ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް، މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމުން އެމަނިކުފާނަށް ދައުލަތުން ދެއްވާފައިވާ ރަސްމީ ގެކޮޅު "މުރައިދޫގެ" އިން ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮތުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ ރައީސްކަމުންް ވަކިކުރަން ހުށަހަޅައި މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާ ކަމަށް އަންގާފައިވާތީ އިނާޔަތްތައް ނަންގަވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ނޯޓިސް މުއްދަތު ހަމަވުމުން މުރައިދޫގެއިން ނިކުމެވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަކީ މާލޭގައި އުޅޭނެ ގޮތެއް ނެތް މީހެއް ނޫން. އަޅުގަނޑު ވަރަށް ބޭނުން ކެނެރީގެއަށް ބަދަލުވާން. އަޅުގަނޑުގެ ނޯޓިހަށް 14 ދުވަހަށް ވުމުން ދާނަން މުރައިދޫގެއިން," ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހެޅުމާއި ގުޅިގެން ނޯޓިސް ދީފައި ވަނީ މިމަހުގެ 12 ގަ އެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ މި މަހުގެ 25 އަށެވެ.
މުރައިދޫގެއިން ނިކުމެވަޑައިގަތުމަށް ފަހު ސެކިއުރިޓީ ދިނުމާއި މެދުވެސް ފަރުވާލެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ސެކިއުރިޓީ ދޭނެތޯ ނުވަތަ ނޫންތޯ. ނުބަލަހައްޓައިގެން މަރާލައިފިއްޔާ މަރުވެފައި އޮންނާނީ," މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މުރައިދޫގެއަށް ބަދަލުވެވަޑައިގެންފައި ވަނީ މެއި 6, 2021 ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވެ.
ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ދިޔައި އަމިއްލަ ގެކޮޅުގަ އެވެ.












