ލަންޑަން (ޖޫން 24) - ވުލްސްގެ ކެޕްޓަން ރުބެން ނެވޭސް އެ ކްލަބު ދޫކޮށް، ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވެއްޖެ އެވެ.
ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ނެވޭސް، 26، އަލް ހިލާލަށް ދޫކޮށްލަން ވުލްވްސް އިން އެއްބަސްވީ އެ ކްލަބުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 55 މިލިއަން ޑޮލަރު އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕޯޓޯ އިން 2017 ވަނަ އަހަރު ވުލްވްސްއާ ގުޅުނު ނެވޭސް އެ ކްލަބުން ވިއްކާލީ އޭނާގެ ކޮންޓުރެކްޓްގައި ބާކީ އެއް އަހަރު އޮއްވަ އެވެ. ނެވޭސް ވަނީ ވުލްވްސް އަށް 253 މެޗު ކުޅެ، 30 ލަނޑު ޖަހައިފަ އެވެ.
އަލް ހިލާލަށް ނެވޭސް މި ބަދަލުވީ ސްޕެއިންގެ ބާސެލޯނާ އިން ވެސް އޭނާގެ ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ. އެކަމަކު، ބޮޑު އަގުގައި އަލް ހިލާލަށް ނެވޭސް ވިއްކާލުމުން، ވުލްވްސް އަށް މާލީ ގޮތުން ދިމާވެފައިވާ ޕްރެޝަރުތަކަށް ލުޔެއް ލިބޭނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވެގެން، ވުލްވްސް އަށް އޮތީ ކުޅުންތެރިންތަކެއް ވިއްކާލައި، ހަރަދު ކުޑަކުރަން މަޖޫބުރުވެފަ އެވެ.
ނެވޭސް އަކީ ކުރިއަށް އޮތް ސީޒަނަށް ޔޫރަޕްގެ ބޮޑު ލީގަކުން ސައުދީ ޕްރޯ ލީގަށް ބަދަލުވި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކާންޓޭ ވަނީ އަލް އިއްތިހާދަށް ބަދަލުވެފަ އެވެ. މީގެ އިތުރުން، ޖެނުއަރީ މަހުން ފެށިގެން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ކުޅެމުންދަނީ ސައުދީގެ އަލް ނަސްރު އަށެވެ.
ޔޫރަޕްގެ ލީގުގައިތަކުގައި ކުޅޭ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކަކަށް ސައުދީގެ ކްލަބުތަކުން ދަނީ ފާރަލަމުންނެވެ. އެހެންކަމުން، މި ޓްރާންސްފާގައި ނަން މަޝްހޫރު އިތުރު ކުޅުންތެރިންތަކެއް ސައުދީ ޕްރޯ ލީގަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.












