މުޒާހަރާ ހުއްޓުވާނެ ކަމަށް ބުނުމުން އެކަމަށް ޑިމޮކްރެޓްސްއިން ފާޑުކިޔައިފި

ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް; މުޒާހަރާ ހުއްޓުވާނެ ކަމަށް ބުނުމުން ނުރުހުން ފާޅުކުރެއްވި -- ފޮޓޯ: އިޔާން /އަދަދު

ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް; މުޒާހަރާ ހުއްޓުވާނެ ކަމަށް ބުނުމުން ނުރުހުން ފާޅުކުރެއްވި -- ފޮޓޯ: އިޔާން /އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެންނެވުމުން ގާނޫނީ އިމުގެ ބޭރުން މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ދޭހަވާ މޭރުމަކުން ހޯމް މިނިސްޓަރު އަބްދުالله އިމްރާން ވާހަކަދެއްކެވުމުން ދަނޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފި އެވެ.

ރައީސްގެ ރިޔާސީ ކެމްޕެއިން ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގެންނެވުމުން އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ދަނީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލައި, މުޒާހަރާ ކުރަމުންނެވެ. އެކަމާ ގުޅިގެން އިމްރާން ވަނީ, ޑިމޮކްރެޓްސް އަދި ޕީޕީއެމްގެ ވިޔަސް ސަޕޯޓަރުން ނިކުމެ "އެ ސަކަރާތް" ނުޖެހުމަށް ގޮވާލައްވާފަ އެވެ.

"ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން. ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،" އިމްރާން ވިދާޅުވި އެވެ.

Advertisement

އެކަމާ, ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން, މި ސަރުކާރުން ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހިފަައްޓަން އުޅޭ ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

"ސަރުކާރުގެ ކޮރަޕްޝަނާއި, ވައްކަމާއި, ރިޝްވަތު އާންމުކޮށް, ހިއުމަން ޓްރެފިކާއި ޑްރަގް ޓްރެފިކްގެ މައްސަލަތައް އޮއްބާލައި, ރާާއްޖޭގެ ކަނޑުވިއްކާލުމަށްފަހު ރ.ސޯލިހު މިހާރު ތިޔަ ނުކުންނެވީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހިފަހައްޓާންތޯ؟" އިމްރާނަށް ރައްދު ދެއްވައި, ނުރުހުން ފާޅުކުރައްވަމުން ހަސަން ލަތީފް ޓުވީޓް ކުރެއްވި އެވެ.

ރައީސް ސޯލިހު މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އިއްޔެ ހަވީރު ދިއްގަރަށް ވަޑައިގެންނެވި ވަގުތު 14 ވަރަކަށް މީހުން ރައީސާ ދެކޮޅަށް އަޑުއުފުލި އެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް "އަދަދު" ނޫހަށް ވަނީ އެނގިފަ އެވެ.

ދިއްގަރުގެ އިތުރުން ރައީސް ސޯލިހު ވަޑައިގެންނެވި ބައެއް ރަށްރަށުން އެ މަނިކުފާނާ ދެކޮޅަށް މަދު ބަޔަކު ނުކުމެ އަޑުއުފުލި އެވެ. ނަމަވެސް ކުރިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ދިއްގަރުގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ މިއަދު ހަވީރު އެ ރަށުގައި ކުރި މުޒާހަރާއަކީ ދެހާހުގެ ކުރީކޮޅު ފެނުނު ފަދަ މަންޒަރެއް ކަމަށެވެ. އޭރު ސިޔާސީ ހަރަކާތްތަކުގައި ގަޔަތް ބޮލަށް އަތްލައި، ވެލި އުކައި ފެންޖަހައި ހެދި ކަމަށާއި އެކަން މާޒީވެ ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރާން ޖާގަ ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު އެކަން ނިންމާލައްވާ. ހުރިހާ ބޭފުޅުން ނިންމާލައްވާ. ހުރިހާ ޕާޓީތަކުން ނިންމާލައްވާ. އެކަން އެގޮތަށް ކުރަން ބޭނުން ނަމަ ދެން ވެސް އެކަން ކުރަން މާ މޮޅު ޓީމެއް ރައީސާއެކު އެބަ އޮތް. އަޅުގަނޑުމެން މާ ބާރަށް މުޒާހަރާ ކުރާނަން އިނގޭތޯ. މާއަޑުގަދަ ވާނެ، މުޒާހަރާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ފަރާތްތަކުންނާއި ޕާޓީތަކުން ވެސް އެފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލަން އިމްރާން ގޮވާލެއްވުމަށް ފަހު ވިދާޅުވީ އެކަން އެގޮތަށް ކުރަން ބޭނުންވާނަމަ ރައީސް ސޯލިހުގެ ޓީމް މާއަޑުގަދަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox