ލަންޑަން (ޖުލައި 4) - މިިދިޔަ 10 ނޫނީ 15 އަހަރަށް ބަލާއިރު، އިނގިރޭސި އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި އޮތީ ޗެލްސީ ކަމަށް އެ ޓީމާ ހަވާލުވި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ޕޮޗެޓީނޯ، 51، އަކީ ޗެލްސީ ހިންގުމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، ޗެލްސީ އަށް އިރުޝާުދުދޭ ފުލްޓައިމް ތިން ވަނަ ކޯޗެވެ. އޭގެ އިތުރުން، ވަގުތީ ގޮތުން ޗެލްސީ އަށް ދެ ކޯޗުން އިރުޝާދު ދިނެވެ. އެ ގޮތުން ބޯލީ ހަވާލުވިއިރު، ފުރަތަމަ ހުރީ ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އެވެ. ޗެލްސީ އަކީ ޕޮޗެޓީނޯގެ 14 އަހަރުގެ ކޯޗިން ކެރިއަރުގައި އިރުޝާދުދޭނެ ފަސް ވަނަ ޓީމެވެ. މީގެ ކުރިން ޕޮޗެޓީނޯ ވަނީ ސްޕެއިނުގެ އެސްޕަންޔޯލާއި އިނގިރޭސި ދެ ކްލަބް ކަމަށްވާ ސައުތެމްޓަން އާއި ޓޮޓެންހަމްގެ އިތުރުން ފްރާންސްގެ ގަދަބާރު، ޕީއެސްޖީ އަށް ކޯޗުކޮށްދީފަ އެވެ.
ޗެލްސީ ހިންގުމާ، 2003 ވަނަ އަހަރު، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ހަވާލުވެ، މިދިޔަ އަހަރު އެ ޓީމު ވިއްކާލުމާ ހަމައަށް ވަނީ 21 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ފަސް އިނގިރޭސި ޕްރިމިއާ ލީގާއި ދެ ޗެމްޕިއަންސް ލީގު ތަށި ހިމެނެ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ޗެލްސީ ލީގުގެ 12 ވަނައިގައި ނިންމިއިރު، މިއީ 1994 ވަނަ އަހަރުގެ ފަހުން އެ ޓީމުގެ އެންމެ ދަށް ސީޒަނެވެ. އެ އަޑިގަނޑުން އެ ކްލަބް ނަގައިގަންނަން އެ ޒިންމާ އޮތީ ޕޮޗެޓީނޯ އެވެ.
ޗެލްސީ ކޯޗެއްގެ ގޮތުގައި ދިން ފުރަތަމަ އިންޓަވިއުގައި ޕޮޗެޓީނޯ ބުނީ މިދިޔަ 10 ނޫނީ 15 އަހަރަށް ބަލާނަމަ ޗެލްސީއާ ވާދަކުރެވޭ ވަރަށް ކާމިޔާބު ޓީމެއް ނެތް ކަމަށެވެ.
"މި ވޭތުވެދިޔަ 10، 12، ނޫނީ 15 އަހަރު ތެރޭ އިނގިރޭސި އެންމެ ވަރުގަދަ ޓީމަކީ ޗެލްސީ،" ޕޮޗެޓީނޯ ބުންޏެވެ. "އަހަންނަށް ވަރަށް ރަނގަޅަށް އިނގިރޭސި ޕްރިމިއާ ލީގު އެނގޭ، އަހަންނަށް ވަރަށް ރަނގަޅަށް ޗެލްސީގެ ސަގާފަތް ވެސް އެނގޭ،"
ޕޮޗެޓީނޯ ބުނީ ޗެލްސީގެ ސަޕޯޓަރުންނަށް އަންނަ ސީޒަނުން ފެށިގެން ކާމިޔާބު އަހަރުތަކެއް ގުނަން ފެށޭނެ ވަރުގެ މަސައްކަތެއް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ކޯޗިން ކެރިއަަރުގައި ޕޮޗެޓީނޯ ވަނީ ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީއާ އެކު ހޯދައިފަ އެވެ. ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.












