މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 303 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
އެ ކުންފުނިން އިއްޔެ އާންމު ކުރި ރިޕޯޓުގައި ވާގޮތުން، އެ ކުންފުންޏަށް ހުސްވި ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3.8 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، 14 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ ރިޕޯޓަށް ބަލާއިރު، އެ ކުންފުންޏަށް ލިބުނު އާމްދަނީ އެންމެ ބޮޑަށް ދަށްވެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލުގެ ސަބަބުންނެވެ.
އެގޮތުން, ތެލުގެ ވިޔަފާރިން އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު، 15 އިންސައްތައިން ދަށްވެފަ އެވެ.
އެސްޓީއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ވެސް ދަށެވެ. މި ކުއާޓާރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 303 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު، 18 އިންސައްތައިގެ ވެއްޓުމެކެވެ.
މިދިޔަ ކުއާޓަރާ އަޅާބަލާއިރު، މި ކުއާޓަރުގައި ލިބުނު ފައިދާ ދަށްވި ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 366 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓު އެސްޓީއޯއިން އާންމުކޮށްފައިވާއިރު، ހުސްވި ކުއާޓަރުގައި އެކުންފުނިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި، ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފަ އެވެ. އަދި ކޮންމެ ހިއްސާއަކަށް 77ރ. ބަހަން ވެސް އެ ޖަލްސާގައި ފާސްކޮށްފައިވެ އެވެ.
އޭގެއިތުރުން މިދިޔަ ކުއާޓަރުގައި އެސްޓީއޯއިން ވަނީ މީގެ 14 އަހަރު ކުރިން ހުޅުމާލޭގައި އިމާރާތް ކުރަން ފެށުމަށްފަހު މަސައްކަތް ހުއްޓިފައި ހުރި، ހޮޓަލުގެ ބަދަލުގައި ހުޅުމާލެއިން ދެ ބިން އެސްޓީއޯއަށް ލިބޭ ފަދަ ސެޓްލްމަންޓު އެގުރީމެންޓެއްގައި ސޮއި ކޮށްފަ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު އާމްދަނީ ދަށްވެފައި ވީނަމަވެސް އެ ކުންފުނިން ދަނީ ވިޔަފާރި ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ ހުސްވި ހަފުތާގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓު ސްޓޯރެއް ހުޅުވައި ތާރީހުން ޖާގަ ހޯދައިފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ކުރިމަތިން ކަހަލަ ގޮތަކަށް ހުންނަ އެ ފިހާރައަށް އާންމުންގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.









