ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި އޭނާ ދެން އޮތް ދައުރަކަށް ވެސް ނުވަތަ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ދެމިހުރުމުގައި ވެސް ގޮތް ނިންމާނީ ކްލަބްތަކުން އެދޭ ގޮތަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް އާއި ފުޓްބޯޅަ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދިނުމަށް ގަލޮޅު ދަނޑުގައި މިއަދު މެންދުރު ފަހު އެފްއޭއެމް އިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. މިއީ މި މަހު 15 ވަނަ ދުވަހު ބާއްވަން ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުމެއް ނަމަވެސް ބޭއްވުނީ މިއަދު އެވެ.
އެ ގޮތުން، އެއް ގަޑިއިރަށް ވުރެ ދިގުކޮށްދިޔަ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ފުޓްބޯޅަ އަށް އަމާޒުވި ފާޑުކިޔުންތަކާއި ކޮރަޕްޝަނާ ގުޅުންހުރި ތުހުމަތުތަކަށް ޖަވާބު ދެއްވައިފަ އެވެ.
ބައްސާމް ވިދާޅުވީ އޭނާ ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނައިރު، އިސްތިއުފާ ދޭން ޖެހެނީ "އެންމެ ފަހުން ދެ އަހަރެއްހާ ދުވަހު ހިނގި ކަންތައްތަކަށް" ބަަލައިގެން ކަމަށްވާނަމަ އެއީ "ދެކޮޅު ޖެހޭނެ" ކަމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން އޭނާގެ ދެ ދައުރުގެ ތެރެއިން ފުރަތަމަ ބައިގައި ރާއްޖޭގެ ފުޓްބޯޅައިން ރަނގަޅު ކާމިޔާބީތަކެއް ހޯދި ކަމަށާއި މައްސަލަ ދިމާވާން ފެށީ 2019 ވަނަ އަހަރުގެ ފަހުން މާލީ ގޮތުން ގިނަ ބުރަތަކެއް އުފުއްލަން ޖެހި، އޭގެ ތެރެއިން ކޮވިޑް19ގެ ކަންކަން ވެސް ކުރިމަތިވުމުން ކަމަށް ބައްސާމް ވިދާޅުވި އެވެ.
"ހަގީގަތުގައި ކްލަބްތަކަށް ދޭން ޖެހޭ މާލީ ސަބްސިޑީގެ ޒިންމާ އެފްއޭއެމް އިން ނެގި ހިސާބުން، އެފްއޭއެމްގެ ޑިވެލޮޕްމަންޓްގެ ގިނަ ކަންކަން ސެކްރިފައިސްކުރަން ޖެހުނު، މި ދަންނަވަނީ (މީގެ ކުރިން އަތުން ނުދާ) 24 މިލިއަން ރުފިޔާ އެ ދަނީ ބަޖެޓުން،" ބައްސާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (މ) އާއި ނައިބު ރައީސް އަލީ އުމަރު (ކ) އަދި ޖެނެރަލް ސެކްރެޓަރީ ޖަވާޒް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަނެއްކޮޅުން، 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް، ކްލަބްތަކަށް ދެމުން އައި ތިން މިލިއަން ރުފިޔާ، މިހާރު އޮތް ސަރުކާރު (2019 ވަނަ އަހަރު) އައިސް ނުދޭން ނިންމުމުން އެ ހިސާބުން އެ ޒިންމާއާ ހަވާލުވީ ބޭރުގެ ސްޕޮންސަރުން އަތުން ލިބޭ ލާރިއަށް ބަލައިގެން، އެފްއޭއެމުންނެވެ.
ބައްސާމް ވިދާޅުވީ ކޮވިޑް19ގެ ހާލަތާ ހުރެ ދިމާވި ދަތިތަކުގެ ތެރެއިން ވެސް ކްލަބްތަކަށް އެފްއޭއެމުން އެ ފައިސާ އަދާކޮށްދޭވޭތޯ ބެލި ކަމަށެވެ. އަދި ދޭން ބުނި ދުވަހަށް ބަރާބަރަށް ދިނުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް ކްލަބްތަކަށް އެ ފައިސާ އަދާކުރީ، އެފްއޭއެމް އިން އެއްވެސް މުވަައްޒަފެއް އޭރު ވަކިނުކޮށް ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.
"އޭރު އަޅުގަނޑުމެން އެ ގޮތަށް އެ ނެގި ޑިޒިޝަންތަކުގެ ސަބަބުން މިހާރު އޭގެ މާލީ ގޮންޖެހުންތައް މި އަންނަނީ، ބޮޑު ބެކްލޮގެއް މި އޮތީ، އަދި އަޅުގަނޑުމެން މި ކުޅެނީ ފަަހަތަށް، ކުރިއަށް ކުޅެވޭ ދުވަސް ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭގައި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، ބަޖެޓް ކުރި ފައިސާ އަށް ވުރެ ބޮޑު ހަރަދެއް ހިނގި ކަމަށް ބައްސާމް ވިދާޅުވި އެވެ. އެފްއޭއެމްގެ ދަރަނި އެންމެ ބޮޑުވި އެއް ސަބަބެއްގެ ގޮތުގައި ބައްސާމް ފާހަގަކުރެއްވީ ސާފް ޗެމްޕިއަންޝިޕަށް ބަޖެޓް ކުރި ފައިސާ އަށް ވުރެ އިތުރަށް ކުރަން ޖެހުނު ހަރަދެވެ. އެ ގޮތުން، ސާފް ޗެމްޕިއަންޝިޕް ނިމުނުއިރު، 30 މިލިއަނެއްހާ ރުފިޔާގެ ދަަރަނި އޮތް ކަމަށް ވިދާޅުވި އެވެ.
"އެ ވަރުގެ ބެކްލޮގެއް ކްލިއާ ކުރާއިރު، މި ހުރި ގޮންޖެހުންތަކާ އެކު ވަގުތު ބޭނުންވާނެ،" ބައްސާމް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްްޔާ ވަރަށް އަވަހަށް ހައްލުވެގެންދާނެ،"
އެފްއޭއެމް އަށް ލިބޭ ފައިސާ އަކަށް ހިޔާނަތްތެރިނުވާ ކަމަށާއި އަބަދުވެސް އަމަލުކުރަމުން އަންނަނީ ފީފާ އިން ދޭ ބަޖެޓް ވިޔަސް އެހެން ގޮތަކުން ލިބޭ ފައިސާ ވިޔަސް އެއިރެއްގެ ހާލަތުގައި ކަންކަން މެނޭޖްކުރެވޭ ގޮތަށް ކަމަށް ބައްސާމް ވިދާޅުވި އެވެ.
އެ ގޮތުން ބަލާއިރު، އިދާރީ މައްސަލައެއްގެ ސަަބަބުން މުވައްްޒަފުންގެ ޕެންޝަން ނުދެވި 2017 ވަނަ އަހަރުން ފެށިގެން ހުރި ކަމަށާއި މިހާރު ވާނީ 2021 ވަނަ އަހަރާ ހަމައަށް ޕެންޝަންގެ ފައިސާ ދައްކާފައި ކަމަށެވެ. އަދި މި ވަގުތު ހުރީ 2021 އިން މި އަހަރުގެ މި ހިނގަމުންދާ މުއްދަތަށް ވާ ފައިސާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އޭގެ އިތުރުން، ފަސް ވަރަކަށް މަސް ވަންދެން ނުދެވި ހުރި އެފްއޭއެމްގެ މުވައްޒަފުންގެ މުސާރައިގެ އިތުރުން ދެން މި ގޮތަށް އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާތައް ވެސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ދައްކައި ހަލާސްކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބައްސާމް: ގިނަ ތުހުމަތުތަކަކަށް އިންކާރުކުރެއްވި،---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އުއްޗު ރޭވި މެޗުގެ ފައިސާ އެފްއޭއެމްގެ އަމިއްލަ ބޭނުމަށް ހަރަދުކުރި
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުރެއްދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި 2021 ވަނަ އަހަރު ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވުމުން ދޭން ނިންމި 1.2 މިލިއަން ރުފިޔާ މިހާތަނަށް ވެސް ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިއަކަށް ހަމައަށް ލިބިފައިނުވެ އެވެ.
އެކަމާ ބެހޭގޮތުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ބައްސާމް ވިދާޅުވީ، އުއްޗު ދޭން ނިންމި ފައިސާ އަކީ އެފްއޭއެމް އަށް ދިން ފައިސާ ކަމަށެވެ. އަދި އެފްއޭއެމް އިން އޭރު ނިންމީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވާދަކުރަން ޓީމު ތައްޔާރުވަމުން އަންނާތީ، އެ ޓީމު "މޯޓިވޭޓް" ކުރަަން އުއްޗު ދޭ އެ ފައިސާ ބެހުމަށް ކަމަށެވެ.
އެހެން ނަމަވެސް، އޭރު އެފްއޭއެމްގެ މާލީ ހާލަތު އެ ވަގުތު ދަށްވެފައިވާތީ އެ ފައިސާ އެފްއޭއެމްގެ ހިންގުމުގެ ބައެއް ބޭނުންތަކަށް ހަރަދުކުރި ކަމަށް ބައްސާމް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިއީ މި ފައިސާ އަށް ވީ ގޮތް މި ގޮތަށް އެފްއޭއެމް އިން ހާމަކުރި ފުރަތަަމަ ފަހަރެވެ.
"އެކަމަކު، އަޅުގަނޑުމެން މިހާރު މި އަންނަނީ އެ ފައިސާ ވެސް ކުޅުންތެރިންނަށް ހަަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން،" ބައްސާމް ވިދާޅުވި އެވެ.
އެ ފައިސާ ހަަމަޖައްސައިދޭން ބުނި ފަރާތްތަކުގެ ތެރެއިން ވިލާ ޓްރެވަލްސް އިން ދޭން ބުނި ފައިސާ އަދި ނުލިބޭ ކަމަށް އެފްއޭއެމުން ވަނީ މިއަދު ބުނެފަ އެވެ.

ބައްސާމް ވިދާޅުވި ގޮތުގައި އެފްއޭއެމަށް އޮތް ހުރަހަކީ މާލީ ގޮންޖެހުން: އެކަންކަން ހައްލުކުރަން ޕްލޭނެއް އޮތް ކަމަށް ވިދާޅުވި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފެއިލްވި ކަމަށް ބައްސާމް ގަބޫލެއް ނުކުރައްވާ
ބައްސާމްގެ ދައުރުގައި މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ ދަނީ ފަހަތަށް ނޫންތޯ، އެހެންވެ، ފެއިލްވި ކަމަށް އެއްބަސްވެ، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތްތޯ އެހުމުން އޭނާ ވިދާޅުވީ، އެ މަގާމުގައި އެ ހުރީ "ކްލަބްތަކުން އެ ގޮތަށް ބޭނުންވާތީ" ކަމަށާއި މާދަމާ ވެސް ކްލަބްތަކުގެ ތާއީދު އޭނާ އަށް ނެތް ހިސާބުން މަގާމުގައި ނުހުންނާނެ ކަމަށެވެ.
އެފްއޭއެމްގެ ރައީސަކު ހޮވާ އިންތިހާބުގައި މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ވޯޓެއް ނަގައިގެން އެކަން ކުރެވެން މި ވަގުތު ނެތް ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ކުޅިވަރު ގާނޫނު އެ ގޮތަށް ތަން ނުދޭތީ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އިތުރު ދައުރަކަށް އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާތޯ އެހުމުން ބައްސާމް ވިދާޅުވީ އެކަމުގައި ވެސް ގޮތް ނިންމާނީ ކްލަބްތަކުން ކަމަށެެވެ.
"ކްލަބްތަކުން ބޭނުންނުވާނަމަ ވަކި އަޅުގަނޑު މިތަނުގައި ހުރުމުގެ ބޭނުމެއް ނެތް،" ބައްސާމް ވިދާޅުވި އެވެ.
މި ފަހަރުގެ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓިއިރު، އެކަމާ ގުޅޭގޮތުން ބައްސާމް ވިދާޅުވީ ފެނުނީ އެއް ގޮތަކަށް ވެސް ބޭނުންވާ ވަރުގެ ނަތީޖާތަކެއް ނޫން ކަމަށެވެ. އަދި ހިނގައިދިޔަ ކަންތައްތައް ބަލައި، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުން ނިންމަން ޖެހޭ ނިންމުންތައް އަންނާނެ ކަމަށެވެ.
ގައުމީ ކޯޗަކަށް ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ މުސާރަ ހަމަޖައްސަނީ ސްޕޮންސަރެއް މެދުވެރިކޮށް ކަން ފާހަގަކުރައްވައި، ބައްސާމް ވަނީ ކޯޗަށް ވެސް ނުދޭ މުސާރަ ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އުސޫލުތައް މިހާރު ހުރި ގޮތުން ބޭނުންވާއިރަށް ކޯޗު ވަކިނުކުރެވޭ ކަމަށް ފާހަގަކުރައްވައި ބައްސާމް ވިދާޅުވީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ގައުމީ ކޯޗަކަށް ހުރި މާޓިން ކޫޕްމަން އާއި ރެނޭ ހިޑިންކް ވަކިކުރުމުގައި އެފްއޭއެމް އިން އަވަސް އަރުވާލައިގެން ކަންކަން ކުރި ގޮތުން ބޮޑު އަދަދެއް ފީފާ މެދުވެރިކޮށް އައި މައްސަލައިގައި ދައްކަން ޖެހުނުކަން ބައްސާމް ފާހަގަކުރެއްވި އެވެ. އެހެންވެ، އެ ހުރިހާ ކަންކަމުން ލިބުނު ތަޖުރިބާ އަށް ބަލައި، ގޮތްތަކެއް ހޯދައި، އެފްއޭއެމް މިހާރު މި ދަނީ "ޓްރާންސިޝަން ޕީރިއަޑް" އެއްގައި ކަމަށް ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު ބަދަލެއްގެ ގޮތުގައި ގެންނަން ބޭނުންވާ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ ލީގަށް ބަޖެޓެއް ނެތް ކަމަށް ރައްޔިތުންގެ މަޖިިލީހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ބައްސާމް ވިދާޅުވީ، ބޭރުގެ ސްޕޮންސަރެއްގެ އެހީގައި، "ބަޖެޓް ހޯދައިގެން" އެކަން ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ އެފްއޭއެމްގެ ޓެކްނިކަލް ޕްލޭނެއްގެ ތެރެއިން އެކަން ހާމަކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅައާ މެދު ފުޓްބޯޅަ ސަޕޯޓަރުންގެ ފާޑުކިޔުންތައް އިންތިހާ އަށް ބޮޑެވެ. ގިނަ ބަޔަކު އަންނަނީ މިއީ އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އިސްތިއުފާދޭން ޖެހޭ ވަގުތު ކަމަށް ބުނަމުންނެވެ. ބައްސާމް ވިދާޅުވީ އޭނާ މަސައްކަތް ކުރަމުން އަންނަނީ ފުޓްބޯޅަ އަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން ވެސް ކުރިމަގެއް ހޯދައި، އެފްއޭއެމް އަށް ދެން އަންނަ ބަޔަކަށް ވެސް އަމިއްލަ ފައިމަތީ ތިބެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ކަމަށެވެ.












