މެންޗެސްޓާ (ޖޫން 7) - މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބްގެ ކެޕްޓަން، ހެރީ މެގުއާ ދޫކޮށްލުމަށް ފަހު، އާ ޑިފެންޑަރެއް ހޯދަން ކުރާ މަސައްކަތުގައި އެންމެ ބޭނުންވަނީ ނަޕޯލީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެކުނު ކޮރެއާގެ ޑިފެންޑަރު ކިމް މިން ޖޭ ގެނައުމަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލެސްޓާ ސިޓީ ދޫކޮށް 2019 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި މެގުއާ ޔުނައިޓެޑަށް ބަދަލުވި ނަމަވެސް އޭނާ އަށް އެ ލެވަލްގެ ކުޅުމެއް ނުދެއްކެ އެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމާ ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަވާލުވުމަށް ފަހު، މެގުއާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ޔުނައިޓެޑުން ޗެލްސީގެ މިޑްފީލްޑަރު، މޭސަން މައުންޓް ހޯދަން ކުރާ ބިޑްގެ ތެރެއިން މެގުއާ އެ ޓީމަށް ދޫކޮށްލަން ބޭނުންވެ އެވެ. އެ ޑީލްގެ ތެރެއިން މެގުއާ ދޫކޮށްނުލެވުނު ކަމުގައި ވިޔަސް، ޔުނައިޓެޑްގެ ވިސްނުމަކީ ޝައުގުވެރިވާ ޓީމަކަށް މެގުއާ ވިއްކާލުމެވެ. އެކަމަކު، ޔުނައިޓެޑުން މެގުއާ ގެންނަން ލެސްޓާ އަށް ދެއްކި 98 މިިލިއަން ޑޮލަރުގެ ފީއާ ގާތް އަގަކަށް ވެސް މެގުއާ ދޫކޮށްނުލެވޭނެ ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ޔުނައިޓެޑުން އެންމެ ބޭނުންވާ ޑިފެންޑަރަކީ ކިމް، 26، އެވެ. ނަޕޯލީން 33 އަހަރު ފަހުން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، މި ސީޒަނުގައި ކިމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލީގު ޗެމްޕިއަންކަން ނަޕޯލީން ހޯދުމުން ބޭއްވި ޕާޓީ އަށް ފަހު، ކިމް ވަނީ އެ ޓީމު ދޫކޮށް، އެހެން ކްލަބަކާ ގުޅެ، އާ ޗެލެންޖެއް ނެގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ނަޕޯލީ ކުޅުންތެރިން ގާތުގައި ބުނެފަ އެވެ.
މިދިޔަ އަހަރު ތުރުކީގެ ފެނަބާޗޭ އަށް 20 މިލިއަން ޑޮލަރު ދައްކާފައި ނަޕޯލީން ގަތް ކިމް މި ފަަހަރުގެ ޓްރާންސްފާގައި އެހެން ކްލަބަކާ ގުޅޭނަމަ އެ ޓީމެއް އަތުން ނަޕޯލީން މަދުވެެގެން 50 މިލިއަން ޑޮލަރު ޑިމާންޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގަތަރު ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ގައުމީ ޓީމަށް ކުޅުނު ކިމް ވަނީ މިދިޔަ ސީޒަނުގައި ނަޕޯލީ އަށް ހުރިހާ މުބާރާތެއްގައި 45 މެޗު ކުޅެދީފަ އެވެ.












