އެތެރޭގެ ގޮންޖެހުންތަކުން ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވަރަށް ހިތާމަ ލިބުނު ކަމަށާއި ނަމަވެސް ޕާޓީގެ ކާމިޔާބީއަކަށްވީ ވަކި ފަރުދަކަށްވުރެ ޕާޓީ ބޮޑުވުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ދެއްވި ހިތާބެއްގައި ފައްޔާޒް ވިދާޅުވީ އެތެރޭގެ ގޮންޖެހުންތަކަކީ އެ ޕާޓީއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
"އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވިި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާ. ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި، އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެ، ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރި ކުރުން،" އެމްޑީޕީގެ ފޭސްބުކް ޕޭޖުން ބްރޯޑްކާސްޓު ކުރި ވީޑިއޯ މެސެޖެއްގައި ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީ އުފެއްދުމުގެ އެއް ބާނީ އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ދާދިފަހުން ވަކިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މައްސަލަޖެހިފައި އޮތުމަށްފަހު އެވެ. ރައީސް ސޯލިހު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރު ހަމަޖެއްސީ ނަޝީދަށް ވާދަ ކުރެވޭނެ މަގު ގާނޫނީ ގޮތުން ބަންދުވެފައި އޮތުމުންނެވެ.
އެހެން އެކަން އޮއްވައި، ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކޮށް ބޮޑުވަޒީރަކަށްވެވަޑައިގަންނަވަން ބޭނުންވާ ކަމަށް މި ހިނގާ ރިޔާސީ ދައުރު ދެބައިވުމުން ނަޝީދު ވަނީ ރައީސް ސޯލިހަށް ދަންނަވައިފަ އެވެ. ނަމަވެސް އެކަމަށް ރައީސް އެއްބަސްވެވަޑައިނުގަންނަވަ އެވެ. އެއަށްފަހު އެމްޑީޕީން މި ޖެނުއަރީ މަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމުން ދެބޭފުޅުންގެ މެދުގައި މައްސަލަ އިތުރަށް ހޫނުވި އެވެ.

ޕާޓީ އެތެރޭގައި ޖެހުނު މައްސަލައަށް އިޝާރާތް ކުރައްވަމުން ފައްޔާޒް ވިދާޅުވީ އެއީ ލިބުނު ތަޖުރިބާއެއް ކަމަށާއި ވަކި ފަރުދަކަށްވުރެ ޕާޓީ ބޮޑުވުމަކީ ލިބުނު ކާމިޔާބީ ކަމަށެވެ.
"އެއީ ވެސް ލިބުނު ފުން ތަޖުރިބާއެއް. މި ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއް. އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މި ގައުމު ޕާޓީގެ މެމްބަރުންނަށް މާ ބޮޑު. އެ ފަލްސަފާ އެމްޑީޕީގައި އަށަގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" ފައްޔާޒް ވިދާޅުވި އެވެ.
ސިޔާސީ ހަލަބޮލިކަމުން މި ރިޔާސީ ދައުރުގައި ރައްޔިތުން ދުރުވެ، އަމިއްލަ ދިރިއުޅުމެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިރޭ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ޕާޓީގެ ކެންޑިޑޭޓަށް ދެ ވަނަ ދައުރެއް ޔަގީންކުރުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ސިޔާސީ ހަލަބޮލިކަމާއި ދެބަސްވުމާއި ޒުވާބަކީ މުޅި އުމުރު އުފުލޭނެ ބުރައެއް ނޫން. އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމުގެ އިހުސާސް މުޅި ރާއްޖޭގައި މިއަދު އެބަ ހިނގާ. އެތައް އަހަރަކުން ނުވެ ދިގުލި ކިތަންމެ ތަކުލީފެއްގެ ހައްލު 2018 ގައި އެމްޑީޕީން އުފެއްދި ވެރިކަމުން ރައްޔިތުންނަށް ލިބެން ފަށައިފި،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިރޭ ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ އެމްޑީޕީ އުފެއްދިއިރު އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއިރު ރައްޔިތުން ތިބެންޖެހުނީ "ބިރުން ސަރުކާރަށް އަޅުދާސްތުވުމުގައި ފިތިފަ ހަފުސްވެފަ" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބަދުވެސް ރާއްޖޭގައި އޮތީ މަތިން ތިރިއަށް ހިނގާ ވެރިކަމުގެ ނިޒާމެއް. ވާދަވެރި ސިޔާސީ ވިސްނުން އޮތުމަކީ އެއިރު އެންމެ ބޮޑު ކުށް. އެއީ އެންމެ މީހަކު ވެރިކަމުގައި ހުރުމަށް ހުރަހެއް ނެތް ދުވަސްވަރެއް. މިނިވަން މުއައްސަސާތަކާއި އިންސާނީ ގަދަރާއި ކަރާމާތުގައި އެއްވެސް އަގެއް ނެތް. އިންތިހާ ދަރަޖައިގެ ބޭއިންސާފާއި ލާއިންސާނީ އަނިޔާ ދިނުމަކީ އެއިރު ދައުލަތުގެ ހައިބަތު. ހުރިހާ ކަމެއްގައި ރައްޔިތުން ތިބެންޖެހުނީ ބިރުން ސަރުކާރަށް އަޅުދާސްތުވުމުގައި ފިތިފަ ހަފުސްވެފަ،" ފައްޔާޒް ވިދާޅުވި އެވެ.












