އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ބިމެއްގައި އެމްޑީޕީން ހިންގަމުން އައި މައި ހަރުގޭގެ ތަޅު ހުޅުވައި، ދަ ޑިމޮކްރެޓްސްގެ ހަރުގެ ހެދުމުގެ މަސައްކަތް ފެށުމުން މައި ހަރުގެއަށް ޑިމޮކްރެޓްސް ވަދެ އެތަން ހިސޯރުކޮށް މުދަލަށް ގެއްލުން ދިން ކަމަށް ބުނެ އެމްޑިޕީން އެކަން ކުށްވެރިކޮށްފި އެވެ.
ޑިމޮކްރެޓްސްގެ ހަރުގެ އެ ތަނުގައި ހުޅުވުމަށް މިއަދު ހަވީރު ގޮސްފައިވަނީ އެ ތަނުގެ ވެރިފަރާތުން އެ ތަން ހުސްކުރަން އެމްޑީޕީއަށް އެންގުމުން އެ ޕާޓީން އެ މައްސަލައިގައި ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައި ވަނިކޮށެވެ. ވެރިފަރާތުން ވެސް ބުނީ މިހާރު އެހެން ވިޔަފާރިވެރިއަކަށް ތަން ކުއްޔަށް ދީފައިވާ ކަމަށެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ބިމުގެ ވެރިފަރާތާއެކު އެ ޕާޓީން "އަނގަބަހުން" ވެފައިވާ އެއްބަސްވުމެއްގެ ދަށުން މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ނިމެންދެން ހަރަކާތްތައް އެ ޕާޓީއަށް ހިންގޭ ގޮތަށް އެއްބަސްވެފަ އެވެ.
"އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވެ އެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވެސް އެދިފައިވާނީ ޕާޓީން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށް ޓަކައި އަންނަ ޖުލައި މަހުގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތް ކަނޑައަޅައި ދިނުމަށެވެ.

ޕާޓީގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ބުނެ އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްޑީޕީ ހަރުގެ ހިންގަމުން އައި އެ ބިމުގެ ވެރިފަރަތަކީ އެ ޕާޓީގެ ކުރީގެ އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރެވެ. އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި, ކޯޅުން ބޮޑުވެފައި ވަނިކޮށް ޕާޓީގެ މައި ހަރުގެ ހުސްކުރަން އެންގީ މިދިޔަ މާޗް މަހު ފަހު ދުވަހުގަ އެވެ.

ޝަފިއްޔާ އަދި އޭނާގެ ވަކީލު ހަމްޒާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
މިއަަދު ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް ޝަފިއްޔާ ބުނީ އެމްޑީޕީއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު އެ ތަން ވިޔަފާރިވެރިޔަކަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިވެރިޔާއަށް ކުއްޔަށް ދިނީ ސަބްލީޒްގެ ގޮތުގައި އެހެން ބަޔަކަށް އޭނާއަށް ކުއްޔަށް ދެވޭ ގޮތަށެވެ.
ޝަފިއްޔާ ބުނި ގޮތުގައި އެ ތަނަށް އެމްޑީޕީން ކުލީގެ ގޮތުގައި މަހަކު 60،000 ރ. ދެ އެވެ. މި މަހަށްވީ ކުލި ވެސް އެމްޑީޕީން ފޮނުވާފައިވީ ނަމަވެސް ފައިސާ އަނބުރާ ދޭނީ އެމްޑީޕީން ދައްކަން ޖެހޭ ހަރުގޭގެ ކަރަންޓު ބިލުތަކަށް އަރާ އަދަދު އުނިކުރުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.
ވިޔަފާރިވެރިޔާގެ ނަން ޝަފިއްޔާ ނުބުނި ނަމަވެސް އެއީ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ހުސައިން އަމްރު ކަން އެނގެ އެވެ. ޝަފިއްޔާ މިއަދު ވަނީ ހަރުގެ ތަޅުގަނޑި ވެސް އޭނައަށް ހަވާލުކޮށްފަ އެވެ.
އަމްރު ވަނީ ފަހުން ހަރުގެ ހުޅުވައި، ޑިމޮކްރެޓްސްގެ ހަރުގެ ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ތަނުގައި ހަރުކޮށްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޕޯސްޓަރުތައް ވެސް ނެގި އެވެ. އަދި ރީނދޫ ދަވާދުގެ މަތިން އެހެން ކުލަތަކުގެ ދަވާދު ވެސް ލާން ފެށި އެވެ.
ޖެނުއަރީ 28، ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވި ފަހުން އެމަނިކުފާނަށް ތާއީދުކުރާ މެންބަރުން ގެންދިޔައީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ގޮތަށް ހަރަކާތްތެރިވަމުންނެވެ. ހަރުގެ ހުސްކުރަން ނޯޓިސް ދިނީ ވެސް ޕްރައިމަރީއަށް ފަހުގަ އެވެ.
ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވާން ނިންމައި، އާ ސިޔާސީ ޕާޓީއެއްގެ މަސައްކަތް ފެށީ އެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނިކޮށް މި މަހު 17 ވަނަ ދުވަހުގަ އެވެ.
އާޒިމް ހިމެނޭހެން ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެފަ އެވެ. ނަމަވެސް ނަޝީދު އަދި ހުންނެވީ އެމްޑީޕީގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު އެމްޑީޕީގައި މަޑުކޮށްގެން ހުންނެވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ނަޝީދުގެ އިރުޝާދާއެކު އުފައްދަވާ ދަ ޑިމޮކްރެޓްސްއިން މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.













