ރައްޔިތުންގެ މަޖިލީހުގައި އެޅިފައިވާ ކަމަށް ބުނާ މަރުތަޅުން ނެއްޓި، ޖަލްސާތައް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހެޅި ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށް އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އަދި އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން މަޖިލީހުުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވިދާޅުވީ ކުރިއަށް ދެވެން އޮތީ މަޖިލީހުގެ ރައީސްގެ މައްސަލަ ނުވަތަ ނައިބު ރައީސްގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންގޮސްގެން ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ހިޔާލު ފާޅުކުރައްވާފައިވާ ކަމަށެވެ.
"އެއް ގޮތެއް އެބަ އޮތް. މިހާރު ރައީސް ނަޝީދު ވެސް އެބަ އޮތް ގްރޫޕްގައި ލިޔުއްވާފައި، މިހާރު މިސާލަކަށް ސްޕީކާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ [އަނބުރާ ނަގަންވީ]، އެހެންނޫނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ [އަނބުރާ ގެންދަންވީ]، ކޮންމެވެސް އެކައްޗެއް [އަނބުރާ ނަގާފައި] އަނެކައްޗެއް ހިންގަންވީ ނޫންތޯ؟" އަލީ ހުސައިން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައި ބުރައީސްގެ މައްސަލަ އެެއްފަހަރާ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވެސް ނެތް ކަމަށެވެ.
"މިހާރު ވެސް އެކަން ކުރެވޭނެ ގޮތަކީ ކޮންމެވެސް އެއް ބޭފުޅަކު ޗެއާކުރުމުގެ ފުރުސަތު [މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު]ދެއްވާފައި ދެން ކުރިއަށް ގެންދިއުން،" އާޒިމް ވިދާޅުވި އެވެ.

އެެހެން ނަމަވެސް އެހާލަތުގައި ވެސް އާއްމު ކޮމިޓީ އެކުލަވައިލަން ޖެހޭނެ ކަމަށް ދެ މެމްބަރުން ވެސް ވިދާޅުވި އެެވެ.
އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލަ މިއަދު ބާއްވަން މަޖިލީހުގެ ގަވާއިދުން ލާޒިމު ކުރެ އެވެ. ނަމަވެސް, އެ ޖަލްސާގެ އިންތިޒާމު ކަނޑައަޅަންޖެހޭ އާންމު ކޮމެޓީ ފުރިހަމަ ނުވާ ކަމަށް ބުނެ އަމީން އާންމު ފާތިމަތު ނިޔުޝާ އެ މައްސަލަ އެޖެންޑާ ކުރަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ނިޔުޝާ ވިދާޅުވީ އެ ޖަލްސާ އެޖެންޑާ ކުރެވޭނީ އާންމު ކޮމެޓީ އެކުލަވާލެވިގެން ކަމަށެވެ.
ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތީ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމުން ކޮމެޓީތަކުގެ ރޭޝިއޯއަށް ބަދަލު އައުމުންނެވެ. އިދިކޮޅު މެމްބަރުން އަދި އަމީން އާންމު ވިދާޅުވަނީ އީވާގެ މައްސަލަ އެޖެންޑާ ކުރެވޭނީ ކޮމެޓީގެ ފުރިހަމަވުމުން ކަމަށެވެ.













