ހާރްތޫމް، ސޫދާން (ޖޫން 15) - ސޫދާންގެ ދާހިލީ ހަނގުރާމަ ތިން ވަނަ މަހަކަށް ދިގުދެމިގެން ދިޔަ އިރު މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް އަރައިފި އެވެ.
އަބްދެލް ފައްތާހް އަލް ބުރްހާންގެ ދަށުގައި އޮތް ސިފައިންނާއި ވަކި ސިފައިންގެ ލަޝްކަރެއްގެ ގޮތުގައި އޮންނަ މުހައްމަދު ހަމްދާން ދަގްލޯގެ ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) އިން ހަނގުރާމަ ފެށީ އެޕްރީލް 15 ގަ އެވެ.
ހަނގުރާމައިގެ ސަބަބުން 2.2 މިލިއަން މީހުން ގެތައް ދޫކޮށް ގޮސްފައިވާ އިރު، 528،000 އަށް ވުރެ ގިނަ މީހުން ހިޖުރަ ކުރީ ކައިރި ގައުމުތަކަށެވެ.

ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލައި ދާއިމީ ހައްލެއް ފެނޭތޯ އެމެރިކާ އާއި ސައުދީ އަރަބިއްޔާ ގުޅިގެން ކުރާ މަސައްކަތްތަކުން މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.
ހަމަލާ ބަދަލުކުރުން މެދުކަނޑާލަން އެއްބަސްވި ނަމަވެސް، ކޮންމެ ފަހަރަކު ވެސް އެއްބަސްވުމާ ހިލާފަށް ދެ ފަރާތުން އަމަލުކޮށް ހަނގުރާމަ ކުރިއަށް ގެންދެ އެވެ.
އދ. އިން ލަފާކުރާ ގޮތުގައި ސޫދާންގެ އާބާދީގެ 50 ޕަސެންޓަށް ވުރެ ބޮޑު ބަޔަކަށް އެހީ ބޭނުންވެ އެވެ. ނަމަވެސް ހަމަލާ މެދުކަނޑާލާ ނުލާތީ އެހީ ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފަ އެވެ.
ސޫދާނަށް އެހީ ދިނުމާ ގުޅޭ ބައިނަލްއަގްވާމީ ކޮންފެރެންސެއް އަންނަ ހަފުތާގައި ބޭއްވުމަށް ސައުދީ އަރަބިއްޔާއިން ވަނީ ނިންމައިފަ އެވެ.





