ބެއިރޫތު، ލުބްނާން (މޭ 30) - ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި ބެއިރޫތުގައި ރަހީނުކުރި ސައުދީ އަރަބިއްޔާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ލުބްނާންގެ ސިފައިން ބުނެފި އެވެ.
މުޝާރީ އަލް މުތައިރީ ރަހީނުކުރުމަށް ފަހު ޑިމާންޑު ކުރީ ފައިސާ ދިނުމަށެވެ. ސިފައިން ބުނީ އޭނާ މިނިވަން ކުރީ ސީރިއާގެ ބޯޑަރު ކައިރިން ހިންގި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ސައުދީ ދައުލަތުގެ ޓީވީ އަލް އެހްބަރިއްޔާއިން ބުނީ ރަހީނުކުރި މީހުން ޑިމާންޑު ކުރީ 400،000 ޑޮލަރު ދިނުމަށް ކަމަށެވެ. އަލް މުތައިރީއަކީ ސައުދީ ގައުމީ އެއާލައިން، ސައުދިއާގެ މުވައްޒަފެކެވެ.

ލުބްނާންގެ ވަގުތީ ބޮޑު ވަޒީރު ނަޖީބް މިކާތީ ވިދާޅުވީ ލުބްނާންގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ސަަރުކާރުން އިސްކަމެއް ދޭ ކަމަށެވެ.
ސިފައިންގެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލުމުން މަރުހަބާ ދެންނެވުމަށް ފަހު މިކާތީ ގޮވާލެއްވީ އަރަބި ޓޫރިސްޓުން ފަސްނުޖެހި އެ ގައުމަށް ޒިޔާރަތް ކުރުމަށެވެ.
އޭގެ އިތުރުން އަރަބި އެއްވެސް ގައުމަކަށް ހަމަލާއެއް ދޭން ލުބްނާންގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް މިކާތީ ވިދާޅުވި އެވެ.










