ޔާމީނަށް ޑޮލަރު މާރުކުރަން ކުންފުނިން ދިން ޗެކުގައި އޮތީ ކްރިކް ރިޒާގެ ނަން: ހެކި

ޔާމީނަށް ޑޮލަރު މާރުކުރަން ކުންފުނިން ދިން ޗެކުގައި އޮތީ ކްރިކް ރިޒާގެ ނަން: ހެކި

ސަން ކޮންސްޓްރަކްޝަން ކުންފުންޏަށް ޑޮލަރު ޖަމާކުރުމަށް އަހުމަދު ކްރިކް ރިޒާގެ ނަމާއި ސޮއިކޮށްފައިވާ ޗެކެއް ލިބުނު ކަމަށް، އޭރު އެ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރުގެ ވަޒީފާގައި ހުރި ސްރީ ލަންކާގެ ސްރީތަކުމާރު ޝަރީއަތުގައި މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

ޔާމީނާއި ސަން ކުންފުނީގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް މިހާރު ކުރިއަށް ދާއިރު ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ނުނެގި އޮތީ އެންމެ ދެ ހެކިންގެ އެވެ.

މިއަދު ހެނދުނު ފެށި ޝަރީއަތުގެ އަޑުއެހުމުގައި، ސަން ކޮންސްޓްރަކްޝަންގެ ފިނޭންސް ޑިރެކްޓަރުގެ ވަޒީފާގައި ކުރިން ހުރި ސްރީތަކުމާރު ހެކިބަސް ނަގަން ފެށި އެވެ.

ހެކިބަސް ދެމުން އޭނާ ބުނީ ޑޮލަރު މާރުގެ މުއާމަލާތެއް ކުރަން އޮތް ކަމަށް އޭނާއަށް ފުރަތަމަ އެންގީ ސަން ކުންފުނިތަކުގެ ވެރިޔާ، އޭރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ.

އޭގެ ފަހުން އެމްޑީއޭގެ ނައިބު ރައީސް އަހުމަދު މައުރޫފު، އިތުރު މީހަކާއެކު އޭނާއާ ބައްދަލުކޮށްފައިވާ ކަމަށް ސްރީތަކުމާރު ބުންޏެވެ. ސަން ކޮންސްޓްރަކްޝަން ކުންފުނީގެ އެކައުންޓަށް ޖަމާކުރަން އެ ދުވަހު އޭނާއަށް ދިން ޗެކުގައި އޮތީ ރިޒާގެ ނަން ކަމަށް ވެސް އޭނާ ބުންޏެވެ.

ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ނަމަވެސް އެ ކުންފުންޏަކީ ކަރެންސީ އެކްސްޗޭންޖުގެ ލައިސެންސް އޮތް ކުންފުންޏެއް ނޫން ކަމަށް ސްރީތަކުމާރު ބުންޏެވެ. އެހެންވެ އެ ލައިސެންސް އޮތް ސަން އިންވެސްޓްމަންޓްގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރި އެވެ.

ޗެކުގައި ވަނީ ކިހާ އަދަދެއްގެ ފައިސާތޯ ދައުލަތުން ސުވާލުކުރުމުން ހެކިވެރިޔާ ބުނީ ސީދާ އަދަދު ހަނދާން ނެތް ނަމަވެސް އެއީ އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ.

އޭގެ ފަހުގައި ވެސް މައުރޫފު، ކުރިން ވެސް ބައްދަލުކުރި މީހާ ގޮވައިގެން ބައްދަލުކުރަން އައި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ކުރީގެ ރައީސް ޔާމީން ދިވެހި ރުފިޔާއިން ދައްކަން ޖެހޭ ޖުމުލަ ފައިސާގެ އަދަދު ދައްކާފައިވާ ކަމަށް ބުނެ ފައިސާ ރަސީދެއް ހިއްސާކުރި އެވެ. އޭގައި ވެސް ސޮއިކޮށްފައި އޮތީ ރިޒާ ކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ކުރިމަތިކުރި އިތުރު ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ ޔާމީންގެ އެކައުންޓަށް ޑޮލަރު ޖަމާކޮށް ދިނީ ދިވެހި ރުފިޔާގެ އަދަދު ރިޒާއަށް ލިބިފައިވާ ކަން އޭނާ ޔަގީންކޮށްދީ އެކަން މައުރޫފާ ހިއްސާކުރުމުން، މައުރޫފް އެކަން އޭނާއަށް އެންގި ކަމަށެވެ.

ދައުލަތުން އިތުރަށް ވެސް ސުވާލުތަކެއް ކުރި ނަމަވެސް ހެކިވެރިޔާ ބުނީ ދިވެހި ރުފިޔާގެ ފައިސާ ދިންތޯ އާއި ނުދިންތޯ އާއި އޭނައަށް ދިވެހި ރުފިޔާ އައީ ކިހިނެއްތޯއާ މި ހުރިހާ ތަފުސީލެއް ބެލުމަކީ އޭނާގެ ޒިންމާގައި ނެތް ކަމަކަށް ވާތީ އެއިން ކަމެއް ބަލާފައި ނޯންނާނެ ކަމަށެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ހެކިވެރިޔާ ހާޒިރުކޮށް، އޮންލައިންކޮށް ހެކިބަސް ދެމުން ދިޔައިރު އެކި ވަގުތު އިންޓަނެޓް ކަނެކްޝަންގެ މައްސަލަތައް ދިމާވި އެވެ. އެހެންވެ، ޝަރީއަތުން އެދުނީ ހެކިވެރިޔާގެ ހެކިބަހުގެ ދެން އޮތް ބައި އެހެން ދުވަހަކަށް ގެންދިޔުމާ މެދު ދައުލަތުން ގޮތަކަށް ނިންމުމަށެވެ. ދައުލަތުން އެ ކަމުގައި މަޝްވަރާ ކުރަން ބޭނުންވާތީ ޝަރީއަތް މެދުކަނޑާލި އެވެ.

އޭގެ ފަހުން ޝަރީއަތް ފެށުމަށް ފަހު އާދީއްތަ ދުވަހު އޭނާ ރާއްޖެ ގެނެސްގެން ކޯޓަށް ހާޒިރުކޮށް, ހެކިބަސް ނަގާ ގޮތަށް ހަމަޖެއްސުމަށް ދައުލަތަށް ގާޒީ އެންގެވި އެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

ނަމަވެސް އޭގެ ތެރެއިން ކްރިކް ރިޒާއަށް ކުރާ ދައުވާ މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ. އެއީ އޭނާ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ރިޒާއާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ދެއްކި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ފުލުހުން ތަހުލީލުކޮށް ނިމެންދެންނެވެ. ތަހުލީލުކޮށް ނިމުމުން އެ ދައުވާ އަލުން ހުށަހެޅޭ ގޮތަށް ދައުވާ ގެންދަން ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.

ޔާމީން ތަހުގީގަށް ދިން ބަޔާން؛

ޔާމީން ތަހުގީގަށް ދެއްވި ބަޔާނުގެ ކޮޕީއެއް "އަދަދު"އަށް ލިބިފައިވާ އިރު، އެމަނިކުފާނުގެ ވާހަކަތަކުގައި، ތުހުމަތުތަކުން ދިފާއުވާން ފައިސާގެ މުއާލާތް ހިންގެވި ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ.

ޔާމީން ތަހުގީގަށް ކިޔައި ދެއްވި ގޮތުގައި ދައުލަތުން ތުހުމަތުކުރާ 1.1 މިލިއަން ޑޮލަރު ލިބުނީ، އެ އަދަދަށްވާ 17 މިލިއަން ރުފިޔާ، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްއާ ހަވާލުކުރެއްވުމުންނެވެ. މި މުއާމަލާތް ސިޔާމްއާ އެކު އެމަނިކުފާނު ހިންގެވީ 2016 ގައި ކަމަށް ތަހުގީގަށް ވިދާޅުވެފައިވެ އެވެ.

ސިޔާމް އަތުން 1.1 މިލިއަން ޑޮލަރު ގަތީ، ޔާމީން ވިދާޅުވެފައިވާ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް އެކަށީގެންވާ އަދަދެއް ޖަމާކޮށްފައި ބެހެއްޓުމަށެވެ.

ތަހުގީގަށް ކިޔައި ދެއްވި ވާހަކަތަކުން އެނގޭ ގޮތުގައި ޔާމީން މި މުއާމަލާތް ހިންގަވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރި ފަހުންނެވެ.

ޔާމީން ވިދާޅުވީ ޑޮލަރުގެ މުއާމަލާތް ހިންގެވުމަށް ވާހަކަ ދެއްކެވީ ހަމައެކަނި ސިޔާމްއާ ކަމަށެވެ. ފައިސާގެ ހުރިހާ ކަމެއް ކުރިއަށް ގެންދެވީ އެމަނިކުފާނު ގެކޮޅު، ދޫވެހީގައި ކަަމަށް ވެސް ވިދާޅުވި އެވެ.

ސިޔާމްއާ އެކު އެއްބަސްވެވުނު ގޮތަށް ފުރަތަމަ ސަން އިންވެސްޓްމެންޓް އެކައުންޓުން 1.1 މިލިއަން ޑޮލަރު ޓްރާންސްފާކުރުމުން، އެ ފައިސާ ލިބުނު ކަމުގެ ލިޔުމުގައި ސޮއިކުރީ އަމިއްލަ ގޭގައި ސިޔާމްގެ ފަރާތުން މީހެއްގެ ހާޒިރުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ތަހުގީގަށް ބަޔާން ދެއްވި އިރު އެއީ ކާކު ކަން އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް، ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި އެ މީހަކީ ލަންކާގެ ރައްޔިތެއް ކަމަށްވާ މިސްޓަ ތަންގްރާޖެވެ. އެއީ ސަން ސިޔާމްގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.

ފުއްގިރި މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން، ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ފުއްގިރި ދޫކުރީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.

އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox