ވާދަވެރި ކޮންމެ ޕާޓީއަކުން ވެސް މަސައްކަތް ކުރާނީ އެ ޕާޓީއަކަށް ރައްޔިތުން އެންމެ ރުހޭނެ ސިޔާސަތުތައް ހިމެނޭ މެނިފެސްޓޯއެއް ހުށަހެޅުމަށެވެ. ބޭނުމަކީ ކޮންމެ މެނިފެސްޓޯއެއް އަޅައި ކިޔާފައި ދެވޭ ވޯޓަކުން، ރައްޔިތުންގެ އަޣުލަބިއްޔަތު ލިބޭ މެނިފެސްޓޯއެއް ކުރިއަށް އޮތް ފަސް އަހަރު ތަންފީޒު ކުރުމެވެ.
ވެރިކަން ކުރަން، ފަސް އަހަރުގެ މުއްދަތަށް ލިބޭ ޕާޓީގެ މަސްއޫލިއްޔަތަކަށް ވާނީ އެ މެނިފެސްޓޯގެ ވީހާ ވެސް ބޮޑު ބައެއް ތަންފީޒުކޮށް، ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ވެސް މެނިފެސްޓޯ ތަންފީޒުވާ މިންވަރު ބަލައި ފާރަވެރިވާނެ ގުނަންތައް އެކުލަވާލައި ހިންގުމެވެ.
ސަރުކާރު ހިންގަން އެ ފަސް އަހަރު ހަވާލުވާ ސިޔާސީ ޕާޓީން އެ ކަން ކުރަމުން އަންނަ ގޮތަށް ފާރަވެރިވާން، ވާދަވެރި ސިޔާސީ ޕާޓީ ނުވަތަ ޕާޓީތައް އޮންނާނެ އެވެ. އެއީ، ސަރުކާރުގެ ކޮންމެ ވަޒީރަކަށް ފާރަވެރިވާން، ވާދަވެރި ޕާޓީން ހިޔަނި ވަޒީރަކު ބަހައްޓައިގެން ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމަށެވެ.
ގިނަ ސިޔާސީ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ހިނގާނެ ކަމަށް ތަސައްވުރު ކުރެވިފައި އޮންނަ ގޮތަކީ އެއީ އެވެ. މީގެ 15 އަހަރު ކުރިން ފެހި ގާނޫނު އަސާސީ އެކުލަވާލީ އެ އުންމީދުގަ އެވެ. އެކަމަކު، ތިން ރިޔާސީ ދައުރު ނިމި، ހަތަރުވަނަ ރިޔާސީ އިންތިހާބަށް އޮތީ ދޮޅު މަހަށްވެފައިވާއިރު، ރައްޔިތުން އޭރު އުންމީދުކުރި ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ޑިމޮކްރެސީ ހިނގާފައިވޭ ހެއްޔެވެ؟
"ކުރިން ވަރަށް ޝައުގުވެރިވޭ، މިހާރު ފޫހި ސަޅި ބައިސާ އަޑުއަހަން، އަމަލުން ސުމެއް،" މީގެ ކުރީގައި ސިޔާސީ ލީޑަރަކަށް ތާއީދުކޮށް، މިހާރު އެއްވެސް ނަތީޖާއެއް ނުފެނި ދިޔުމުން ފޫހިވެފައިވާ ކަމަށް ހިޔާލު ފާޅުކޮށް ޒުވާނަކު ޓުވިޓާގައި ހިޔާލުފާޅުކޮށްފައިވެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން މިދިޔަ އަހަރު މަގުމަތިން އެކި މީހުންނާ ސުވާލުކުރަމުން 1،039 މީހުންގެ ހިޔާލު ހޯދާފައިވެ އެވެ. އެ ދިރާސާއިން ވެސް ދައްކަނީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ސިޔާސީ ޕާޓީތަކާއި، ސިޔާސީ މީހުން ދެކެ ފޫހިވެފައިވާ މިންވަރެވެ.
- ސަރުކާރު؛ އިތުބާރު ކުރަން ދަތި ކަމަށް 33.9 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 36 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 69.9 ޕަސެންޓް
- ކޯޓުތައް؛ އިތުބާރު ކުރަން ދަތި ކަމަށް 32.4 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 26.0 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 58.4 ޕަސެންޓް
- މަޖިލިސް؛ އިތުބާރު ކުރަން ދަތި ކަމަށް 28.8 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 56.6 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމަލަ 85.3 ޕަސެންޓް
- ޕާޓީތައް؛ އިތުބާރު ކުރަން ދަތި ކަމަށް 28.1 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 59.5 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 87.6 ޕަސެންޓް
"ގިނަ މީހުންގެ ވެސް މި ކަންބޮޑުވުން އެބަ ފެނޭ، މިހެން ދައްކާ ވާހަކަތަކަށް ބަލާއިރުގައި، ހަރު މީހުން ވެސް، ދޮށީ އުމުރުގެ މީހުން ވެސް، މެދު އުމުރުގެ މީހުން ވެސް، ޒުވާނުންގެ ތެރޭގައި އަދި މި ފްރަސްޓްރޭޝަން ބޮޑު،" މަންދު ކޮލެޖުގެ ބާނީ އިބްރާހިމް އިސްމާއިލް (އިބްރާ) އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައާއި ކުރިމަތިލާފައިވާ ގިނަ ކެންޑިޑޭޓުންނަކީ މީގެ ކުރިން ވެސް އިސް ސަފުން ފެނުނު މޫނުތަކެވެ. އާ ސިޔާސީ ހަރަކާތެއް އުފެދިފައި ނެތް އިރު، ކޮންމެ ފަަހަރަކު ވެސް އިންތިހާބު އޮންނަނީ އޭރެއްގައި އޮންނަ ގޮތް ބަދަލު ކުރުމަށް ނޫނީ ދެމެހެއްޓުމަށް ދެވޭ ފެންނަ ނުފެންނަ ވޯޓެއްް ގޮތަށެވެ.
"ފުރަތަމަ [ރައީސް މައުމޫން] ބޭރުކުރަން، ދެން 2013 ވަނަ އަހަރު އޭރު އޮތް އެންމެ ޕޮޕިއުލާ ކެންޑިޑޭޓު [ރައީސް ނަޝީދު] ނޫން ގޮތެއް، 2018 ގައި [ރައީސް ޔާމީން] ބޭރުކުރަން، މި ފަހަރު ވެސް [ރައީސް ސޯލިހު] ބޭރުކުރަން ބަޔަކު ގުޅިގެން އެކަކު ނެރޭ ވާހަކަ،" އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކާއި ލީޑަރުންނާ މެދު އާންމު ރައްޔިތުން ފޫހިކުރުވި އަނެއް ކަމަކީ ފަރުގާގެ ފުރަގަހުގައި ކުރެވޭ މަޝްވަރާތަކެވެ. އިންތިހާބުން ރައްޔިތުންނަށް ލިބެން އޮންނަ އިހުތިޔާރުތައް މަދުކުރުމުގެ މަޝްވަރާ އެވެ. މި ފަހަރު ވެސް ވެރިކަމާ ދެކޮޅަށް ވާދަވެރި އެންމެން އެކަކު ނެރުމުގެ މަޝްވަރާ އެބަ ހިނގަ އެވެ.
"އެހެން ފަހަރު ފަހަރަށް ސިޔާސީ ކަންކަމުގައި އާންމުން އެހާވަރަށް ހަރަކާތްތެރިވެފައި މިފަހަރު ހަރަކާތްތެރި ނުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް، އެކަމުގެ އެއް ސަބަބަކީ ރައްޔިތުންނަށް [ވޯޓުލާނެ] ޗޮއިސްތަކެއް ނުދެއްކުން،" ކުރީގެ ފޮރިން މިނިސްޓަރު އަދި ޕޮލިޓިކަލް އެނަލިސްޓް ޑރ. މުހައްމަދު ޝަހީދު ވިދާޅުވި އެވެ.
ކަމުދާ ކެންޑިޑޭޓަކު ނެތްކަން ބުނުމުގެ ހައްގު
އިންތިހާބުތަކަކީ، ޑިމޮކްރެސީއެއްގައި ހިޔާލު ފާޅުކުރުމުގެ އެންމެ ބޮޑު ހަރަކާތެވެ. މާ ބޮޑު އުފުލުމެއް ނެތަސް ވޯޓު ފޮށި ކައިރިއަށް ގޮސް ވޯޓު ކަރުދާހުގައިވާ އިހުތިޔާރުތަކުގެ ގޮޅިތަކުން އެއް ގޮޅިއެއްގައި ކުރަހާލާ ފާހަގައަކީ ކުރިއަށް އޮތް ފަސް އަހަރަށް ގައުމު ބާއްވަން އެ މީހަކު ދެކޭ ގޮތް އޭގައި ބުނުމެވެ.
ނަމަވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ތިމާ ކަމުދާ ކެންޑިޑޭޓަކު ނެތް ނަމަ އެހެން ބުނުމުގެ ހައްގު އިންތިހާބުގައި ލިބިގެން ނުވާނެ ހެއްޔެވެ؟ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކުގައި ރައްޔިތުންނަށް ރަނގަޅު ސިޔާސަތުތަކެއް އޮތް ކަމަކަށް ތިމާއަށް ގަބޫލު ނުކުރެވޭ ހާލަތުގައި ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި އިބުރާ ދެކެވަޑައިގަންނަވާ ގޮތުގައި "ނަން އޮފް ދަ އެބޯވް" ނުވަތަ "ކަމުދާ ކެންޑިޑޭޓަކު ނެތް" ގޮޅިއެއް ވޯޓު ކަރުދާހުގައި އިތުރުކުރުމަކީ މިހާރު ރާއްޖޭގައި އެކުލަވާފައިވާ ސިޔާސީ ނިޒާމުގައި ޖާގަ ދެވިދާނެ ކަމެކެވެ.
"ނަން އޮފް ދަ އެބޯވް އޮޕްޝަނެއް ނެތިއްޔާ ވޯޓު ދޭން ނުނުކުތުން ވާނީ ދެރަ ކަމަކަށްތާ. އޭރަށް ޑެފޯލްޓުން ވޯޓު ދިން މީހުންގެ ތެރެއިން ގިނަ ވޯޓު ލިބޭ މީހަކު ހޮވޭނީ، މި އޮތް ނިޒާމާއި ގާނޫނުތަކާއި ގާނޫނު އަސާސީއާ ފުށުއަރާ ކަމެއް ނޫން އެއީކީ،" އިބްރާ ވިދާޅުވި އެވެ.
މިހާރު ވެސް ބައެއް ގައުމުތަކުގައި އެ ގޮތަށް ފަރިތަކުރަމުން އަންނަ އިރު، އިބްރާ ފާހަގަ ކުރެއްވި ނުކުތާއަކީ އެފަދަ ބަދަލެއް ރާއްޖެއަށް ގެންނަ އިރު އެ އިހުތިޔާރު ނުކުމެދާނެ ކޮންމެ ހާލަތެއް ތަސައްވުރުކޮށް އަންދާޒާ ކުރެވިފައިވާ އުސޫލެއް ބޭނުންވާނެ އެވެ.
"ނަން އޮފް ދަ އެބޯވްއަށް 50 ޕަސެންޓް މީހުން ވޯޓު ދީފިއްޔާ ކިހިނެއްތޯ ވާނީ، އޭގެ މާނައަކީ ރައްޔިތުންގެ މެޖޯރިޓީ އެ ބުނީއޭ މި ތަނުން އެކަކު ވެސް ބޭނުމެއް ނޫނޭ، ދެން އެ މީހުނަކަށް ކުރިމައްޗެއް ނުލެވޭނެތާ، އޭރަށްތާ އެ އޮޕްޝަން އޮތުމުގެ ހަމައެއް ވެސް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ފަހު ގާނޫނީ ހައިސިއްޔަތެއްގައި ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި އިބރާ ދެކެވަޑައިގަންނަވާ ގޮތުގައި، އެ ބަދަލު ގެނެސްފި ނަމަ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީ ހަރުދަނާވުމަށް ބާރު އެޅުމުގެ ފުރުސަތު އެބަ އޮތެވެ.
"އޭރުން ޕާޓީތަކުން ކެންޑިޑޭޓަކު ނެރޭ އިރުގައި ވެސް ޕާޓީތަކުގެ އިންޓާނަލީ (އެތެރެއިން) ވެސް ބަލާނެ ޕަބްލިކް (ރައްޔިތުން) ބަލައިގަންނާނެ ކެންޑިޑޭޓަކު ނެރެން، ނޫނީ ނުހޮވި ވެސް ހިނގައިދާނެތާ، އެ ގޮތުން ލިބިދާނެ ޕޮޒިޓިވް ރެޒަލްޓެއް،" އިބުރާގެ ނަޒަރުގައި އޭގައި ހުރި ފައިދާތައް ކިޔައިދެއްވި އެވެ.
ނަމަވެސް ޑރ. ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ރިޔާސީ އިންތިހާބުގައި ވޯޓުލާން މި އޮންނަ، އެންމެ މަގުބޫލު ކެންޑިޑޭޓަކު ކާމިޔާބު ކުރެވޭ ގޮތަށް "ޓޫ ރައުންޑް ސިސްޓަމް" އެއްގައި "ނަން އޮފް ދަ އެބޯވް" އޮޕްޝަން ހިމެނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
"ކޮންމެހެން އެންމެ ގިނަ ވޯޓު ލިބޭ މީހާއަށް ބާރު ލިބިދެވޭ ގޮތަށް މި އޮންނަ ނިޒާމުތަކުގެ ބަދަލުގައި ރައްޔިތުންގެ ހުރި ތަފާތު ހިޔާލުތަކަށް އެންމެ ތަނަވަސްކޮށް ޖާގަ ލިބިދޭ އިންތިހާބީ ނިޒާމެއްގައި އެހެން ވާނީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެފަދަ ގޮޅިއެއް ހިމަނައިގެން އެކި ފަހަރު މަތިން ވެސް ރައްޔިތުންގެ އަޣުލަބިއްޔަތު ރުހުން އެއްވެސް ކެންޑިޑޭޓަކަށް ނުލިބިއްޖެ ނަމަ ރައީސަކު އިންތިހާބު ނުކުރެވި ދިގުދެމިގެން ދިޔުމުގެ ބިރެއް އެބަ އޮތެވެ. އިބުރާ ވެސް އެ ނުކުތާތަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ.
"އެ ކަހަލަ އޮޕްޝަނެއް އޮވެގެން އެއްވެސް މީހަކު ނުހޮވުނީމައި އަނެއްކާ އިންތިހާބު ބާއްވަން ނަގަން އެދާ ވަގުތާއި، އަނެއްކާ ވަރަށް ބޮޑު ހަރަދެއް ހިނގާނެދޯ އަނެއް ބުރު ބާއްވަން ވެސް، ދައުރު މުއްދަތު ހަމަވާއިރު ވެސް ބަޔަކު ނުހޮވުމުގެ ބިރު ވެސް އޮންނާނެ އޭރަށް،" އިބްރާ ވިދާޅުވި އެވެ.
ބޭނުމީ ކޮންމެ ކެންޑިޑޭޓެއް ވަޒަންކުރެވޭ ވޯޓެއް؟
"ކަމުދާ ކެންޑިޑޭޓަކު ނެތް" ނުވަތަ "ނަން އޮފް ދަ އެބޯވް" އޮޕްޝަން ބޭނުންކުރާ ގައުމުތަކަށް ބަލާއިރު ބައެއް ގައުމުތަކަކީ ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކެވެ. އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ އާއި ލަންކާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.
ދެން ހިމެނެނީ ޕްރެފެންޝަލް ވޯޓިން ސިސްޓަމް އޮންނަ ގައުމުތަކެވެ. އޭގެ ތެރޭގައި ރިޔާސީ ނިޒާމު ހިމެނޭ ގައުމުތަކާއި ބަރުލަމާނީ ނިޒާމު ފަރިތަކުރާ ގައުމުތައް ހިމެނޭއިރު ދެ ނިޒާމުގެ ސިފަތައް މަސްހުނިކޮށް އެކުލަވާލާފައި އޮންނަ ނިޒާމަކަށް އަމަލުކުރާ ގައުމުތައް ވެސް ހިމެނެ އެވެ.
މި ނިޒާމުގައި ވޯޓު ދޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓް ކޮށްގެނެވެ. ވޯޓުލާ ކޮންމެ މީހަކަށް ކަމުދާ ތަރުތީބުން ވޯޓު ދެވޭ ގޮތަށެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް ޖަހައިގެން ރޭޓް ކޮށްގެންނެވެ. އިންތިހާބު ކާމިޔާބު ކުރާނީ އެންމެ ގިނަ މީހުން "އެކެއް" ގޮތުގައި ބަލައިގަންނަ ކެންޑިޑޭޓެވެ.
މި ނިޒާމުގައި ވެސް 50 އިންސައްތަ ރައްޔިތުންގެ ރުހުން މަދުވެގެން އޮތްތޯ ބަލާނެ އެވެ. އަދި 50 އިންސައްތަ ރައްޔިތުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ، ދެން ބަލާނީ "ދޭއް" ރޭޓިން ދިން ގޮތަށެެވެ. "ދޭއް" ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުލައެވެ. "ދޭއް" ރޭޓިންއަށް ފަހު ވެސް 50 އިންސައްތަ ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ހަމަ ކުރިއަށް ދާނެއެވެ. އާންމު ގޮތެއްގައި ފުރަތަމަ ބުރުން މީގައި ނަތީޖާ ނެރެވޭނެ އެވެ.
ޑރ. ޝަހީދު ތާއީދުކުރައްވާ ނުކުތާއަކީ އެއީ އެވެ؛ ކަމުދާ ކެންޑިޑޭޓަކު ނެތް ކަން ބުނުމުގެ ހައްގު އިންތިހާއަށް ބޭނުންވާ ނަމަ، ބަދަލުކުރަންވީ ކަމަކީ ވޯޓު ލުމުގެ ނިޒާމެވެ. އެއީ ކޮންމެ ކެންޑިޑޭޓަކު ވެސް ވަޒަންކޮށް ރޭންކުކޮށްގެން ވޯޓު ދޭން އޮންނަ ނިޒާމަކަށް ހެދުމެވެ.
"ނަން އޮފް ދަ އެބޯވް އެއީ އޮންނަން ޖެހޭ ކަހަލަ ކަމެއް ކަމަކަށް ރައްޔިތުންނަށް ވިސްނެންޏާ ދެން ޖެހޭނީ އިންތިހާބު ކުރާ ނިޒާމު ބަދަލުކޮށްލަން، އެންމެ ގިނަ ވޯޓު ލިބޭ މީހާ ހޮވަން އޮންނަ ނިޒާމެއްގައި ނަން އޮފް ދަ އެބޯވް ޖެހުމަކީ އެހާ ގުޅޭ ކަމެއް ނޫން،" ޝަހީދު ވިދާޅުވި އެވެ.
އިބްރާއަށް ވެސް މިހާރު އޮތް ނިޒާމުގައި "ކަމުދާ ކެންޑިޑޭޓަކު ނެތް" އިހުތިޔާރު ވޯޓު ކަރުދާހުގައި ހިމަނައިގެން ކުރިއަށް ދިޔުމަށް ވުރެ ވެސް، ރާއްޖޭގައި މިހާރު އޮތް ސިޔާސީ ގިނަ މައްސަލަތަކުގެ ހައްލަކީ އޭގެ ނިޒާމަކަށް ވޯޓު ލުމުގެ ނިޒާމު ބަދަލުކޮށްލުމެވެ.
"ޕްރެފެންޝަލް ވޯޓިން ސިސްޓަމްއަކަށް ބަދަލު ވާންވީއޭ، ޕްރެފެންޝަލް ވޯޓިން އައިމަ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު އޭރަށް ހޮވޭނީ، ހަމައެކަނި މަގުބޫލު ކެންޑިޑޭޓެއް ވެސް ނޫން މި ހޮވެނީކީ،" ތައުލީމީ ދާއިރާގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އިބްރާ ވިދާޅުވި އެވެ.
ފަރުދީ ޒިންމާ އެނގުމާއި ޑިމޮކްރެސީގެ ފެންވަރު
އިންތިހާބީ ނިޒާމު ކޮންމެ ގޮތަކަށް އޮތަސް، އެންމެ ފަހުން ނިމިގެން ދަނީ ރައްޔިތުންގެ ނިންމުމެއް ކަމުގައި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން އަދި އެ އިލްމުގެ މާހިރުން ދެކެ އެވެ.
އެންމެ ފުރަތަމަ ކަމަކަށް، ޑިމޮކްރެސީގެ ފަލްފަސާއަކީ ވެސް "އައިޑިއަލް" ނުވަތަ "ހިތް އެދޭ ފުރިހަމަ ކެންޑިޑޭޓެއް" ނެތުން ކަމަށް އެއްބަސްވުމެވެ. އެހެންވެ ހުރި އިހުތިޔާރުތަކުގެ ތެރެއިން ކަމުދާ ސިޔާސަތުތަކެއް ހުށަހަޅާ މީހަކު ހޮވުމެވެ. އަދި "ލެސާ އީވިލް ސައިޑް" ނުވަތަ "ކުޑަ ނުބައި" އިހުތިޔާރު ކުރުމެވެ.
އޭގެ ފަހުން ރައްޔިތުންގެ އަޣުލަބިއްޔަތުގެ ރުހުން ލިބޭ މެނިފެސްޓޯއެއް ތަންފީޒުކުރާ ވަރު ފާރަވެރިވާން ކުރިއަށް އޮތް ދައުރަށް ރައްޔިތުން ތިބުމެވެ. ރައްޔިތުން އެދޭ ގޮތާ ދުރަށް، އިންތިހާބުކުރި މަންދޫބުން ދާނަމަ، އިހުތިޖާޖު ކުރުމެވެ. މީގައި ފަރުދީ ޒިންމާއެއް އެބަ އޮތެވެ.
"އިން އަ ޑިމޮކްރެސީ ޔޫ ގެޓް ދަ ގަވަރުމަންޓް ދެޓް ޔޫ ޑިޒާވް، ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބޭނީ އެ ރައްޔިތުންނަށް ހައްގުވާ ވަރަށް އޮތް ސަރުކާރެއް،" ޔޫސުފް ދަ މައިސްޓްރޭގެ މުވާހަރާއަކަށް އިޝާރާތްކުރައްވާފައި އިބްރާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އޭގައި ވާދަ ކުރަނެ ކެންޑިޑޭޓުން ގާތްގަނޑަކަށް މިހާރު ސާފެވެ. ޕާޓީތަކުގެ އެތެރޭގެ މަޝްވަރާތަކުގައި އިހުތިޔާރުތައް މަދުވާނެ ގޮތަކަށް، އެ ބަޔަކު އިއްތިހާދުވުމުގެ ވާހަކަތަކެއް ދެކެވޭކަން ވެސް ސާފެވެ. އެހެންކަމުން ކުރަންވީ ކަމަކީ ކަމުދާ މީހާ އަވަހަށް ހޯދައި އޭނާ ނެރުމެވެ.
"އެއީތާ ޕޮލިޓިކަލް ޕާޓީސް އެރޭންޖްވާ ގޮތަކީ ވެސް، އެކްޒިސްޓިން އެރޭޖްމަންޓްގެ ތެރޭގައި، މިހާރު އިންތިޒާމުވެފައިވާ ސިޔާސީ ހަރަކާތްތަކާ މެދުގައި ވެސް ހިތްހަމަނުޖެހޭ ކަންކަން ހުރެގެން އެ ހިތްހަމަނުޖެހުމުގައި ހިޔާލުފާޅުކުރަން ދޯ އާ ބަޔަކު ނުކުތުން،" އިބްރާ ވިދާޅުވި އެވެ.
ނަމަވެސް އާ ސިޔާސީ ހަރަކާތެއް އުފެއްދުމުގައި އެތައް ގޮންޖެހުމެއް އޮތް ކަން މި ރިޕޯޓަށް ވާހަކަ ދެއްކެވި އެންމެން ވެސް ގަބޫލުކުރައްވަ އެވެ. އޭގައި ގާނޫނީ އެތައް ހުރަހެއް އޮތުމާއި ސިޔާސީ ޕާޓީތަކުގެ އެތެރޭގައި އެތައް ގޮންޖެހުމަކާއި ހުރަހެއް ބިނާކޮށްފައި އޮތް ކަން ދިރާސާތަކުން ވެސް ދައްކަ އެވެ.
"ގިނަ ސިޔާސީ ޕާޓީތަކުގައި ޒުވާނުންގެ ގޮފިތައް އެކުލެވިފައިވީ ނަމަވެސް ސިޔާސީ މައިދާންތަކުގައި ޒުވާނުންނަށް ކުރިއަރާ، އިސް މަގާމުތަކަށް އެރުމުގެ ފުރުސަތު ކުޑަ އެވެ. ސިޔާސީ ކަންކަމާއި މުއައްސަސާތަކާ މެދު ޒުވާނުންގެ އިތުބާރު ކުޑަވެފައިވެ އެވެ." ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން، މި ރިޔާސީ އިންތިހާބަށް ތައްޔާރުކުރި ޕްރީ-އިލެކްޝަން އެސެސްމަންޓްގައި ހިމަނާފައިވެ އެވެ.
ޔުނިވާސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ތަގުރީރު ދެއްވާ ޑރ. އަހުމަދު ޝަހީދު ގަބޫލުކުރައްވާ ގޮތުގައި ވެސް ދިމާވެގެން އުޅޭ މައްސަލައަކީ ވެސް އެއީ އެވެ. ނަން އޮފް ދަ އެބޯވް އޮޕްޝަނެއް ވޯޓު ކަރުދާހުގައި ނެތުމަށް ވުރެ ސިޔާސީ އާ ހަރަކާތްތަކަށް ޖާގަ ނުދެވުނެވެ.
މިސާލުތަކެއް ވެސް ޑރ. ޝަހީދު ދެއްކެވި އެވެ؛ އާ ސިޔާސީ ޕާޓީއެއް އުފައްދާނަމަ 3،000 މެންބަރުން ހަމަކުރަން ޖެހެ އެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާނަމަ 1،500 އެއްހާ ސޮއި ހޯދަން ޖެހުމެވެ. ކޮންމެ ކެންޑިޑޭޓަކު 100،000 ރުފިޔާ ފީގެ ގޮތުގައި ދައްކަން ޖެހުމެވެ. މި ހުރިހާ ކަމެއް މިހެން އޮތް އިރު، ސިޔާސީ ޕާޓީތަކުގެ އެތެރެއިން އާ ލީޑަރަކަށް ޖާގަ ދިނުމެއް ނޯވެ އެވެ.
"ރައްޔިތުން އެންމެ އެދޭ މީހަކު ކޮބައިތޯ، އޭނައަށް ނުނުކެމެވި ތިބީ ކީއްވެތޯ، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީއާއި، މުޅި މުޖުތަމައުގައި ޑިމޮކްރެސީގެ ހަމަތައް ފަރިތަކުރެވޭ ނިސްބަތް، ޑިމޮކްރެސީގެ ފޭރާން އޭގައި މި އޮންނަނީ،" ޝަހީދު އިތުރަށް ވިދާޅުވި އެވެ.
ފޯމީއަށް ވެސް ތަޖުރިބާކުރެވިފައި އޮތް ކަމަކީ ހިޔާލު ފާޅުކުރުމުގެ ހަރަކާތްތައް ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ވެސް މަދުކޮށްފައި އޮތުމެވެ. ވެރިކަން ކުރާ ސިޔާސީ ޕާޓީގެ ޖަގަހަތަކަކީ އެންމެނަށް ވެސް ހުޅުވިފައި އޮންނަ، ރައްޔިތުންގެ ޝުއޫރުތައް އަބަދުވެސް އިއްވާން ޖާގަ ދީފައި އޮންނަ މާލަންތަކެއްގެ ގޮތުގައި ހަދަން ޖެހެ އެވެ.
"ގިނަ ރައްޔިތުންނަކަށް އިލްމެއް ނެތް ކިހިނެއްކަން މި ވަނީއެއް، ސަރުކާރުން، ސަރުކާރުގެ އިދާރާތަކުން، މުއައްސަސާތަކުން، ވުޒާރާތަކުން، މައުލޫމާތުތައް އެބަ ހިފަހައްޓާ، ހަގީގަތުގައި ޕޮލިޓިކްސް މި ކުޅެނީ ވަރަށް އަޑީގައި، މި ސިއްރުން ބަޔަކު ނުވައްދާ މީޓިންތަކުގައި ޑީލް ހަމަޖައްސާނީ،" ފޯމީ ވިދާޅުވި އެވެ.
"ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ވެރިކަން ކޮށްދިނުމުގެ ބަދަލުގައި ކޮންމެ ފަހަރަކު ފެންނަނީ ފައިސާވެރި މަހުޖަނުންނަށް ވެރިކަން ކޮށްދޭ ފަރާތްތައް،" ފޯމީ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުން ތައްޔާރަށް ތިބި ނަމަވެސް ރައްޔިތުން ތައްޔާރަށް ތިބި ކަމަކަށް ދިރާސާތަކުން ވެސް ނުދައްކަ އެވެ. އަދިވެސް ގިނައީ ވޯޓުލާން ގޮތެއް ނުނިންމި ތިބި މީހުނެވެ. ކަމުދާ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް، އެންމެ ކަމުނުދާ ކެންޑިޑޭޓަށް ޖަގާ ނުދިނުމުގެ ވޯޓަކަށްވާ ނަމަ، ޑިމޮކްރެސީ އޭގެ ޒާތުގައި އެންމެ ރަނގަޅަށް އެބަ ފަރިތަ ކުރެވޭ ހެއްޔެވެ؟












