ގާނޫނީ ސަބަބެއް ނުދައްކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މެމްބަރުންނަށް ފެނިވަޑަައިގަތުމުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ދެކުނުން ދިވެހިރާއްޖޭގެ އީއީޒެޑް ކަނޑައެޅި މައްސަލައިގައި އޭނާގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ދިފާއުގައި ވާހަކަ ދައްކަވަމުން ރިފްއަތު ވިދާޅުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ ގާނޫނީ ސަބަބެއް ދައްކައިގެން ކަމަށާއި މަޖިލީހުގެ ރައީސް އާއި މެމްބަރުންނަށް "ހިތަށް ފެންނަ ގޮތަކީ" ސަބަބެއް ނޫން ކަމަށެވެ.
"ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ހ. ގައި ބުނަނީ ސަބަބު ބަޔާންކޮށްގެން މެނުވީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެ ކަމަށް. އަޅުގަނޑު ވަކާލާތުކުރި ގޮތާ މެދު މަޖިލީހުގެ ރައީސާއި 13 މެމްބަރުންގެ ހިތަށް ފެންނަ ގޮތަކީ ގާނޫނުއަސާސީގައި ބުނާ ސަބަބެއް ނޫން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ރިފްއަތުގެ ދިފާއުގައި އޭނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި މެމްބަރުން މިއަދު ވަނީ ދިފާއު ކުރިއަށް ދަނިކޮށް އާދަޔާ ހިލާފަށް ނިޒާމީ ނުކުތާ ނަންގަވައިފަ އެވެ. ރިފްއަތުގެ ވާހަކަ މެދުކަނޑާލައި ރިޔާސަތުން ކޮންމެ ފަހަރަކު ވެސް ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވަ އެވެ.
އެހެން އޮއްވައި ވާހަކަ ދައްކަން ލިބުނު ފުރުސަތެއްގައި ރިފްއަތު ވިދާޅުވީ އޭނާ މަސައްކަތް ކުރަނީ އިޖުރާއަތާ އެއްގޮތަށް ކުރިއަށްދާން ކަމަށެވެ. އަދި އޭނާ ހާޒިރުކޮށްފައި ވަނީ ވަޒީރަކާ ސުވާލު ކުރުމަށް ހާޒިރު ކުރާ އުސޫލުން ނޫން ކަމަށް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު މި މަސައްކަތް ކުރަނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅިފައިވާ މައްސަލައިގައި ގާނޫނު އަސާސީން އަޅުގަނޑަށް ލިބިދީފައިވާ އޮންނަ ދިފާއު ހުށަހެޅުމައްޓަކައި. އެއްގޮތަކަށް ވެސް މިއީކީ ގާނޫނު އަސާސީގެ 98 ވަނަ މާއްދާގެ ދަށުން ވަޒީރާ ސުވާލު ކުރެވޭ އުސޫލުން ހިންގޭ އިޖުރާއަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ރިފްއަތުގެ ވާހަކައަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަގުތުން ރައްދު ދެއްވައި، އަންގަވާ ގޮތަށް ކުރިއަށް ވަޑައިގެންނެވުމަށް ބަންޑާރަ ނައިބަށް އެންގެވި އެވެ.
"އިއްޒަތްތެރި ބަންޑާރަ ނައިބު މިތަނުގެ އިޖުރާއަތު ހިފަހައްޓާނީ އަޅުގަނޑު. އަދި މި މަޖިލީހުގެ އިޖުރާއަތު ކުރިއަށްގެންދާނެ ގޮތް އެނގޭނީ މަޖިލީހުގެ ރިޔާސަތަށް. އެހެންވީމާ މި މަޖިލީހުގެ ރިޔާސަތުން ބަލަހައްޓާ އިޖުރާއަތާ އެއްގޮތަށް ބަންޑާރަ ނައިބު ކުރިއަށް ގެންދެވުން އެދެން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެހެން ވިދާޅުވުން އިއުތިރާޒު ކުރެއްވުމެއް ނެތި ދިފާއުގައި ރިފްއަތު ވާހަކަ ދައްކަވަން ފެއްޓެވި އެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑު މި މަސައްކަތް ކުރަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މި މަސައްކަތް ކުރިއަށްގެންދެވޭތޯ،" އެއަށްފަހު ވާހަކަ ފައްޓަވަމުން ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އޭނާގެ ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގެން ކުޑަ ވަގުތުކޮޅުގައި ރިފްއަތު ވިދާޅުވީ އިން ކަނޑައެޅި މައްސަލައިގައި އޭނާ އިސް ކުރީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ކަމަށާއި ނަމަވެސް ކުރީގެ ސަރުކާރުތަކުން އެ މައްސަލައިގައި އިހުމާލުވެފައިވާ ކަމަށެވެ.
"ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިން ހައްގުގައި ގޮތެއް ނިންމާކަށް ނުކެރުން. ނޭނގި ނަމަވެސް ކޮށްފައިވާ ކަމަކީ ބޮޑުތަނުން އިހުމާލުވުންކަން އަޅުގަނޑު ފާހަގަ ކުރަން،" ރިފްއަތު ވިދާޅުވި އެވެ.













