މިދިޔަ މަހުގެ 17-25 އަށް ޖަރުމަނުގެ ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް އިން ކާމިޔާބީ ހޯދި ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމު މިއަދު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މާލޭގެ އެއް ނަންބަރު ފާލަން ސަރަހައްދުން ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް ސަރުކާރުގެ އިސްވެރިންނާއި އެކި މުވައްސަސާތަކުގެ ވެރިންގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި، ކުޅިވަރު ގައުމީ ޓީމްތަކުގެ ކުޅުންތެރިން ހިމެނޭހެން ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވި އެވެ.
ރަސްމީ ފާލަމުން ފެށުނު މަރުހަބާކިޔުމުގެ ހަރަަކާތަަކަށްފަހު ސްޕެޝަލް އޮލިމްޕިކްސް ޓީމް ދިޔައީ ރައީސް އޮފީހަށެވެ. ފާލަމުން ފެށިގެން ރައީސް އޮފީހާ ހަމައަށް މަގުގެ ދެ ފަރާތުގައި ގިނަ އަދަދެއްގެ ބަޔަކު ގައުމީ ދިދައާއިއެކު އެ އެތުލީޓުންނަށް މަރުހަބާ ކިޔެވެ. ރައީސް އޮފީހާ ހަމައައިން ޓީމަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނެވެ.
އޭގެ ފަހުން ރައީސް އޮފީހުގައި އެތުލީޓުންނާއިއެކު ރައީސް ބައްދަލުކުރައްވައި އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކޮށް އެ ކުޅުންތެރިންނަަށް މަރުޚަބާ ދެންނެވި އެވެ. އަދި މި ކާމިޔާބީ ހޯދުމަށް އެ ކުދިންނަށް އެހީތެރިވެދިން ފަރާތަކަށްވެސް ރައީސް ވަނީ ޝުކުރު ދަންނަވާފަ އެވެ.
ޖަރުމަންގެ ބާލިންގައި ކުރިއަށްގެންދިޔައ ގޭމްސްއިން ރާއްޖެއިން ދެ ރަން މެޑަލް އާއި ބްރޯންޒް މެޑަލް އެއް ހޯދި އެވެ.
ރާއްޖޭގެ އައިޝަތު މާނިޔާ އާދަމް ރަން މެޑަލް ހޯދީ ބެޑްމިންޓަން އިވެންޓުގަ އެވެ. އަނެއް ރަން މެޑަލް އައިޝަތު ލައިކާ ހުސައިން ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަނުގެ 100 މީޓަރު ދުވުމުންނެވެ. ބްރޮންޒް މެޑަލް ޒަނާ އަލީ ޝަރީފް ހޯދީ ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުންނެވެ.
މިއީ ރާއްޖެއިން ވާދަކުރި ދެވަނަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް އެވެ. މީގެ ކުރިން ރާއްޖެއިން ވަނީ 2019ގައި އޮތް ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ވާދަކޮށް ރާއްޖެއިން ދެ މެޑަލް ހޯދި އެވެ. އެއީ ނިއުނޭޝަންގެ 100 މީޓަރ ކެޓަގަރީގެ އަންހެން ބައިން ޝިފްނާ އިބްރާހިމް ހޯދި ރަން މެޑައްޔާއި ނިއުނޭޝަންގެ 200 މީޓަރ ކެޓަގަރީގެ ފިރިހެން ބައި ވަސްމީ ވަހީދު ހޯދި ރިހި މެޑައްޔެވެ.












