ޑިއުޓީ ނިމި، ފުލުސް އޮފިސަރަކު ކުލަ ހެދުމުގައި މަގުމަތީ ހުރި ވަގުތެވެ. އެ ސިކުންތުކޮޅު ތެރޭ ބަޔަކު އައިސް އޭނާއަށް ތޫނު އެއްޗަކުން ހަމަލާއެއް ދީފި އެވެ. އެކަން ކުރީ އިންތިޒާމުވެގެން، ދުރާލާ ރޭވިގެން، ކުށުގެ ހަރަކާތްތައް ހިންގާ ގޭންގަކުންނެވެ. ބެލެވެނީ އެއީ ބަދަލު ހިފުމުގެ އަމަލެއް ކަމަށެވެ.
މިދިޔަ މެއި މަހު ހުޅުމާލޭގައި ހިނގި އެ ހާދިސާއަކީ ފުލުހަކަށް ދިން އެފަދަ ފުރަތަމަ ހަމަލާއެއް ނޫނެވެ. މިދިޔަ އަހަރު ވެސް މާލެ މަގުމަތިން ދިޔަ ތިން ފުލުހަކަށް ހަމަލާ ދީފައިވެ އެވެ. އޭގެ ހަފުތާއެއް ފަހުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް ބިރު ދައްކާފައި ވެސް ނުކުމެގެން ގޮސްފި އެވެ.
މި ފަހުން މާލެ ސަރަހައްދުގައި ހިނގާފައިވާ ގިނަ ހަމަނުޖެހުންތަކާއި މާރާމާރީ އާއި މުދަލާއި ތަންތަނަށް ދީފައިވާ ގެއްލުންތަކުގެ ފަހަތުގައި ވަނީ ގޭންގުތަކެވެ. އެއް ގޭންގު، އަނެއް ގޭންގަށް ބަދަލު ހިފުމުގެ ސަކަރާތްގަނޑުގެ ތެރެއިން، މުޅި މުޖުތަމައު އޭގެ ނުރައްކަލުގެ ތެރެއަށް ވައްޓާލައިފަ އެވެ.
މިއިން ކޮންމެ ގޭންގެއްގެ މައިގަނޑު ހަރަކާތްތައް ގުޅިފައިވަނީ ފައިސާ ހޯދުމާ އެވެ. މަސްތުވާތަކެއްޗާއި ހަށި ވިއްކުން ފަދަ ވިޔަފާރިތައް މެދުވެރިކޮށެވެ. މައްސަލަ ޖެހޭ ހިސާބަކީ، ވަކި ގޭންގެއްގެ ކޮންޓްރޯލް އޮތް މާކެޓެއް ތެރެއަށް އެހެން ގޭންގަކުން ވަދެގަތުމެވެ. އެހެން ގޭންގަކުން ވިޔަފާރި ކުރަން އުޅުމެވެ.
"މާލެ ތެރޭ، ދޭތެރެ ދޭތެރެއިން، މަގުމަތީ، ގްރޫޕްތަކުން، ސައިކަލުގައި ނިކުމެ، ފުރޯ، ކަތިވަޅި ހިފައިގެން، މަރުތެޔޮ ހިފައިން، މި ހިންގާ މާރާމާރީތަކަކީ، އެއް ގްރޫޕުން ކޮންޓްރޯލްކުރާ ޓާފްގެ ތެރޭގައި ދެން އޮންނަ ގްރޫޕަކުން އައިސް ޑްރަގެއް އެ މާކެޓަކަށް ވިއްކަން އުޅެފިއްޔާ ޖެހޭ މައްސަލަ،" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މާލެ ސަރަހައްދުގައި 44 ގޭންގެއް ހަރަކާތްތެރިވެ އެވެ. ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އެ ގޭންގުތަކުގައި 2،660 އެއްހާ މީހުން އުޅެ އެވެ. އޭގެ ތެރޭގައި ނިކަން ބާރުގަދަ އަށެއްކަ ގޭންގު އުޅެ އެވެ. އެ ގޭންގުތަކުގައި 1،300 އެއްހާ މީހުން އުޅޭއިރު، ކުށަށް އަރައި ގަންނަ 60 އެއްހާ ކުޑަކުދިން ވެސް ހިމެނެ އެވެ.
ގޭންގުތަކުގެ ބާރު ދުވަހުން ދުވަހަށް ގަދަވެގެން އައިސް، އޭގެ ނުރައްކާ ހަމައެކަނި ގޭންގުތައް ވަށައި އުޅޭ މީހުންގެ އިތުރަށް މުޖުތަމައުގައި އުޅޭ އެހެން މީހުން އަދި މުޖުތަމައުގެ ރައްކާތެރިކަން ބަލަހައްޓަން ތިބި ފުލުހުންގެ ތެރެއިން ބަޔަކަށް ވެސް ފޯރީ ގާނޫނީ އޮނިގަނޑެއް ނެތިއެއް ނޫނެވެ.
މީގެ 13 ވަރަކަށް އަހަރު ކުރިން ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނީ އޮނިގަނޑެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރި އެވެ. ނަމަވެސް އެ ގާނޫނީ އޮނިގަނޑަށް ފަހު ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، އެކި ފަހަރު މަތިން ފާހަގަ ކުރެވުނު ހަމައެކަނި ކަމަކީ ގާނޫނު އޮތީ ތަންފީޒުކުރެވޭނެ ގޮތަށް ނޫން ކަމެވެ.
"އަޅުގަނޑަށް ހިއެއް ނުވާ އަމަލީ ގޮތުން ބޭނުން ކުރާއިރު، ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނަކީ މި ވަގުތު ބޭނުން ކުރެވިދާނެ ގޮތަކަށް އޮތް ގާނޫނެއްހެނެއް. އޭރު ވެސް ބޭނުމެއް ނުކުރެވޭ. މިހާރު ވެސް އެގޮތަށް އެކަން އޮތީ،" ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މި އަހަރު ކުރީކޮޅު ވިދާޅުވެފައިވެ އެވެ.
ގާނޫނު ވުޖޫދުކުރި މަގުސަދު
ތޫނު ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ މަސައްކަތް ކުރެވިގެން އައީ އެއް ދުވަސްވަރެއްގަ އެވެ. މި ދެ ގާނޫނީ އޮނިގަނޑު ވެސް، ރައްޔިތުންގެ މަޖިލިހުން ފާސްކުރި ތާރީހަކީ އޮގަސްޓް 19، 2010 އެވެ.
އޭގެ އަހަރެއް ކުރިން ރައްޔިތުންގެ މަޖިލިހަށް ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނު ހުށަހެޅިއިރު ވެސް ޖަމާއަތް ހަދައިގެން މާރާމާރީ ހިންގުމަކީ ގާނޫނުލް އުގޫބާތުގައި ކުށެކެވެ. ނަމަވެސް އޭރުގެ ސަރުކާރަށް ފެނުނީ ގޭންގު ހެދުމާއި، އޭގެ މެންބަރަކަށް ވުން ފަދަ ކަންކަން ކުށެއް ގޮތުގައި ބަޔާންކުރާ އާ ގާނޫނެއް ގެނައުމަށެވެ.
"އޯގަނައިޒުކޮށް ގޭންގު ޖަމާއަތް ހަދައިގެން، ލޯގޯ ވަކި ސަރަހައްދަކަށް ނިސްބަތްވާ ގޮތަށް، މިހެން ހަރަކާތްތެރިވުމާއި، މާލީ އެހީ ދިނުމާއި، މިއީ ޕީނަލް ކޯޑުން މަނާކުރެވިފައި ހުރި ކަންކަމެއް،" ބިލުގެ މަގުސަދު ސާފުކޮށްދެއްވަމުން އޭރުގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.
ހުސްނުއްސުއޫދު އޭރު ފާހަގަ ކުރެއްވި ގޮތުގައި، ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނެއް އޮތުމަށް އެންމެ ބޮޑަށް އެދެމުން އައި މުއައްސަސާއަކީ އަމަން ބެލެހެއްޓުމުގެ ޒިންމާ އޮތް ދިވެހި ފުލުހުންގެ ހިދުމަތެވެ.
"ގޭންގެއްކަން ޑިފައިންކުރެވޭ ގޮތަށް، ވަކި ސަރަހައްދަކަށް ނިސްބަތްވެގެން އެ ގޮތަށް ހަރަކާތްތެރިވާ ހަމަ ޖަމާއަތެއް އެނގެޔޭ، ނަމަވެސް ހާއްސަ ގާނޫނެއް ނެތުމުން ހުއްޓުވަން ހުރަސްއެޅިފައިވާ ކަމަށް ފުލުހުން މި ވިދާޅުވަނީ، އެހެންވީމަ މި ގާނޫނުގެ ބޭނުންތެރިކަން އަޅުގަނޑުމެންނަށް ފެނުނީ،" ސުއޫދު ވިދާޅުވެފައިވެ އެވެ.
އޭރުގެ ސަރުކާރުން ހުށަހެޅި ބިލަށް މަޖިލިހުގެ ތަޅުމުގައި ބަހުސްކުރި ގިނަ މެމްބަރުންނަށް ވެސް ފެނިވަޑައިގަތީ އެފަދަ ގާނޫނީ އޮނިގަނޑެއް އޮތުމުގެ ބޭނުންތެރިކަމެވެ. ގާނޫނު ފާސްކުރެވިގެން އައީ ގޭންގުތަކާ ގުޅޭ ތަފުސީލީ ބައެއް ވާހަކަތައް ވެސް ހިމެނިގެންނެވެ.
titledesc
ގާނޫނުގެ ބޭނުން ނުހިފުނު ސަބަބު
ގޭންގު ކުށްތައް ހުއްޓުވުމުގައި ފުލުހުންގެ މުއައްސަސާއަށާއި ޕްރޮސެކިއުޝަނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ އެ ގާނޫނު ވުޖޫދުކުރިތާ ވިއްސަކަށް އަހަރު ފަހެވެ. އެ ގާނޫނުގެ ދަށުން ކޮށްފައިވަނީ މަދު ދައުވާތަކެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި އެ ގާނޫނު ވުޖޫދު ކުރެވުނު އިރުއްސުރެން ފެށިގެން ވެސް އެއީ އަމަލުކުރެވޭ ގޮތަކަށް އޮތް ގާނޫނެއް ނޫނެވެ. ގާނޫނުގައި ތަސައްވުރުކޮށްފައި އޮތް ގޮތާއި ގޭންގުތައް ހަގީގީ ދުނިޔޭގައި ހަރަކާތްތެރިވަމުން އަންނަ ގޮތަށް އެތައް ހާސް ގުނަ ތަފާތެވެ.
"މީހަކު ރަޖިސްޓްރީއެއް ނުކުރާނެތާ ގޭންގެއް، ތިމަންނައަކީ ގޭންގެކޭ ކިޔާފައި، ނޫނީ ކުށްކުރާ ޖަމާއަތޭ، އެހެންވީމަ އޮޕަރޭޓްކުރާ ގޮތާ މެދު ވިސްނުމެއް ނެތި ގާނޫނުތައް ލިޔެވުނީމަ މިހާރު މި ނިކުންނަ މައްސަލަތައް މި ނުކުންނަނީ،" ގާނޫނު ފަރުމާ ކުރެވިފައި އޮތް ގޮތާ މެދު ޝަމީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.
ގާނޫނު ފާސްކުރިތާ ދެ އަހަރު ފަހުން، ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ އޭރުގެ މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި ވެސް ލިޔުއްވާފައިވާ ގޮތުގައި ގާނޫނުގައި ބައެއް ލަފުޒުތައް މާނަކުރެވިފައި ގޮތުގައި ވެސް ގިނަ މައްސަލަތަކެއް ހިމެނެ އެވެ.
"ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ދަށުން މީހަކަށް ދައުވާއެއް ކުރެވެން އަންނަނީ ކުށްކުރި މީހާއަކީ ގޭންގެއްގެ މެންބަރެއްކަން ސާބިތުކޮށްދީގެންނެވެ. އެހެން ނޫން ނަމަ އެ ގާނޫނުގެ ދަށުން މީހަކަށް ކުރެވޭ ދައުވާއެއް ސާބިތު ނުކުރެވޭ،" ގާނޫނު ތަންފީޒު ނުވާ މައިގަނޑު ސަބަބު ނަޝީދު ލިޔުއްވާފައިވެ އެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވެސް ވިދާޅުވީ އެ ގާނޫނުގައި ގޭންގު މާނަކޮށްފައި އޮތް ގޮތާއި ގޭންގުތަކުގެ އޮޕަރޭޝަންތަކާ ގުޅިގެން ހިމެނިފައިވާ މާއްދާތައް ފުރިހަމަ ނޫން ކަމަށެވެ.
"މިއީ ވެސް ދެން ގާތްގަނޑަކަށް އިނގިރޭސިވިލާތުގައި މިފަދަ ގާނޫނުތައް އޮންނަ ގޮތް ބަލާފައި އެ ތަރުޖަމާކޮށްގެން މަޖިލިހަށް ގެނެސް މާ ބޮޑު ދިރާސާއެއް ނުކޮށް ފާސްކުރާތީ، އޭގެ ބޭނުން ނުހިފެނޭތާ، އަމަލުކުރަން ބަލާއިރު އަމަލު ކުރާނީ ވަކި ކިހިނެއް،" މުހުތާޒު ވިދާޅުވި އެވެ.
ގާނޫނީ ބާގަނޑުތަކުގެ އިތުރަށް މުހުތާޒު ދެން ފާހަގަ ކުރެއްވީ ސިޔާސަތުތަކާއި އަމަލުތަކުގައި ވެސް ގާނޫނަށް އަމަލު ނުކުރުމުގެ ސަގާފަތެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ސްޕޯޓްސް ކްލަބް ގޮތުގައި ރަޖިސްޓްރީ ކުރާ ޖަމިއްޔާތަކުގައި ވެސް، ވިޔަފާރި ކުރާ ފިހާރަތަކުގައި ވެސް ލޯގޯއަކަށް ލާފައިނެ ކަނޑިއެއްވެސް، މަސްތުވާތަކެއްޗެއް ވެސް، މަސްތުވާން ބޭނުންކުރާ ފަތެއް ވެސް، އެކަމަކު އަޅައެއްނުލާތާ،" މުހުތާޒު ތަފުސީލުކޮށްދެއްވި އެވެ.
މާލޭގައި ގޭންގުތައް އޮޕަރޭޓް ވަމުން އަންނަ ގޮތުގެ މައްޗަށް ޔުނިސެފުން ތައްޔާރުކޮށްފައިވާ "ރެޕިޑް ސިޗުއޭޝަން އެސެސްމަންޓް އޮފް ގޭންގްސް އިން މާލެ" ދިރާސާ ކަރުދާހުގައި ވެސް ބަޔާންކޮށްފައިވާ ގޮތުން ގާނޫނުގައި ގޭންގުގެ ލަފުޒު ބަޔާންކޮށްފައިވާ ގޮތުން އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވެ އެވެ.
ހާއްސަކޮށް ގޭންގަކަށް ކުޑަކުއްޖަކު ވަންނަ އިރު، އޭނާ އެ ކަމަކަށް ކުރިމަތިލާ ސަބަބުތަކުގެ ތެރޭގައި ސީދާ ކުށަކަށް އަރައިގަތުމުގެ ނިޔަތް ނެތުމަކީ އެކަށޭނަ ކަމެއް ކަން އެ ދިރާސާގައި ބަޔާންކުރެ އެވެ. ނަމަވެސް ގޭންގެއްގެ ޝިކާރައަކަށްވާ ކުއްޖާ އަބަދަށް އެ ލަގަބުގައި ޖެހޭނެ ގޮތަކަށް ގާނޫނުގައިވާ ކަމަށް އޭގައިވެ އެވެ.
titledesc
ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަކީ ގާނޫނު ނުހިނގާ ކަމުގެ އެންމެ މިސާލެކެވެ. ނަމަވެސް ހުރި މިސާލުތަކުގެ ތެރެއިން އެންމެ ގޯސް ފައްތަރުގައި އޮތް ގާނޫނީ އޮނިގަނޑެވެ. އެއްވެސް ވަރަކަށް އޭގެ ބޭނުމެއް ނުހިފުނެވެ. ބޭނުން ހިފެނޭ ގޮތެއް ހޯދުމަށް، ދައުލަތުގެ ގޮތުގައި ކުރެވުނު ކަމެއް ވެސް ނެތެވެ.
ގޭންގުތައް ހުއްޓުވަން ހުރި ގާނޫނީ ހުރަސްތައް ނެތިކޮށްލަން ގެނައި ގާނޫނުވީ ކަރުދާހެއްގައި އޮތް ދެލިގަނޑަކަށް އެކަންޏެވެ. މިކަން ބަދަލުވެގެން މެނުވީ އަމާން ވެއްޓެއް ރައްޔިތުންނަށް ނުލިބޭނެ އެވެ. އަމަންއަމާންކަން އޮންނަ މުޖްތަމައެއްގައި ދިރިއުޅުމަކީ ރައްޔިތުންގެ ހައްގެކެވެ. އެ ހައްގު ފޯރުކޮށްދޭންޖެހެނީ ދައުލަތަށެވެ.












