ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމުން މިއަދަކީ "ހިތާމަވެރި ދުވަހެއް" ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ސިފަކުރައްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެޕާޓީގެ އިސް އެހެން ބޭފުޅުންނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އުފެއްދެވި "ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ ފަހު މަރުހަލާގައި ވަނިކޮށް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިއަދު އެވެ.
އެމްޑީޕީން ވަކިވެވަަޑައިގެންނެވިކަން އެމަނިކުފާނު ހާމަކުރެއްވީ ފައްޔާޒަށް އެޑްރެސްކުރައްވައި އަތްޕުޅުން ލިއުއްވާފައިވާ ސިޓީއެއްގެ ފޮޓޯ ސޯޝަލް މީޑިއާ ޓްވިޓާއަށް ދޫކޮށްލައްވައިގެންނެވެ. ނަޝީދުގެ އެ ޓްވީޓް ރިޓްވީޓް ކުރައްވަމުން ފައްޔާޒު ވިދާޅުވީ އަމިއްލަފުޅު ހައިސިއްޔަތުންނާއި އެމްޑީޕީގެ ފަރާތުން ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މިއީ ހިތާމަވެރި ދުވަހަށް ވީ އިރު ހުރިހާ ފަރާތްތަކުން ވެސް އެ ފަރާތްތައް އިހުތިޔާރުކުރި މަގުތަކުން ކުރިއަށް ދާން މިކަމުން [ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމުން] މަގު ކޮށޭ،" ފައްޔާޒު ވިދާޅުވި އެެވެ.
އެމްޑީޕީން ވަކިވެވަޑައިގަންނަވަން ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވާން ނިންމީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި, އެމަނިކުފާނު އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނާތީ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަނަށް ވެދުން ސަލާމަށްފަހު ދަންނަވަން. ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ނަޝީދުގެ އަތުލިޔުމުން ލިޔުއްވައި ފޮނުވި އެ ސިޓީގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު އެމްޑީޕީން ވަކިވުމުން އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވީ އެވެ.
ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.













