ހިނގައިގަނެވުނު ދައުރުގެ ތަރުބަވީ-އަދަބިއްޔާތުގެ ތެރެއިން "ކަނބުލޮ"

-- އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު

-- އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު

ދިވެހި އަދަބިއްޔާތުގެ ހިނގައިގަނެވުނު ދައުރަކީ އަދަބީ ގިނަ އުފެއްދުންތަކެއް އުފަންކުރި ދައުރެކެވެ. މި ދައުރުގެ "ތަރުބަވީ-އަދަބިއްޔާތު" އަޅުގަނޑު މި ސިފަކުރަނީ، އިންސާނާގެ ދިރިއުޅުން ބައްޓަންކުރަންވީ ގޮތް ސިފަކުރައްވާ ލިޔުއްވާފައިވާ މަޒުމޫނުތަކާއި، ވާހަކަތަކާއި، ޅެންބަހުރުވައިގެ ބާވަތްތަކަށް އިޝާރާތްކޮށެވެ. ވަކިން ޚާއްޞަކޮށް، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގެ ވާހަކަ އާއި، ހެޔޮ ތަރުބިއްޔަތެއް ލިބިފައިވާ ތަހުޒީބު އަންހެނުންނާއި ފިރިހެނުންގެ ކިބައިގައި ހުންނަން ލާޒިމު ސިފަތައް، ވާހަކައިގެ ޝަޚުޞިއްޔަތުތަކުގައި ހިމަނައިގެން، ކިޔައިދީފައި ހުންނަ ވާހަކަތަކަށެވެ. ޙުސައިން ޞަލާޙުއްދީންގެ "ރިވާޔަތު ނުއުމާނު ވަ މަރްޔަމް" އަދި އަޙްމަދު ކާމިލް ދީދީގެ "ރިވާޔަތު މޫސާ ވަ ޒުލައިޚާ" އަކީ، ހިނގައިގަނެވުނު ދައުރުގެ ތަރުބަވީ އަދަބިއްޔާތުގެ ގިންތީގައި އަޅުގަނޑު ގިންތިކުރާނޭ ދެ ވާހަކައެވެ.

އެހެން ނަމަވެސް މިއަދު، އަޅުގަނޑު އަލިއަޅުވާލަން ގަސްދުކުރަނީ 1934 ވަނަ އަހަރު ކާމިލް ދީދީ ލިޔުއްވާފައިވާ "ކަނބުލޮ" ވާހަކައަށެވެ. އެންމެ ފުރަތަމަ 1930ގެ އަހަރުތަކުގެ ދިވެހިރާއްޖެ ސިފަކޮށްލަމާތޯއެވެ. އެ ދުވަސްވަރަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް އެކުލަވާލައި ތަންފީޒުކޮށް އަދި އެ ޤާނޫނު އަސާސީ އުވާލި ދުވަސްވަރެވެ. 1932ގައި ޤާނޫނު އަސާސީ އުފަންވި އިރު ދިވެހި ވެރިކަމުގެ ނިޒާމަކީ ވިރާސީ ރަސްކަމެކެވެ. 1939 ވަނަ އަހަރަށް އައި އިރު، އެ ނިޒާމު ބަދަލުވީ އިންތިޚާބީ ރަސްކަމަކަށެވެ. ނަންމަޝްހޫރު ބޮޑެތި ޚާންދާންތަކުން އައި ހަރު މީހުންގެ ބަސް ނޫނީ ނުވިކޭ ދިވެހިންގެ ތެރޭ، އެމީހުންގެ އިތުރުން، ތަޢުލީމީ ތަހުޒީބީ ޒުވާނުންގެ ތަޞައްވަރުތަކުގެ މަޤްބޫލުކަން އިތުރުވާން ފެށީވެސް މި ދުވަސްވަރުގައެވެ. 1928 ވަނަ އަހަރު ޤާއިމުކުރި އަލްމަދްރަސަތުއްސަނިއްޔަތުލް ޙުކޫމަތުލް މަހަލްދީބިއްޔާގައި ފޯރުކޮށްދިން ތަޢުލީމު އުގެނުމުގެ ޝައުޤުވެރިކަން އަންހެން ކުދިންގެ ހިތްތަކުގައި އުފެދި، އަންހެންކުދިންނަށް ޚާއްޞަ ސުކޫލެއްގެ މުހިއްމުކަން ފެންނަން ފެށީވެސް 1930ގެ އަހަރުތަކުގައެވެ.

ދިރިއުޅުން ބިނާކުރާންވީ ގޮތް އިމުލާކޮށްދޭ އަދަބިއްޔާތަކީ އެ ޒަމާނުގައި ޢާއްމު ބާވަތެކެވެ. އަޙްމަދު ކާމިލް ދީދީގެ "ކަނބުލޮ" ވާހަކައިގައިވެސް، މައިގަނޑު ޝަޚުޞިއްޔަތު އައިމިނައިދިގެ ދިރިއުޅުން ސިފަކުރައްވައިގެން، ވިދާޅުވެދެއްވަނީ، އެ ޒަމާނުގެ، ތަޢުލީމީ، ތަހުޒީބީ އަންހެނެއްގައި ހުންނާންވީ ސިފަތަކެވެ. އައިމިނައިދި އަކީ ނަމޫނާ ދަރިއެކެވެ. ނަމޫނާ އަނތްބެކެވެ. ނަމޫނާ މަންމައެކެވެ. އަދި ވާހަކަ ނިމުމަކާ ހަމައަށް ދާއިރު، ނަމޫނާ މާމައެއްވެސް މެއެވެ. ލިޔަންކިޔަން ދަނެއެވެ. ހިސާބު ޖަހަން ދަނެއެވެ. ގެވެހި ހުރިހާ މަސައްކަތެއް އެންމެ ފުރިހަމަކޮށް ކުރާންދަނެއެވެ. ލަވަކިޔައި، ކުރަހާ، ހިރު ގަތާ، މާޖަހަން ދަނެއެވެ. އަދި ޢަރަބި، އުރުދޫ އަދި އިނގިރޭސިން ފަރިތަކޮށް ލިޔެކިޔާން ދަނެއެވެ. އިއްފަތްތެރި، މަޑުމައިތިރި، ހިތްތިރި، މިހެން ގޮސް، އެންމެ ރަނގަޅު ހުރިހާ ސިފައެއް އައިމިނައިދީ އާއި އޭނާގެ މަންމަ ދޮންދީދީގެ ކިބައިން ފެނެއެވެ.

މިހާ ހިސާބުން މިފަދަ އަދަބިއްޔާތުގައި ފެންނަ "ހުރިހާ ގޮތަކުން ފުރިހަމަ މައިން" ސިފަކުރުމަށް ބައެއް ދާރިސުން ބޭނުންކުރާ ޓަރމްއަކަށް ބަލާލާނަމެވެ. މި ޓަރމިނޮލޮޖީ އަކީ "ޕްރޮކްރަސްޓިއަން މަދަރހުޑް"އެވެ. މި ބިނާވެފައި މި އޮންނަނީ ގުރީކު ވާހަކައެއްގައި ސިފަކުރާ މީހެއްކަމަށްވާ ޕޮލިފީމަންގެ ވާހަކައަށެވެ. ކުރުގޮތަކަށް ކިޔާލަދޭނަމަވެ. ޕޮލީފީމަން އަކީ އޭނާގެ ދީލަތިކަމަށް މަޝްހޫރު މީހެކެވެ. ދަތުރުވަރުބަލި ވެފައިވާ ދަތުރުވެރިން ވަރުބަލި ފިލުވާލައި ކައިބޮއި ހެދުމަށް އެޓިކާގައި ހުންނަ އޭނާގެ ގޭގައި ތިބުމަށް، އޭނާ އެމީހުންނަށް ދަޢުވަތުދެއެވެ. އެހެންނަމަވެސް އޭނާގެ އެ މެހުމާންދާރީގެ ފުރަގަހުގައި ވަރަށް ނުބައި ރޭވުމެއް ވެއެވެ. ދަތުރުވެރިން ނިދުމަށް އޭނާ ދައްކާ އެނދަށް، އެ ދަތުރުވެރިން ފިޓުވާން އޭނާ ބޭނުންވެއެވެ. އެ އެނދަކީ އެ މީހާއަށް މާ ބޮޑު ނުވަތަ މާ ކުޑަ އެނދަކަށް ވެގެންނެއް ނުވެއެވެ. އެނދު މާ ކުޑަ ނަމަ ދަތުރުވެރިޔާގެ ހަށިގަނޑުން އެނދުން ބޭރަށް ހުންނަ ގުނަވަންތައް އޭނާ ބުރިކުރިކަމަށްވެއެވެ. އަދި އެނދު މާ ބޮޑުނަމަ ދަތުރުވެރިޔާގެ ހަތަރެސްފައިގައި ވާ ޖަހައިގެން ދަމާ، އެނދަށް ފައްތަން މަސައްކަތްކުރެއެވެ. ޕޮލިފީމަން އަށް "ޕްރޯކްރަސްޓަސް"އޭ ކިޔާ ވަނަމެއް ދިނީ މިހެންވެގެންނެވެ. އިޖުތިމާޢީ ޢިލްމުގައި ޕްރޮކްރަސްޓިއަން ނަޒަރިއްޔާ ބޭނުންކުރަނީ، އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމަށް، ފޮތްފޮތުގައި ހުންނަ ހައްލުތައް އެއީ ތައްގަނޑެއް ކަމުގައި ބަލައިގެން، އެ މުޖުތަމަޢުގެ މައް އަސާސްތަކާއި އަގުކުރުންތަކަށް ބެލުމެއް ނެތި، އެ މައްސަލަ އެ ތައްގަނޑަށް ފައްތައިގެން ހައްލުކުރަން މަސައްކަތްކުރާ ކުރުމަށެވެ. މި ކިޔައިދޭ ޙާލަތުގައި "ޕްރޮކްރަސްޓިއަން މަދަރހުޑް"އޭ މި ދަންނަވަނީ، މައިން ދަރިން ތަރުބިއްޔަތުކުރުމަށް އިމުލާކުރާ ވަކި ގޮތްތަކެއް ކަނޑައަޅައި، އެ ތައްގަނޑަށް ފެތޭ ގޮތަށް ތަރުބިއްޔަތު ކުރާ ކޮންމެ ދަރިއަކީ އެންމެ ފުރިހަމަ މީހަކަށް ވާނޭކަމަށް ދެކޭ ދުށުމަށެވެ. މިއީ 1900ގެ ކުރީކޮޅުގެ އަހަރުތަކުގައި ހުރިހާ ބަހެއްގެ އަދަބިއްޔާތުގައިވެސް ފެންނަ ސިފައެކެވެ.

ހެޔޮ މައެއްގެ ކިބައިގައި ހުންނާން މި ޖެހެނީ "ކަނބުލޮ" ވާހަކައިގައި ދޮންދީދީގެ ކިބައިގައި މި ހުންނަ ފަދަ ހުރިހާ ސިފަތަކެކެވެ. އަދި ރަނގަޅަށް ތަރުބިއްޔަތުކުރެވިފައިވާ ދަރިއެއްގެ ކިބައިގައި މި ހުންނަންޖެހެނީ އައިމިނައިދީ އަދި މުހައްމަދުދީދީ އާއި އެމީހުންގެ ދަރި އިބުރާހިމް ދީދީގައި ހުންނަ ފަދަ ސިފަތަކެކެވެ. މިފަދަ އަދަބިއްޔާތުގައި މި ބުނާ ޕްރޯކްރަސްޓަސްގެ އެނދު ފަދަ ތައްގަނޑުތައް ބޮޑަށް އެކަށައަޅާފައި ހުންނަނީ އެ ވާހަކަތަކުގައި އުޅޭ އަންހެން ޝަޚުޞިއްޔަތުތަކަށެވެ. އެ ތައްގަނޑަށް ނުފެތޭ މީހާ އަކީ އުޅުން ނެތް ގޯސްމީހާއެވެ. ކަނބުލޮ ވާހަކައިގައިވެސް ނަމޫނާ ދެމަފިރިންގެ ގޮތުގައި އައިމިނައިދިއާއި މުހައްމަދުދީދީ ސިފަކުރައްވާއިރު، އެ ނަމޫނާގެ މޮޅުކަން އިތުރަށް ދެއްކުމުގެ މަޤްޞަދުގައި އެހެން ދެމަފިރިއެއްގެ ދިރިއުޅުންވެސް ސިފަކުރައްވާފައިވެއެވެ. އެއީ ސަންފައިދީ އާއި ޙަސަންދީދީގެ ގޮތްކުޑަ ދިރިއުޅުމެވެ. މި ފަދަ އަދަބިއްޔާތަކީ އޭގެ ޒާތުގައި ތަރުބަވީ ހޭލުންތެރިކަމަށް މުހިއްމު އަދަބިއްޔާތުކަމާމެދު ދެކޮޅުހެދުމެއް ނެތެވެ. އެހެންނަމަވެސް، ޕްރޮކްރަސްޓިއަން މަދަރހުޑް ރައުޔުން އަންގައިދެނީ އެފަދަ އަދަބިއްޔާތުގައި އެ ކިޔައިދޭ ޝަޚްޞީ ސިފަތަކަކީ ތިމާގެ ދިރިއުޅުން ރާވާނޭ ބިންގާކަމުގައި ބަޔަކު ބަލައިފިނަމަ، އެއީ މައްސަލައަކަށް ވެދާނޭ ކަމަށެވެ. އެހެނީ 1930ގެ އަހަރުތަކާއި 1940ގެ އަހަރުތަކަކީ ދުނިޔޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ މައިދާނަށް އިންޤިލާބީ ބަދަލުތަކެއް އައި ޒަމާނަކަށް ވީ ހިނދު، އޭރުގެ އަދަބިއްޔާތުގައި ސިފަކުރާ މައިންގެ ދައުރުގައި، އެ ބަދަލުތަކުގެ އަސަރު އެކުލެވިފައިނުވުމުންނެވެ. އެހެންކަމުން އެ ސިފަކުރާ ތަރުބިއްޔަތަކީ އަދި މައިވަންތަކަމަކީ މުޖުތަމަޢު އަންހެނުންގެ ކިބައިން ޑިމާންޑުކުރާ ސިފަ ކަމަށާއި، އެއީ އޭރުގެ މައިން ކަންކުރަމުންދިޔަ ގޮތުގެ ޙަޤީޤީ ތަމްސީލުކުރުމަކަށް ނުވެދާނޭކަމަށް އެ ރައުޔުގައި ބުނެއެވެ. ހިނގައިގަނެވުނު ދައުރުގެ ދިވެހި އަދަބިއްޔާތުގައިވެސް މި ސިފަ ނެތެކޭ ނުދެންނެވޭނެއެވެ.

އަޙްމަދު ކާމިލް ދީދީގެ "ކަނބުލޮ" ވާހަކަ ކިޔަމުންދިޔައިރު އަޅުގަނޑުގެ ލޮލުގައި އަޅައިގަތް އެހެން ކަމަކަށް އިޝާރާތެއް ނުކޮށް ދޫކޮށްލެވޭކަށް ނެތެވެ. އެއީ ވާހަކައިގެ މައިގަނޑު ޝަޚްޞިއްޔަތު ތަޢުލީމު އުގެނުމަށް ކުރެއްވި މަސައްކަތްތަކާއި، އެ ދަތުރުގައި ދިމާވި ގޮންޖެހުންތައް، ކާމިލް ދީދީގެ ޙަޔާތުގައި އެމަނިކުފާނަށް ދިމާވި ކަންކަމާ ހުރި އެއްގޮތްކަމެވެ. ކާމިލް ދީދީގެ ޙަޔާތުގައި އެމަނިކުފާނަށް ދިމާވި ކަންކަމޭ މި ދަންނަވަނީ، "އަޙްމަދު ކާމިލް ދީދީގެ ޙަޔާތް" މި މަޢުޟޫޢަށް 2012 ވަނަ އަހަރުގެ ފަތްތޫރަ މަޖައްލާގައި މުޙައްމަދު ވަޙީދު ނަދުވީ ލިޔުއްވާފައިވާ މަޒުމޫނަކާ ހަވާލާދީފައެވެ. ފާހަގަކުރެވުނު ބައެއް ޙާލަތްތައް ލިސްޓުކޮށްލާނަމެވެ.

އައިމިނައިދީދީ މަތީ ތަޢުލީމު އުގެނޭ ހިތުން އޭނާގެ މަންމަ ގާތު ކުރާ އާދޭސް ސިފަކުރައްވާ ކާމިލް ދީދީ ލިޔުއްވާފައިވެއެވެ. "އައިމިނައިދި ގުލިސްތާނުގެއަށް ގޮސްފައި އަންނަ ކޮންމެ ދުވަހަކު، މަންމަ ގާތު ގިސްލަ ގިސްލާފައި ކިޔަވާހިތުން ވާހަކަދައްކައެވެ." ކޮންމެއަކަސް މިކަން އައިމިނައިދިއަށް ކާމިޔާބު ވަނީ ވަރަށް ދުވަހު މަސައްކަތްކުރާ ފަހުންނެވެ. ހަމަ އެފަދައިން ކާމިލްދީދީ ކުރެއްވި މަސައްކަތްތައް ސިފަކުރައްވައި ނަދުވީ ލިޔުއްވާފައިވެއެވެ. "ކިޔަވާ ވިދާޅުވާން ވަޑައިގެންނެވުނީ އަތިރީގޭ ޢަބްދުލްމަޖީދު ދީދީ (ދޮންބޭބެ)އަށް ފޮނުއްވާ ކޮންމެ ސިޓީއެއްގައި އާދޭސް ދަންނަވައިގެންނެވެ. އޭރު ޢަބްދުލްމަޖީދު ދީދީ ހުންނެވީ ހިންދުސްތާނުގައެވެ. އަދި މާލެވަޑައިގަތީމާވެސް 'ކުސްތަޅަމުން ފަހަތްޕުޅުން ހިނގާތާ ދުވަސްކޮޅެއްވީ ފަހުންނެވެ.'"

އެ ޒަމާނުގައި އިނގިރޭސިބަސް ކިޔެވުމާމެދު މާ އީޖާބީ ނަޒަރަކުން ނުދެކޭ ވާހަކައަކީވެސް މި ފަދަ މިސާލެކެވެ. "ކަނބުލޮ" ވާހަކައިގައި އައިމިނައިދީ ޢަރަބި، އުރުދޫ އަދި އިނގިރޭސި ދަސްކޮށް މޮޅުވީވީހެން މީހުންގެ ނުރުހުމާ ކުރިމަތިލާންޖެހުނެވެ. ކާމިލް ދީދީގެ ޙަޔާތްޕުޅުގައި އިނގިރޭސި ކިޔަވާ ވިދާޅުވާން ފައްޓަވަން ޖެހިވަޑައިގަތީ ޙުސައިން ހިލްމީ ދީދީއަށް ސިއްރުންކަމަށް ލިޔުއްވާފައިވެއެވެ. މި ހާދިސާ ހިނގިގޮތާމެދު ކާމިލް ދީދީ ލިޔުއްވާފައިވާ ޑައިރީ އެންޓްރީއާ ހަވާލާދެއްވައި ނަދުވީ ލިޔުއްވާފައިވެއެވެ. "އިނގިރޭސި ކިޔަވާ ވިދާޅުވަނީ ޙުސައިން ހިލްމީ ދީދީއަށް ސިއްރުންނެވެ. އެއީ އޭނާ އެކަމާ ރުހިވަޑައިނުގަންނަވާތީއެވެ."

އައިމިނައިދީވެސް ރަސްމީ ސިފައެއްގައި ކިޔެވުން ހުއްޓާލަން ޖެހުނީ އެ ނޫން ގޮތެއް ނެތިގެންނެވެ. އަދި އޭނާގެ ދަރިފުޅު އިބްރާހިމް ދީދީ އިތުރަށް ނުކިޔަވައި އެނބުރި އަންނަން ޖެހުނީވެސް މާ މައްޗަށް ކިޔަވާނޭ ބޭނުމެއް ނެތީމައެވެ. ދެމައިންގެ ދިރިއުޅުމުގައިވެސް ކިޔަވާ ހިތުން ތިއްބާ މަޖުބޫރުވެގެންނެވެ. ކާމިލްދީދީގެ ޙަޔާތުގައި ކަންހިނގައިދިޔައީ ކޮންގޮތަކަށްތޯއެވެ. ނަދުވީ ލިޔުއްވާފައިވެއެވެ. "އަޙްމަދު ކާމިލް އިނގިރޭސި ކިޔަވާ ވިދާޅުވާ ޚަބަރު މާލެއަށް ދިއުމުން ހުންނެވިއަކަ ނުދެއްވިއެވެ. އޭރު ކިޔަވާވިދާޅުވަނީ ލޯކަލް ކެމްބްރިޖް އިމްތިޙާނަށެވެ. އަދި އަށް މަސް ދުވަހު ބަހައްޓަވައިދެއްވާށޭ ވިދާޅުވެ އާދޭސް ކުރެއްވީމާވެސް ހެއްދެވި ގޮތަކީ ދެއްވާ ލާރިކޮޅު ކަޑާލެއްވީއެވެ!"

ލިޔުންތެރިއެއްގެ އުފެއްދުމެއްގައި އެ ލިޔުންތެރިޔާގެ ޙަޔާތުގެ އަސަރުތައް ހުރުމަކީ ނުވުމަށްވުރެ ވުން ގާތްކަމެކެވެ. އެކަމަކު މިހިރަ ފެންނަ އެއްގޮތްކުރުންތަކަކީ ލިޔުންތެރިޔާ ގަސްތުގައި ގެންގުޅުއްވި އުކުޅެއްތޯ ނުވަތަ އިއްތިފާޤެއްތޯ ނިންމަން އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.

"ކަނބުލޮ" ވާހަކައަކީ އަދަބީ ތަރިކައެއް ކަމާމެދު ޝައްކެއް ނެތެވެ. އަޅުގަނޑުމެންނަށް ކޮށްދެވޭނޭ އެންމެ ބޮޑު ޚިދުމަތަކީ އިޙުތިރާމާއެކު އެ މަސައްކަތް ދިރާސާކޮށް، ކޮށައި މަށާ، އޭގައި އެވާ ސިއްރުތައް ދެނެގަތުމަށް މަސައްކަތްކުރުމެވެ. މިއީވެސް އެ މަޤްޞަދުގައި ކުރި މަސައްކަތެކެވެ. ކަރުދާހުން ތުނޑު ހިއްލާލާ، ގަލަމުގައި މި ދޯރި ޖަހަނީ، ބަލައިގަންނާނޭ ކަމަށް އުއްމީދުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox