ތެޔޮ އުފައްދާ ގައުމުތަކުން، ތެޔޮ އުފެއްދުން މަދު ކުރާނެ ކަމަށް އެއްބަސްވުމުން ދުނިޔޭގެ މާކެޓުގައި އަގުތައް އުފުލިއްޖެ އެވެ.
ސައުދީ އަރަބިއްޔާއިން ބުނީ ޖުލައި މަހުގެ ތެރޭގައި ދުވާލަކު އެއް މިލިއަން ފީފާގެ ތެޔޮ އުފެއްދުން މަދުކުރާނެ ކަމަށެވެ. އޯޕެކް ޕްލަސް ގައުމުތަކުން ބުނީ 2024 އިން ފެށިގެން ދުވާލަކު 1.4 މިލިއަން ފީފާގެ ތެޔޮ މަދުކުރާނެ ކަމަށެވެ.
ދުނިޔޭގައި އުފައްދާ ސާފުނުކުރާ ތެލުގެ 40 ޕަސެންޓު އަންނަނީ އޯޕެކް ޕްލަސް ގައުމުތަކުންނެވެ. އެ ގައުމުތަކުގެ ނިންމުންތަކުން ތެލުގެ އަގަށް ބޮޑު އަސަރެއް ކުރެ އެވެ.
ހޯމަ ދުވަހު މާކެޓުތައް ހުޅުވުނު އިރު، ސާފުނުކުރާ ބްރެންޓް ތެލުގެ އަގު 2.4 ޕަސެންޓު އުފުލި، ފީފާއެއް 74 ޑޮލަރަށް އެރި އެވެ.
ތެޔޮ އުފެއްދުން މަދުކުރަން އެއްބަސްވީ ރަޝިއާ އިސްވެ، ހޮނިހިރު ދުވަހު ބޭއްވި ހަތް ގަޑިއިރުގެ މަޝްވަރާއަކަށް ފަހު އެވެ.
ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި އޯޕެކް ގައުމުތަކުން ދަނީ އަގަށް ބަދަލު ގެންނަން ތަފާތު އެކި ފިޔަވަޅުތައް އަޅައި، ހަކަތައިގެ އަގު މަތިކުރަމުންނެވެ.
އޭގެ އިތުރުން އޯޕެކް ގައުމުތަކުން އޮންނަަނީ ރަޝިއާ ފަޅީގައި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. ރައްދުގައި އޯޕެކުން ބުނީ ހުޅަނގުގެ ސިޔާސަތުތަކާ ހެދި ފާއިތުވި 10 އަހަރު އިންފްލޭޝަން މަތިވެ، ތެޔޮ އުފައްދާ ގައުމުތަކަށް ގެއްލުން ވާން ފެށި ކަމަށެވެ.










