އެމްއޭސީއެލް އާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމެއް ފަށައިފި އެވެ.
އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑު ކޮންޕްލަޔަސް ޑިޕާޓުމަންޓުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ، ބިނާރު ކެމްޕޭނުގެ ދަށުން ފެށި އެ ޕްރޮގުރާމު އިފްތިތާހު ކޮށްދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ތޯހާ އާއި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު އަބްދުލް ރަހްމާން އެވެ.
އެމްްއޭސީއެލުން ބުނީ މިއަދު ފެށި އެ ޕްރޮގުރާމުގެ ދަށުން ކުންފުނީގެ ސީނިއާ މެނޭޖުމަންޓާއި އާންމު މުވައްޒަފުންނާއި ޑުރައިވަރުންނަށް ހާއްސަ ހޭލުންތެރިރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްރޮގުރާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު، ތޯހާ ވަނީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމާއި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރު ދުވެލީގައި ނުދުއްވުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވާފަ އެވެ. އަދި ހިނގާފައިވާ ގިން އެކްސިޑެންޓުތަކަކީ ސަމާލުކަން ދޭންވާވަރަށް ނުދީ ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތައް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެ ޕްރޮގުރާމުގެ ދަށުން ފުރަތަމަ ސެޝަން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ސެޝަން ހާއްސަ ކުރީ އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓަށެވެ.









