ތޫފާން މަވާރްގެ ސަބަބުން ބޯކޮށް ވާރޭ ވެހެމުން ދާތީ ޖަޕާނުން ދެ މީހުން ގެއްލިގެން ރިޕޯޓުކޮށްފައި ވަނިކޮށް އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ އަމުރު ނެރެފި އެވެ.
އިވެކުއޭޝަން އަމުރު ނެރުނީ 410،000 މީހުންނަށެވެ. އެއީ މެދުތެރޭގައި އޮންނަ އައިޗީ ސަރަހައްދުގެ ޓޮޔޯޓާގައި ދިރިއުޅޭ މީހުންނެވެ. ޖަޕާނުގެ މެދުތެރޭގެ އެހެން ހިސާބުތައް ވެސް އޮތީ އެލާޓުގަ އެވެ.
ބައެއް ހިސާބުތަކުގައި ކޯރުތައް ބަންޑުންވެފައިވާ އިރު، ވަކަޔާމާ އަވަށުން ދެ މީހުން ގެއްލިން ރިޕޯޓުކުރި އެވެ، އެއީ ކޯރު ބަންޑުންވެ ފެންބޮޑުވި އިރު، މަގުމަތީގައި ތިބި ދެ މީހުންނެވެ.
ސަރުކާރުން އެންގީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރު ބަންޑުންވެދާނެ ކަމަށް ބަލައި ސަމާލުވެ ތިބުމަށެވެ.
މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ޖަޕާނަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.
މިހާތަނަށް އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ އިރު، ހަތް މީހުންނަށް ކުދި އަނިޔާ ލިބިގެން ރިޕޯޓުކޮށްފައިވެ އެވެ.
ބައެއް ސަރަހައްދުތަކުގެ ބުލެޓް ރޭލް ދަތުރުތައް ހުއްޓާލާފައިވާ އިރު، 200 އަށް ވުރެ ގިނަ ވައިގެ ދަތުރު ކެންސަލް ކުރި އެވެ.










