މޯލްޑޯވާގެ މައި އެއާޕޯޓުގައި އެހެން ގައުމެއްގެ ރައްޔިތަކު ހުކުރު ދުވަހު ބަޑި ޖަހައި ދެ މީހުން މަރާލައިފި އެވެ.
ފުލުހުން ބުނީ ތުރުކީއިން މޯލްޑޯވާއަށް ދަތުރު ކުރި މީހަކު ޗިސިނައު އިންޓަނޭޝަނަލް އެއާޕޯޓް ތެރޭގައި ބަޑި ޖެހީ، މޯލްޑޯވާއަށް އެތެރެވުން މަނާ ކުރުމުން ކަމަށެވެ.
މިހާރު ނުރައްކަލެއް ނެތް ކަމަށާއި ބަޑި ޖެހި މީހާއަށް ވެސް އަނިޔާ ލިބުނު ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް މިހާރު ދަނީ ފަރުވާ ކުރަމުންނެވެ.

އެ ހަމަލާއާ ގުޅިގެން ފްލައިޓްތައް މެދުކަނޑާލި ނަމަވެސް، ވީ އެންމެ އަވަހަކަށް ފަށާނެ ކަމަށް އޮފިޝަލުން ބުންޏެވެ.
މޯލްޑޯވާގެ ނޫހަކުން ބުނީ ތުރުކީއިން ދަތުރު ކުރި މީހާ ހުއްޓުވުމުން، ބޯޑަރު ގާޑުންގެ އަތުގައި އޮތް ބަޑިއެއް އޭނާ ޖަހައިގަނެ، ހަމަލާ ދިނީ ވެސް ގާޑުންނަށެވެ.
ކުރީގެ ސޯވިއެޓް ޔޫނިއަންގެ ދަށުގައި އޮތް މޯލްޑޯވާ މިނިވަންވީ 1991 ގަ އެވެ. އެ ގައުމުގައި 2.6 މިލިއަން މީހުން އުޅެ އެވެ.
ރޯމޭނިއާ އާއި ޔޫކްރެއިނާ ދެމެދު އޮންނަ މޯލްޑޯވާއިން މިހާރު މަސައްކަތް ކުރަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރުކަން ހޯދުމަށެވެ.










