އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި އޭނާ ޖަވާބުދާރީ ވެވަޑައިގެންނެވި ގޮތާ ގުޅުވައި އެ މައްސަލަ ޕާކްކުރުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މަޖިލީހުގެ ރިޔާސަތާ މެދު ނުރުހުން ފާޅުކުރައްވައިފި އެވެ.
އޭޖީގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހެޅީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަރީޒާތަކާ ދެމެދު ކަނޑުގެ އިން ވަކިކުރި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އެ މައްސަަލައާ ގުޅުވައިގެންނެވެ.
އެ މައްސަލަ މަޖިލީހަށް މިއަދު އެޖެންޑާކުރުމަށް ފަހު ބަހުސް ކުރިއަށް ނުގެންގޮސް ޕާކްކުރީ އެ މައްސަލާގައި އޭޖީ މަޖިލީހަށް ލިއުމުން ޖަވާބު ދެއްވުމުން، އެއީ ކަންތައް ކުރެއްވިދާނެތޯ ރިޔާސަތުން ސުވާލު އުފައްދައިގެންނެވެ.
އެ މައްސަލާގައި ހިޔާލު ތަފާތުވުމުން، ޕާޓީތަކުގެ މަޝްވަރާއަށް މަޖިލިސް މެދު ކަނޑުއްވައިލެއްވުމަށް ފަހު އަލުން ފަށްޓަވާފައި ރިޔާސަތުން ނަޝީދު ވިދާޅުވީ އެކަމުގައި ސުޕްރީމްކޯޓުގެ ލަފައެއް ހޯއްދަވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެެއަށް ފަހު ދެން ވަޑައިގެންނެވީ މިއަދުގެ އެޖެންޑާގެ ދެން އޮތް ނަމްބަރަށެވެ.
އެގޮތަށް ކަންތައް ކުރެއްވުމުން ނުރުހުން ފާޅުކުރައްވަމުން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީ ވެވަޑައިގެންނެވުމަކީ އެޓާނީ ޖެނެރަލް އަށް އޮތް ހައްގެއް ކަމަށާއި އެދިވަޑައިގަންނަވާ ނަމަ އެ ހައްގު ދޫކޮށްލެއްވިދާނެ ކަމަަށެވެ. އެކަމުގައި ސުޕްރަީމް ކޯޓްގެ ލަފައެެއް ހޯދުމަކީ މަޖިލީހުގައި ނަަގާ ވޯޓަކުން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެބަ ބުނޭ، މަޖިލީހުން ކަމަކަށް ލަފާ ހޯދާކަމަށް ވަނީ ވިއްޔާ އެ ލަފައެއް ހޯދޭނީ މަޖިލިސްގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކަމަށް. އެކަން އެހާ ސާފުކޮށް އޮތުމާ އެކު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މަޖިލީހުން ފާސްނުކޮށް ލަފައެއް ހޯދިދާނެ ކަމަކަށް،" ޝަރީފު ވިދާޅުވި އެވެ.
އެފަދަ ލަފައެއް ހޯދަން ޖެހޭ ހާލަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެކަމުގަައި ރިޔާސަތުން ހަމަ އެކަނި އިދިކޮޅު ފަރާތޔްތަކުގެ ބަސް ހޯއްދަވައިގެން އެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ބާއްވަން ނުޖެހޭ ކަމަށެވެ.
"އެމީހަަކަށް ލިބޭ ހައްގެއް އެމީހަކު ބޭނުން ނުކުރުން އެއީ ދެން ތިބި މީހުން ކުރަން ޖެހޭ މަސައްކަތް ނުކުރަން ޖެހޭ ސަބަބެއް ވެސް ނޫން،" ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ އޭޖީއާ ދެކޮޅަށް ހުށަހެޅި މައްސަލަ މިއަދު ކުރިއަށް ގެންދަން ޖެހޭނެ ކަަމަށެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތުހުމަތުކުރެއްވީ އޭޖީގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓަލީ މިއަދު ވޯޓް ނަގައިފިއްޔާ އިތުބާރު އޮތް ކަމަށް ފާސްވާނެތީ ކަމަށެވެ. ޗާގޯސް މައްސަަލައާ ގުޅުވައި އިދިކޮޅުން ރާވާފައިވާ މުޒާހަރާގެ ކުރިން އެވޯޓް ނުނަގަން ރިޔާސަތުން މަސައްކަތްކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"ވަޒީރުގެ އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެ ކަމަށް ވަންޏާ މިބޭފުޅުންގެ މި މުޒާހިރާއަށް އޭގެ އަސަރެއް ކޮށްފާނެކަމަށް ދެކެވަޑައިގަންނަވާތީ ކޮންމެ ގޮތެއް ހަދާފައި ވެސް ރިޔާސަތުގައި އިންނަވާ ބޭފުޅާ އެބޭފުޅާގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން މިއަދު މި ވޯޓް ނެގުނަ ނުދޭން މި ބޭނުންވަނީ،" ރޮޒައިނާ ވިދާޅުވި އެވެ.
މައްސަލައިގެ ފަސްފަހަތް
އޭޖީގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހެޅީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަރީޒާތަކާ ދެމެދު ކަނޑުގެ އިން ވަކިކުރި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އެ މައްސަަލައާ ގުޅުވައިގެންނެވެ.
އެ މައްސަލަ މަޖިލީހަށް މިއަދު އެޖެންޑާ ކުރި އިރު، މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ ޖަވާބު ލިޔުމުން ފޮނުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް, މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ރިޔާސަތަށް އަންގާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ނިމުމުން އޭޖީގެ ޖަވާބު އިއްވަވަން ރިޔާސަތުން ނަޝީދު އަމީން އާންމަށް އަންގަވަނިކޮށް ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ވަޒީރު ލިޔުމުން ޖަވާބު ދެއްވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މަޖިލީހުގައި ނެތް ކަމަށެވެ.
"އާއްމު ކޮމިޓީން ނިންމާފައި އޮންނާނީ ބަންޑާރަނައިބު މަޖިލީހަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވާ އިރު އަމަލުކުރާނެ އުސޫލެއް. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓްގެ ވަގުތު، އަދި ބަހުސްގެ މެދުތެރެއިން ބޭނުންފުޅު ވަގުތެއްގައި 10 މިނެޓްގެ ވަގުތެއް އަދި ބަހުސް ނިމުމުގެ ކުރިން 10 މިނެޓްގެ ވަގުތެއް. ޖުމްލަ 30 މިނެޓްގެ ވަގުތެއް، އެއީ ޖަވާބުދާރީވާން މިތަނަށް ވަަޑައިގެން އަމަލުކުރައްވާނެ އުސޫލު. އާއްމު ކޮމިޓީން ނިންމާފައެއް ނެތް އިއްޒަތްތެރި ރައީސް، ޖަވާބުދާރީވާން ލިޔުމުން ހުށަހެޅުއްވީމާ އެ ލިއުން އިއްވާނެ ގޮތުގެ އުސޫލެއް،" ހަސަން ވިދާޅުވި އެވެ.
އެ މައްސަލާގައި އާއްމު ކޮމިޓީން ގޮތެއް ނިންމައިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއީ ނިޒާމީ މައްސަލައެއް ކަަމަށް ރިޔާސަތުން ނަޝީދު ކަނޑައެޅުއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ވަޒީރަށް ޖަވާބުދާރީ ވެވަޑައިނުގެންނެވޭނެ ގޮތަކަށް މައްސަލަަ ކުރިއަށް ނުގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.













