ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މ. މުރައިދޫ ގެއިން އަންނަ ހޯމަ ދުވަހު ނިކުމެވަޑައިގަންނަވާނެ ކަމަށް ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެމަނިކުފާނު އަންގަވައިފި އެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް ނަޝީދުގެ އޮފީހުގެ ޗީފް އެގްޒެކެޓިވް އަހުމަދު މައުސޫމް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު ބަދަލުވެވަޑައިގަންނަވަނީ ގ. ބޭރުވެލި އަށް ކަމަށެވެ.
"މަޖިލީސް ރައީސް ހުންނަވާ ރަސްމީ ގެ [މ. މުރައިދޫ] އިން ގ. ބޭރުވެލި އަށް 26 ޖޫން 2023 ގައި ބަދަލުވެވަޑައިގަންނަވާނެ ކަމަށް ދަންނަވަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވި،" އެ ސިޓީގައި ބުނެފައިވެ އެވެ. "މިކަމާ ގުޅިގެން އަންގަވަންޖެހޭ ދައުލަތުގެ ފަރާތްޕުޅުތަކަށް ވެސް އަންގަވައިދެއްވުމަށް ދަންނަވަން ވެސް ވިދާޅުވި."
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ވަކި ކުރަން ހުށަހަޅާފައިވާތީީ އެ މައްސަލައިގެ ނޯޓިސް ހަމަވާ ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެއިން ނިކުންނަވާނެ ކަމަށް ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑަކީ މާލޭގައި އުޅޭނެ ގޮތެއް ނެތް މީހެއް ނޫން. އަޅުގަނޑު ވަރަށް ބޭނުން ކެނެރީގެއަށް ބަދަލުވާން. އަޅުގަނޑުގެ ނޯޓިހަށް 14 ދުވަހަށް ވުމުން ދާނަން މުރައިދޫގެއިން," މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް ދިނީ ޖޫން 12، ގަ އެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ ޖޫން 25، ގަ އެވެ. އެމަނިކުފާނު މުރައިދޫ ގެއިން ނިކުމެވަޑައިގަންނަވަނީ އޭގެ އަނެއް ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވާ ގެކޮޅަކީ މުރައިދޫ ގެ ކަމަށް ހަމަޖެއްސީ ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި ބަޔަކު ދިން ހަމަލާއަށްފަހެވެ. ނަޝީދަށް ހަމަލާދިނީ، އެމަނިކުފާނުގެ އާއިލީ ގެ ކ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައި އިން ބޮމެއް ގޮއްވާލައިގެނެވެ.












