ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި، އިނގިރޭސި ތަޖުރިބާކާރު ޕޯލް ސްމޯލީ، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެއްޖެ އެވެ.
ސްމޯލީ، 56، ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގައި މަސައްކަތްކޮށްފަ އެވެ. އެންމެ ފުރަތަމަ 2016 އިން 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމަށް މަސައްކަތްކޮށް، ފަހުން ބްރުނާއީގެ ކޯޗުގެ މަގާމާއި ޓެކްނިކަލް އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރި އެވެ. އަލުން، އަނބުރާ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރު ކަމާ ހަވާލުވީ، 2020 ވަނަ އަހަރު ތެރޭގަ އެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނާ އެކު، ހެދި ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، ސްމޯލީ މި ވަނީ އެފްއޭއެމް އިން ދިން ޕްރޮޕޯސަލް ގަބޫލުކޮށް، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފަ އެވެެ.
ސްމޯލީ ބުނީ ބަންގްލަދޭޝްގައި ދެ ފަހަރެއްގެ މަތިން ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އެ ގޮތުން، އެ ގައުމުގެ ކްލަބް ފުޓްބޯޅަ ސިސްޓަމާއި އުމުރުފުރާ ގައުމީ ޓީމުތަކާއި އަންހެން ފުޓްބޯޅަ ޓީމު އަދި ފިރިހެން ޓީމުގެ ނަތީޖާތަކުން މި ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް އިން ހޯދި ކުރިއެރުން ފެންނާނެ ކަމަށް ސްމޯލީ ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝް ފެޑެެރޭޝަން ދޫކޮށްލަން ނިންމީ އެއް ގޮތަަކަށް ވެސް އާ ކޮންޓްރެކްޓަކާ އެކު ބަންގްލަދޭޝް އިން ހުށަހެޅި މުސާރަ ކުޑަވެގެން ނޫން ކަމަށާއި ރާއްޖޭގެ ޕްރޮޕޯސަލް ރަނގަޅުވެ، އާ ޗެލެންޖެއް ނަގައި، ރާއްޖޭގެ ފުޓްބޯޅަ އެންމެން ބޭނުންވާ ލެވަލަކަށް ގެންދަން އެހީވުމަށް ކަމަށް ސްމޯލީ ވަނީ ބުނެފަ އެވެ.
"އަހަންނަށް އެބައޮތް ޔަގީންކަން އެންމެން ގުޅިގެން މަސައްކަތް ކޮށްފިއްޔާ މި ބޭނުންވާ މިސްރާބަށް ދެވޭނެކަން. އަހަރެންގެ ވިސްނުމަކީ ޓެކްނިކަލީ ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުން، މި މަސައްކަތުގައި ކޮންމެ މީހެއްގެ ބައިވެރިވުމެއް ވެސް ބޭނުންތެރިވާނެ،" ސްމޯލީ ބުންޏެވެ.
"ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރު އެބަފެނޭ، ދެން ކޮންމެ ޓީމެއް ނޫނީ ގައުމެއްގައި ވެސް ފުޓްބޯޅަ އަކީ ހާލަތުތަކާ އެކު އެކި ސައިކަލްތަކެއް އަންނަ ކަމެއް. އެ ގޮތުން، މިއީ ރާއްޖެ އަށް އުނދަގޫ ހާލަތެއް ނަމަވެސް ގުޅިގެން މަސައްކަތް ކުރާނަމަ މީގެ ކުރާނެ ފައިދާ ބޮޑު،"
ސްމޯލީ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ގެނައީ، ގަތަރު ފުޓްބޯޅަ އެސޯސިއޭޝަންގެ ސްޕޮންސަޝިޕެއްގަ އެވެ. މާނަ އަކީ އޭނާގެ މުސާރަ ހަމަޖައްސަނީ ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނުން ކަމަށްވުމެވެ. ސްމޯލީގެ މުސާރަ އަކީ، މަހަކު، 25،000 ޑޮލަރުތޯ އެހުމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މުސާރައިގެ ސީދާ އަދަދެއް ދަންނަވަން ދަތި ކަމަށާއި ކުރިން ސްމޯލީ އަށް ލިބެމުން އައި މުސާރަ އަށް ވުރެ އިތުރު ނޫނީ މަދު ވެސް ވެދާނެ ކަމަށެވެ.
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސްމޯލީ އެ ގައުމުގައި މަސައްކަތްކުރީ މަހަކު 15000 ޑޮލަރު އަށެވެ.
ސްމޯލީ އަކީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، އެފްއޭއެމް އިން ގެނައި ބިދޭސީ ތިން ވަނަ ޓެކްނިކަލް ޑިރެކްޓަރެވެ. އެ ގޮތުން، އެންމެ ފުރަތަމަ ޖޭން ވަންލީ ގެނައިއިރު، ދެން ހަވާލުވީ ޖުދާން އަލީ އެވެ. ބައްސާމް ވިދާޅުވީ، ވަންލީ އަށް އޭރު އޮތް މާހައުލާއި ހާލަތުގެ ސަބަބުން މަސައްކަތް ނުކުރެވި ދާން ޖެހުނީ ކަމަށާއި ޖުދާން އަލީ އަށް ޖެހުނީ ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ދަސްކޮށްގެން ކަންކަން ކުރަން ކަމަށްވާއިރު، އޭނާ ވީ "ފެއިލް" ކަމަށެވެ.
އެފްއޭއެމް އިން ސްމޯލީ އަށް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ދޭން ބެލިއިރު، ވިސްނި އެއް ކަމަކީ އޭނާ އަށް އޭޝިއާ ފުޓްބޯޅައިގައި ލިބިފައިވާ ތަޖުރިބާ އާއި ސްމޯލީ ހުއްޓައި، ބަންގްލަދޭޝް އިން ހޯދަމުން އަންނަ ކުރިއެރުން ކަމަށެވެ.
ބައްސާމް ވިދާޅުވީ އޮގަސްޓް މަހު މެދުތެރޭގައި އެފްއޭއެމްގެ އާ ޕްލޭން އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސްމޯލީ އަންނަނީ ފުޓްބޯޅައިގެ އެކި ތަޖުރިބާކާރުންނާއި ވާހަކަ ދައްކައި، މި ޕްލޭނަށް މައުލޫމާތު އެއް ކުރަމުންނެވެ.











