ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވާ 'ދަ ޑިމޮކްރެޓްސް'ގެ އިފްތިތާހީ ޖަލްސާ ފަށައި ނަމާއި ކުލަތަކާއި ލޯގޯސް ފާސްކޮށްފި އެވެ.
ޣިޔާސުއްދީން ސްކޫލްގައި ކުރިއަށްދާ އެ ޖަލްސާގައި އެޕާޓީގެ މުއައްސިސު ހަސަން ލަތީފު އިއުލާނުކުރެއްވި ގޮތުގައި އެ ޖަލްސާ ކުރިއަށް ދަނީ 500 އަށް ވުރެ ގިނަ މެމްބަރުިންނާ އެކުގަ އެވެ. ޕާޓީގެ ތައާރަފްގައި ހަސަން ލަތީފު ދެއްކެވި ވާހަކަކޮޅަކަށް ފަހު އޮތީ ނަމާއި ލޯގޯ އަދި ކުލަތައް ފާސްކުރުމެވެ.
އެޕާޓީގެ ފުރިހަމަ ނަން 'ދަ ޑިމޮކްރެެޓްސް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި 'ޑިމޮކްރެޓްސް' ވެސް ފާސްކުރި އެވެ. އެ ދެ ނަން ވެސް ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.
ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި ފާސްކުރީ 'އެސްޓްރިކް' އެކެވެ. ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ އެވެ.
ޑިމޮކްރެެޓުންގެ ކުލަތަކުގެ ގޮތުގައި އެޕާޓީން މިރޭ ތިން ކުލައެއް ފާސްކުރި އެވެ. އެއީ މަޑު ނޫ (ބޭބީ ބްލޫ) އާއި ހުދު އަދި ކަޅުކުލަ އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އުފެއްދެވި 'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ. ވެރިކަންކުރާ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދާއިރު، ނަޝީދު ވެސް ވަނީ މި ފަހުން އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އެކަމަކު އެމަނިކުފާނު އަދި އެ ޕާޓީއަކަށް ސޮޔެއް ނުކުރައްވަ އެވެ.
ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް ވަނީ އެޕާޓީން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމަ އެވެ.













