ގުޅިގެން މަސައްކަތްތަކެއް ކުރިޔަސް، ފުރަތަމަ ބުރުގައި ވަކިން ވާދަކުރާނެ ކަމަށް ޕީޕީއެމް އާއި ޑިމޮކްރެޓްސް ބުނެފި

ޕީޕީއެމް އާއި ޑިމޮކްރެޓުން، ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތުގެ މަޝްވަރާގައި؛ ގުޅިގެން މަސައްކަތްތަކެއް ކުރިޔަސް ވަކިން ވާދަކުރާނެ ކަމަށް ބުނެފި

ޕީޕީއެމް އާއި ޑިމޮކްރެޓުން، ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތުގެ މަޝްވަރާގައި؛ ގުޅިގެން މަސައްކަތްތަކެއް ކުރިޔަސް ވަކިން ވާދަކުރާނެ ކަމަށް ބުނެފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން އަދި ދި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އެއްބަސްވި ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީން ވަކިން ވާދަކުރާނެ ކަމަށް މިއަދު ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން އުފައްދަވާ ޑިމޮކްރެޓްސް އިން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާތަކެއް ކުރެއްވުމަށް މީގެ ކުރިން ދެ ފަހަރަކު ބައްދަލުކުރި އެވެ. މިއަދު އޯޝަން ލައިބުރަރީގައި ތިންވަނަ ފަހަރު ބައްދަލުކުރިއިރު، ނަޝީދު ނެރުއްވާ "އޯޝަން ވީކްލީ" މަޖައްލާގައި ދެ ޕާޓީން އެއްބަސްވެވޭ ކެންޑިޑޭޓެއް ނެރުމާ މެދު ހިޔާލު ފާޅުކޮށް ލިޔުމެއް ޝާއިއުކޮށްފަ އެވެ.

Advertisement

އެ މަޖައްލާގެ ލިޔުމުގައި ޝާއިއުކޮށްފައިވާ ގޮތުން، އެއީ ޕީޕީއެމުން ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޔާމީން އަދި ޑިމޮކްރެޓްސް އުފެއްދެވުމުގައި ހުންނެވި ނަޝީދު ފިޔަވައި އެހެން ކެންޑިޑޭޓަކަށް ވުން މުހިންމެވެ.

މިއަދުގެ މަޝްވަރާތަކަށް ފަހު ބޭއްވި ޕްރެސް ކޮންފެރެންސްގައި ނޫސްވެރިންގެ ގިނަ ސުވާލުތައް ވެސް އަމާޒުކުރީ، އެ ކަމާ ގުޅޭ ގޮތުންނެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން އަދި އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ވަކި އެޖެންޑާއެއް ހިފައިގެން، ކޮމަން ކެންޑިޑޭޓަކާ ގުޅޭ މަޝްވަރާއެއް އަދި އަޅުގަނޑުމެންގެ ޓޭބަލްއަކަށް އެޖެންޑާއެއް ނުކުރޭ، ކޮމަން ކެންޑިޑޭޓަކާ ހަމައަށް އައިމަ އެއަށް އަޅުގަނޑުމެން ތިޔަށް ޖަވާބު ދޭނަން،" ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންނެވި ހުސައިން އަމްރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް އެ ޕާޓީގެ ކެންޑިޑޭޓެއް ދައްކާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް ރިޔާސީ އިންތިހާބުގައި މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

"ކޮމަން ކެންޑިޑޭޓެއް ދައްކަން ޖެހޭ ހިސާބަށް ދިޔައިމަ، އެއްބަސްވެވޭ އެ ކެންޑިޑޭޓަކަށް ޑިމޮކްރެޓްސް ވެސް ތައީދު ކުރާނަމޭ، އެހެންވިޔަކަސް އަޅުގަނޑުމެންގެ ކެންޑިޑޭޓެއް ހުންނާނެއޭ ތަކުރާރުކޮށް މި ދަންނަވަނީ،" މި ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަމްރު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އަމްރު އިޝާރާތް ކުރެއްވީ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވާދަކުރާނެ އެވެ. ނަމަވެސް ދެވަނަ ބުރަކަށްދާ ހާލަތުގައި އެ ޕާޓީގެ ކެންޑިޑޭޓަށް އެ ހިސާބަށް ނުދެވި އަދި ރައީސް ސޯލިހަށް ދެވިއްޖެނަމަ ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމެވެ.

މީގެ ކުރިން ރައީސް ޔާމީނަށް ތުހުމަތުކޮށް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅުވައި ނޫސްވެރިން ސުވާލު އަމާޒު ކުރުމުން، އަމްރު އަދި ޝުޖާއު ވެސް ގެންދެވީ ނޫސްވެރިން ކުރާ ސުވާލުތަކުގެ ޖަވާބު ނުދީ އޭގެ ބަދަލުގައި ނޫސްވެރިންނަށް ސަރުކާރުން ފައިސާ ނެގި ކަމުގެ ތުހުމަތުކޮށް އެކި ވާހަކަތައް ދައްކަވަމުންނެވެ.

އެ ވާހަކަތައް ދޮގުކޮށް ނޫސްވެރިން ގެންދިޔައީ އަލުން ސުވާލު ތަކުރާރު ކުރަމުންނެވެ. އަދި އިތުރު ތުހުމަތުތައް ނޫސްވެރިންނަށް ކުރުމުގެ ބަދަލުގައި ސުވާލަށް ޖަވާބު ދިނުމަށް ވެސް ނޫސްވެރިންގެ ފަރާތުން އެދުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox