ހާރްތޫމް، ސޫދާން (ޖޫން 18) - ސޫދާންގެ ހަނގުރާމައިގައި އަނެއްކާ ވެސް 72 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލަން އެއްބަސްވެއްޖެ އެވެ.
ސިފައިންގެ ވެރިޔާ އަބްދެލް ފައްތާހް އަލް ބުރްހާންގެ ފައުޖާއި މުހައްމަދު ހަމްދާން ދަގްލޯގެ ޕެރެމިލިޓަރީ ފައުޖުން ހަނގުރާމަ ފެށީ އެޕްރީލް 15 ގަ އެވެ.
ހަމަލާ މެދުކަނޑާލައި އެހީއަށް މަގުފަހި ކުރުމަަށް މީގެ ކުރިން އެކި ފަހަރު މަތިން އެއްބަސްވި ނަމަވެސް، ކޮންމެ ފަހަރަކު ވެސް އެއްބަސްވުމާ ހިލާފުވެ އެވެ.
ހަނގުރާމައަށް ދެ މަސް ފުރުނު އިރު، 2000 އަށް ވުރެ ގިނަ މީހުން މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ. އޭގެ ތެރެއިން 528،000 މީހުން ހިޖުރަ ކުރީ ކައިރި ގައުމުތަކަށެވެ.
ހަތްދިހަ ދެ ގަޑިއިރު ވަންދެން ހަމަލާ މެދުކަނޑާލަން ދެ ފަރާތުން އެއްބަސްވީ އާއްމުންނަށް ބޭނުންވާ އެހީ ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ ގޮތް ހެދުމަށް ގައުމުތަކުން ބާރު އެޅުމުންނެވެ.
އެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ދެ ފަރާތުގެ މެދުގައި ސައުދީ އަރަބިއްޔާގައި ބާއްވާ މަޝްވަރާތައް ލަސްކުރާނެ ކަމުގެ އިންޒާރު ސައުދީ ސަރުކާރުން ދިނެވެ. މަޝްވަރާތަކުން މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.










