކޮށް ދިވެހި ޒުވާނުންނަކީ މިފަދަ ބަދަލުތަކަށް ވަރަށް ފަރިތަ ބައެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިފަހުގެ ދުވަސްތަކަށް ބަލައިފިކަމަށް ވަންޏާ އެބަ ފެނޭ މި ދާއިރާއިން ކުރި ހޯދަމުންދާ މިންވަރު، ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދިވެހިން މި ދާއިރާއަށް ޝައުގުވެރިކަމާއި އަދި އެހެން މީހުންގެ ސަމާލުކަމަށް ދިވެހިން އަންނަ މިންވަރު،" ފައިސަލް ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީ ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ: އިޔާން/އަދަދު
ހުޅުމާލޭގައި އެސްޓީއޯއިން ސްމާޓު ސްޓޯރެއް ހުޅުވާފައި ވާއިރު، އެ ކުންފުނިން ވަނީ މިއަހަރު ތެރޭގައި އެސްޓީއޯގެ މައި އިމާރާތުގައި ސްމާޓު މެޝިނެއް ބަހައްޓައި ބޭނުން ކުރަން ފަށައިފަ އެވެ. އަދި އެ ކުންފުނިން އަންނަނީ ކާނިވަލު ސަރަހައްދުގައި ވެސް އެފަދަ މެޝިނެއް ބެހެއްޓުމުގެ މަސަކަތް ކުރަމުންނެވެ.
އެ މެޝިނު ވެސް ބޭނުން ކުރެވޭނީ ސްމާޓު ފިހާރައިގައި ބޭނުން ކުރާ އެޕްލިކޭޝަން މެދުވެރިކޮށެވެ. އެ މެޝިނުން ދަޅާއި ފުޅި ފަދަ ތަކެތި ނަގައި ބޭނުން ކުރުމަށް ވެސް އެއްވެސް ކަރުދާސް ފައިސާއެއް ބޭނުން ކުރާކަށް ނުޖެހޭނެ ކަމަށް އެސްޓީއިން ބުނެ އެވެ.
ދެހާސް ސޯޅަވަނަ އަހަރު އެމެރިކާގެ މަޝްހޫރު ވިޔަފާރި ކުންފުނި، އެމެޒަންއިން ދުނިޔެއަށް ތައާރަފު ކުރި، އެ ޓެކްނޮލިޖީއަކީ އޭރު މުޅި ދުނިޔެ ހައިރާންކޮށްލި ޓެކްނޮލޮޖީ އެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެމެޒަން އިން ދެއްކި ތަފާތު ނަމޫނާއަކަށް ބަލައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އެ ޓެކްނޮލޮޖީ ބޭނުން ކުރަން ފެށި އެވެ.
މިއަދު އެފަދަ 3000 އަށްވުރެ ގިނަ ސްމާޓު ފިހާރަ ދުނިޔޭގެ އެކި ކަންކޮޅުގައި ހިންގަމުންދެ އެވެ. އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު، އިސްމާއިލް މިފްރާހު ވިދާޅުވީ ރާއްޖޭގައި އެފަދަ އެހެން ފިހާރައެއް ހުޅުވުމުގެ ޝައުގުވެރިކަން އިތުރު ކުންފުންޏަކުން ފާޅުކޮށްފި ނަމަ، އެކަމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނި އޮންނާނީ ތައްޔާރަށް ކަމަށެވެ.











