ދި ޑިމޮކްރެޓްސްގެ ރަޖިސްޓްރީ ހަވާލު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ޖަލްސާއެއްް ބޭއްވުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ރޭ ގޮވާލައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ފަސް މެމްބަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިއްބެވީ ހަތަރު މެމްބަރުންނެވެ. ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ޖޫން 18، ގައި ބޭއްވި ޖަލްސާގައި ދެކޮޅަށް ވޯޓު ހަމަހަމަވެގެން ގޮތެއް ނުނިންމުނެވެ. އޭގެ ފަހުން ޖޫން 21، ގައި ޖަލްސާއަކަށް ގޮވާލުމުން ކޯރަމް ހަމަނުވެގެން އެ ޖަލްސާ ނުބޭއްވުނެވެ.
"ޖަލްސާއެއް ބޭއްވުނަ ނުދީ ބައެއް މެމްބަރުން މަސައްކަތް ކުރައްވާތީ އަޅުގަނޑު ވަރަށް ދެރަވޭ. އަދި އަޅުގަނޑު ހަމަ އެ ބޭފުޅުންނަށް ގޮވާލަން ވެސް ބޭނުންވޭ މޭޒުދޮށަށް ވަޑައިގަންނަވާށޭ ޖަލްސާ ކުރިއަށްގެންދަން،" ސީއެންއެމް އިން ގެނެސްދޭ "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވި އެވެ.
ޖޫން 18، ގައި ބޭއްވި ޖަލްސާގައި އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތާއި މުހައްމަދު އާސިފް ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ފޯމުތައް އަލުން ފާސް ކުރުމަށެވެ. އޭގެ ފަހުން ޖޫން 21، ގެ ޖަލްސާއަށް ގޮވާލީ ފޯމުތައް އަލުން ޗެކް ކުރުމަށްފަހު ކަމަށް ފުއާދު ވިދާޅުވި އެވެ. އެ ޖަލްސާއަށް ނަޝާތާއި އާސިފް ވަޑައެއްނުގަންނަވަ އެވެ.
"އާދީއްތަ ދުވަހާ ހަމައަށް ދިޔައިރު އޮތީ އަޅުގަނޑުމެން ޗެކް ކުރަންޖެހޭ ހުރިހާ ޗެކެއް ކުރެވި ނިމިފަ. އަދި އިތުރަށް އެކަމަކު އެހެން ބޭފުޅުން ބޭނުންފުޅުވީ، އިތުރު ޗެކެއް ކުރަން، އެ ޗެކު ވެސްކޮށް މިހާރު ވަނީ ނިމިފަ. އެހެން ނަމަވެސް ޖަލްސާއަށް ބައެއް ބޭފުޅުން ވަޑައިނުގަތުމުގެ ސަބަބުން މިދިޔަ ބުދަ ދުވަހު ވެސް ޖަލްސާ ނުބޭއްވުނީ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ ރަޖިސްޓްރީއާ ދިނުމާ ގުޅޭ ގޮތުން އިލެކްޝަންސްއަށް ގޮތެއް ނުނިންމުމަކީ އެ ކޮމިޝަނުގެ އަދި މެމްބަރުންގެ ފައިލްވުމެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ވެއްޓުމެއް. އިލެކްޝަންސް ކަމިޝަންގެ ވާޖިބު އަދާކުރުމަށް އަޅުގަނޑުމެން މި ވަނީ ނުކުޅެދިފަ. އެއީ އަޅުގަނޑަށް ވެސް ލިބޭ ހުތުރެއް، އަނެއްކާ ކަމިޝަނުގެ ކޮންމެ މެމްބަރަކަށް ވެސް ލިބޭ ހުތުރެއް،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ޖަލްސާއަށް ދެ މެމްބަރަކު ހާޒިރުނުވަނީ އޭނާ ދެކެ ހިތްހަމަނުޖެހިގެން ކަމަށާއި އޭނާއާމެދު ހިތްހަމަނުޖެހެނީ ކަންކަން ލަސްކުރަން ފުރުސަތު ނުދެއްވާތީ އާއި ހަގީގަތް ހާމަކުރައްވާތީ ކަމަށެވެ.
"[ޖަލްސާއަށް މެމްބަރުން ހާޒިރުނުވަނީ] އަޅުގަނޑާ ދޭތެރޭ ހިތްހަމަނުޖެހިގެން. އަޅުގަނޑާ ދޭތެރޭ ހިތްހަމަނުޖެހުނީ މި ގެންގުޅުއްވާ ޑިލޭ ޕްރޮސެސްއަށް އަޅުގަނޑު އެއްބަސްނުވާތީ. އެއްބަސްނުވެފަ އަޅުގަނޑު މިކަމުގައި، [ޑިމޮކްރެޓްސް] ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް [ޖޫން 18، ގައި] ވަޑައިގެން ތިއްބެވި ބޭފުޅުންނަށް މިކަމުގެ ހަގީގަތް އޮތް ގޮތް ދަންނަވާދިނީމަ،" ފުއާދު ވިދާޅުވި އެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމާމެދު ގޮތެއް ނުނިމި އޮތުމުން ލަފާ ހޯއްދަވަމުން ގެންދަވާ ކަމަށާއި ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
"އަަޅުގަނޑު މިކަމާ ގުޅޭ ގޮތުން ދަންނަވަންޖެހޭ ފަރާތްތަކުގައި ވެސް ދަންނަވައި، ލަފާ ހޯދަންޖެހޭ ފަރާތްތަކުން ލަފާ ހޯދަމުން މި ގެންދަނީ. އަޅުގަނޑު އުއްމީދު ކުރަނީ ވަރަށް އަވަހަށް މިކަންތައްތައް ހަމަޖެހިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ދި ޑިމޮކްރެޓްސް އުފައްދަން ހުށަހެޅީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކެނޑުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ މެމްބަރުންތަކެކެވެ. ޕާޓީ އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ކޮމިޝަނަށް ހުށަހެޅީ ޖޫން 1، ގަ އެވެ. އޭގެ ފަހުން ނަޝީދު ވެސް ދަނީ މިދިޔަ ހަފުތާގައި އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.













