ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި މަގާމުތައް ފުރުއްވާފައިވާ، މއ. ކުރިކީލަހިޔާ އަހުމަދު ކުރި ރިޒާ ބަލިވެ އުޅޭތީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ތިންވަނަ ފަހަރަށް ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރަން ޖެހިއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނާއި ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި ހިންގަމުން އަންނަ އެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް އަދާކުރުމެވެ.
އީދު ބަންދުގެ ކުރިން ދެ އަޑުއެހުމެއް ކެންސަލް ކުރިއިރު، މިއަދު ބާއްވަން ތާވަލުގައި އޮތް އޮންލައިން އަޑުއެހުމަށް ނަން ނޯޓުކުރި ފަރާތްތައް އަޑުއެހުމަށް ވެސް ވެއްދި އެވެ. ނަމަވެސް އޭގެ އެއް ގަޑިއިރު ފަހުން، މައްސަލަ ހަވާލުކޮށްފައިވާ ކޯޓުގެ ސެކްޝަނުން ވަނީ އަޑުއެހުން ކެންސަލް ވެފައިވާ ކަން އަންގައިފަ އެވެ.

"ދައުވާ ލިބޭ ކްރިކް ރިޒާ ބަލިވެ އުޅޭ ކަން، މެޑިކަލް ޑޮކިއުމަންޓާއެކު، ކޯޓަށް އަންގާފައިވާތީ، މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ،" ކްރިމިނަލް ކޯޓުގައި މި މައްސަލަ ހަވާލުކޮށްފައިވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުން ގުޅާފައި ބުންޏެވެ.
މިހާތަނަށް ދައުލަތުން ހުށަހެޅި ހަ ހެއްކެއްގެ ހެކިބަސް ނެގިއިރު އޭގެ ތެރޭގައި ހިޔާނާތުގެ މޭސްތިރިންގެ ގޮތުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.
އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
ޔާމީނާއި ކްރިކް ރިޒާ އަދި ސަންގެ ކުންފުނިތަކުން ބުނާ ގޮތުން ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިނގާފައިވާ މުއާމަލާތާއި ޔާމީނާއި ސަންގެ ކުންފުނިތަކާ މެދު ހިނގާފައިވާ މުއާމަލަތަކީ މުޅިން އެހެން މުއާމަލާތެއް ކަމަށެވެ. އެއީ ސަންގެ ކުންފުންޏަކާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެ ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ވެސް ހުށަހަޅާފައިވެ އެވެ.












