ޔާމީނާ ގުޅޭ ގޮތުން އަދީބު ދޮގު ހަދަންވީ ސަބަބެއް ނުފެނޭ: ދައުލަތް

ޔާމީނާ ގުޅޭ ގޮތުން އަދީބު ދޮގު ހަދަންވީ ސަބަބެއް ނުފެނޭ: ދައުލަތް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށް ކުއްޔަށް ދޫކޮށްގެން ހިންގި ހިޔާނާތުގެ ބޮޑު މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން އެ ހިޔާނާތުގެ އެންމެ އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޮގު ހަދަންވީ ސަބަބެއް ޔާމީންގެ ފަރާތުން ކިޔައިނުދެވޭ ކަމަށް ދައުލަތުން ބުނެފި އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެ ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވެސް ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައިވާ މައްސަލާގައި މިއަދު އޮތީ ޔާމީން ހުށަހެޅި ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމެވެ.

ޔާމީންގެ ފަރާތުން އިސްތިއުނާފީ 14 ނުކުތާ ހުށަހެޅިއިރު، އެއިން ބައެއް ނުކުތާތައް ހުށަހެޅީ އަދީބު އަދި، އަބްދުﷲ ޒިޔަތުގެ ހެކިބަހާ ގުޅޭ ގޮތުންނެވެ. ހިޔާނާތުގައި ބައިވެރިވި ކަމަށް މިހާތަނަށް ހަމައެކަނި އަމިއްލައަށް އެއްބަސްވެ ހުކުމް ވެސް ތަންފީޒުކުރަމުން ގެންދަވާ އެ ދެ ބޭފުޅުންގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް ދިފާއީ ވަކީލުން ވަކާލާތު ކުރައްވާފައިވެ އެވެ.

އެ ނުކުތާތަކާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ދަށު ކޯޓުން ހުކުމް ކަނޑައަޅާފައި ވަނީ އަދީބު އަދި ޒިޔަތުގެ ހެކިބަހަށް އެކަނި ބުރަދަން ދީގެން ނޫން ކަމަށެވެ. އަދީބާއި ޒިޔަތުގެ ހެކި ބަހަށް ބާރު ލިބިދޭ އިތުރު ހެއްކާއި ގަރީނާއި ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.

އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫމާތު އެންމެ ބޮޑަށް އެނގޭނެ ދެ މީހުންނަށްވީއިރު އެ ދެ މީހުންގެ ހެކިބަސް ނެގުން ލާޒިމުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުށް ސާބިތުވުމުގައި ބަލާފައިވަނީ ދެ މީހުންގެ ވާހަކަތަކަށް ބާރު ލިބިދޭ އިތުރު ހެކިން ކަމަށް އޭނާ ތަކުރާރުކޮށް ޝަފީއު ވިދާޅުވި އެވެ.

ޔާމީނާ ގުޅޭ ގޮތުން އަދީބު ދޮގު ހަދަން ޖެހޭ ވަރުގެ އެއްވެސް ސަބަބެއް ދިފާއަށް ބުނެދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގަމުންދާ ކަން އޮޑިޓަ ޖެނެރަލްގެ އޮފީހުން އެންމެ ފުރަތަމަ ފެންމަތިކުރިއިރު އަދީބަކީ އޭރު ޓުއަރިޒަމް މިނިސްޓަރެވެ. އޭގެ ފަހުން އޭނާ ނައިބު ރައީސް ކަމަށް އައްޔަންކޮށް، ޓުއަރިޒަމް މިނިސްޓްރީ ހިންގުން ހަވާލުކޮށްފައި ބޭއްވުމަށް ނިންމެވި ބޭފުޅަކީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ކަމަށް ޝަފީއު ވިދާޅުވި އެވެ.

ޔާމީންގެ ނުކުތާތަކަށް ދައުލަތުން ރައްދު ދެއްވުމަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި އެވެ. އޭގެ ފަހުން ދައުލަތުން ދެއްކި ވާހަތަކަށް ރައްދު ދެއްވަން ޔާމީނަށް ވެސް ގަޑިއިރެއްހާ އިރުގެ ފުރުސަތެއް ޝަރީއަތުން ދެއްވި އެވެ.

ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ދައުލަތުގެ ފަރާތުން ކުށް ސާބިތު ކުރުމަށް ހަގީގީ އެއްވެސް ވާގިއާއެއް ނުވަތަ ފެކްޓެއް ހުށަހަޅާފައެއް ނެތެވެ. މުޅިން ވެސް ހިމެނިފައި އޮތީ ތިއަރީ ނުވަތަ ހިޔާލެއްގެ މައްޗަށް ހުރި ކަންކަން ކަމަށެވެ.

އެ ވާހަކައަށް ބާރު ދިނުމުގެ ގޮތުން ޖަމީލު ފާހަގަ ކުރެއްވީ ކުށުގެ އުންސުރުގެ ގޮތުގައި ދައުލަތަށް ހަމައެކަނި ދެއްކޭ ކަމަކީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކާއި ޔޫސުފް ނައީމްގެ އެކައުންޓަކަށް ފައިސާއެއް ޖަމާވުން އެކަނި ކަމަށެވެ. އެއީ ރިޝްވަތުގެ ފައިސާ ކަމަށް ތުހުމަތުކުރިޔަސް، އެ ވާހަކަ ޝަރީއަތަށް ކިޔައިދިނީ ހަމައެކަނި އަދީބާއި ޒިޔަތު ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އެކި އިސްތިއުނާފުތަކަށް އެކި ފަނޑިޔާރުންނެވެ. ޔާމީންގެ އިސްތިއުނާފަށް ފަނޑިޔާރު ހުޒައިފާ ރިޔާސަތު ބެލެހެއްޓެވިއިރު، ޔޫސުފް ނައީމްގެ އިސްތިއުނާފަށް ބެލެހެއްޓެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ބެންޗުގައި އިންނަވަނީ ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު؛

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

މިހާރު ހައި ކޯޓުގައި އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްދާއިރު، ދަށު ކޯޓުގައި ފުއްގިރި މުއާމަލާތުގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ބާއްވަ އެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް މި ފަހުން ބޭއްވުމަށް ހަމަޖެހުނު ހަތަރު އަޑުއެހުމެއް ވަނީ އެ މައްސަލާގައި ދައުވާކުރާ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ ނުބޭއްވިފަ އެވެ. އެހެންކަމުން އެ މައްސަލަ ވެސް މިހާރު އޮތީ ދުރާލާ ދިން ތާވަލަށް ވުރެ ފަހަތުގަ އެވެ.

އާރަށް މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އެއީ ދެމެދުގައި ހިނގާފައިވަނީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox