ޔޫސުފު މުޙައްމަދު ފުޅު ނުވަތަ (އެދުރުބެ)ގެ ޅެންވެރިކަމަކީ އަދުގެ ޖީލަށް ފަރިތަ ޅެންވެރިކަމެކެވެ. ދިރުންހުރި މަޢުޟޫޢުތަކަކަށް އަމުނުއްވާފައިވާ، ވަގުތާއި ބަދަލުގެ ބޭވަފާތެރިކަމުގެ ކުރިމަތީ ވިލުންތެރިކަން ދައްކަމުންދާ މުތީތަކެއް ފަދަ ބައިތުތަކެކެވެ. ޅެންބަހުރުވައިގެ ނަމޫނާކަމުގައި އެތައް ޖީލެއްގެ ޅެންވެރިން ބަލައިގެންފައިވާ ނަމޫނާ ޅެންވެރިކަމެކެވެ. މިއަދު، ޖެހިލުންވެ ހުރެމެ، އަޅުގަނޑު މި ފައްޓަނީ އެދުރުބޭގެ އެންމެ މަޝްހޫރު ބައެއް ޅެމުގެ އެހީއާކު، ޅެންވެރިކަމުގައި، ރަމްޒިއްޔަތު ނުވަތަ ރަމްޒީ މާނަ އަދާކުރާ ދައުރު ދެނެގަނެވޭތޯ މަސައްކަތްކުރާށެވެ.
ރަމްޒީ މާނަ އޭ މިތަނުގައި އަޅުގަނޑު މި ކިޔަނީ "ސިމްބޮލިޒަމް"އަށެވެ. ޅެންވެރިކަމުގައި ގެންގުޅޭ އެންމެ މުހިއްމު އެއް ސިފައަކީ ލަފުޒެއްގެ ލަފުޒީ މާނައިގެ ބަދަލުގައި އެ ލަފުޒަމުން ރަމްޒީ މާނައެއް ނެރެވޭނޭގޮތަށް އެ ލަފުޒެއް ބޭނުންކުރުމެވެ. މިއީ އަދި ދާދި ލަފުޒެއް ނުވަތަ ލަފުޒަކާ އެއްގޮތް މާނައެއް ދޭހަކުރާ ލަފުޒެއް ނޫނެވެ. މި ލަފުޒުން ނިކުންނާނީ މަޖާޒީ މާނައެކެވެ. ޢާއްމުގޮތެއްގައި މި ފަދަ ރަމްޒުތަކަކީ އެހެން އަދަބީ މަސައްކަތްތަކުގައިވެސް ހަމަ އެ މާނައިގައި ބޭނުންކުރާ ރަމްޒުތަކެވެ. އެ ރަމްޒުތަކަށް ޗާލުކަމަކާ ތާޒާކަމެއް ގެނެސްދެނީ ޅެންވެރިޔާގެ އިސްތިއުމާލުންނެވެ.
"ނަތީޖާ ވެދާނޭ ފަހުން މާ ނުރައްކާ" މި ޅެމުގެ ފުރަތަމަ ބައިތަކީ މިފަދަ ނަމޫނާ ބައިތެކެވެ.
"ރެދަންކުލަ އަރާތީ ދުނިޔެ ރީތި ދައްކާ
ކުދިންހެން ކުޅެންވީހެ ސައިބޯނި ބޮތްކާ"
ޅެންވެރިޔާ ކުރައްވަނީ މުހިއްމު ސުވާލެކެވެ. ސައިބޯނި ބޮކިން ރެދަންކުލަ އަރާތީ، އޭގެ ވަގުތީ ސިފައަށް ނުވިސްނާ ކުޑަކުދިން ސައިބޯނި ބޮކި ފަހާ ކުޅެން ދުވާހެން، އަހަރެމެން ބޮޑެތި މީހުންވެސް ސައިބޯނި ބޮކި އަރުވަމުން، އެ ފަހާ ދުވަން ވީހެއްޔެވެ. މި ޙާލަތުގައި ޅެންވެރިޔާ "ސައިބޯނި ބޮކި" ބޭނުން ކުރައްވާފައި ވަނީ ރަމްޒީ މާނައެއް ހިމަނުއްވައިގެންނެވެ. ސައިބޯނި ބޮތްކެއްގެ ޙަޔާތަކީ ކުރު ޙަޔާތެކެވެ. އެ ސައިބޯނި ބޮކި އަރާ ވަގުތު، އެއަށް ސަމާލުކަން ދޭނޭ ކުޑަކުއްޖަކު އެތާ ހުރި ނަމަ، އެ ބޮތްކަށް އަލިއެޅޭ ގޮތުން އެއަރާ ރެދަންކުލައަށް ގެއްލި، އެ ބޮކި ވަޔާ އެނބުރޭތީ، އޭގެ ފަހަތުން ދުވެ ހަދަން އެ ކުއްޖާގެ ސަމާލުކަން އެ ބޮތްކަށް ހުއްޓާލަފާނެއެވެ. އެހެން ނަމަވެސް އިސާހިތަކު؛ އެސްފިޔަ ޖަހާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެ ބޮކި ފަޅައިގެން ހިނގައިދާނެއެވެ. މިބައިތުގައި ސައިބޯނި ބޮކި އެ ރަމްޒުކޮށްދެނީ ދުނިޔަވީ ދިރިއުޅުމުގެ ނިކަމެތިކަމެވެ. ދުނިޔެއަކީ ވަގުތީ ފާލަމެއްކަމެވެ. ކިތަންމެ ދަޅައެއް އެއިން ފެނުނަސް، ކިތަންމެ މޮޅަކާ، ބާރަކާއި ލައްޒަތަކާއި އުފަލެއް އެ ދުނިޔެ ދެއްކި ކަމުގައިވިޔަސް، އިންސާނާގެ އަޖަލު ހަމަވާ ހިނދު، އެހުރިހާ ކަމެއް ގެއްލިގެން ދާކަމެވެ. ކުޑަކުއްޖާ ކުޅެން ހުއްޓާ ފަޅައިގެންދާ ސައިބޯނިބޮތްކެއް ފަދައިންނެވެ.
ކަމެއްގެ ނުވަތަ އެއްޗެއްގެ ވަގުތީ ސިފަ ރަމްޒުކޮށްދިނުމަށް ސައިބޯނި ބޮކި ބޭނުން ކުރަނީ ދިވެހި އަދަބިއްޔާތުގައި އެކަންޏެއް ނޫނެވެ. ފަރަންސޭސި މަޝްހޫރު އަދީބު އޮނޮރޭ ދު ބަލްޒަކް ސައިބޯނި ބޮކި ރަމްޒީ ސިފައެއްގައި ބޭނުންކުރެއްވި މިސާލެއް، މާނަ ނުގެއްލޭގޮތަށް ތަރުޖަމާކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ.
"އުފާވެރިކަމަކީ ސައިބޯނި ބޮތްކެކެވެ. އައިރިސް މަލެއްހެން ކުލަ ބަދަލުވާނެއެވެ. އަތްލުމުން ހަލާކުވާނެއެވެ."
މިޙާލަތުގައި ބަލްޒަމް ސައިބޯނި ބޮކި ބޭނުންކުރައްވާފައިވަނީ އުފާވެރިކަމުގެ ނާޒުކު ޙާލަތު ބަޔާންކޮށްދެއްވަށެވެ. ޔޫސުފު މުޙައްމަދު ފުޅު ސައިބޯނި ބޮތްކަށް އަރާ ކުލަ ދިވެހި މާހައުލުން ފެންނަ ރެދެންކުލައާ އެއްގޮތްކުރައްވާފައިވާ އިރު، ބަލްޒަކް މިސާލު ނެންގެވީ އައިރިސް ގަހުގައި އަޅާ މަލުގައި އެކި ފަހަރު އެކި ކުލަ ހުންނަ ހުރުމަށެވެ.
އެހެން މިސާލެކެވެ. މި ފަހަރު ޔޫސުފް މުޙައްމަދު ފުޅުގެ "ގަސްތުގައި ނާރާށެ ފެނިގެން ކަށްޓަކަށް" މި ޅެމުންނެވެ. ފުރަތަމަ ދެތިން ބައިތު ނަކަލުކޮށްލާނަމެވެ.
"ފެނިނުދޭހެ ބުނުންތަކުން އޮތް ދައްޗަކަށް
ދުނިޔެއީ ބޯ ކަށިކުނބުރު ޖަންގައްޔަކަށް
ހަށިފޮޅާލައި އުޅެވެމުންދާ ގޮތްތަކެއް
ކަށިފަޅާ ގަސްގަހުގެ ވެވިދޭ މުޑުވަކަށް
ހަނަފަހާ ހަރުފަސްމަތީގައި ހަމަ ތިމާ
ގިނަ ފަހަރު ކަށިހެރުމުގައި ވޭ ސަބަބަކަށް"
މި ޅެމުގައި އެދުރުބެ ގެންގުޅުއްވާފައިވާ އުކުޅަކީ، ޅެމުގައި މައިގަނޑު މައުޟޫޢު އެއްކޮށް ރަމްޒީ ގޮތެއްގައި ހުށަހެޅުއްވުމެވެ. ދުނިޔެ ސިފަކުރައްވަނީ "ބޯ ކަށިކުނބުރު ޖަންގައްޔެއްގެ" ގޮތުގައެވެ. ކަނޑައެޅިފައިވާ އުސޫލުތަކުން "ހަށިފޮޅާލައި" އުޅޭ މީހުން ސިފަކުރައްވަނީ ކަށިފަޅާ ގަސްގަހުގެ މުޑުވަކުގެ ގޮތުގައެވެ. ދުނިޔެ އާއި އާޚިރަތުގައި ތިމާއަށް ކުރިމަތިވެދާނޭ ދައްޗާއި ނުރައްކާ ރަމްޒުކޮށްދެއްވަނީ "ކައްޓެއް"ގެ ސިފައިގައެވެ. ޢިބުރަތްތެރި ފިލާވަޅުތަކެއް އިއްވާ މި ޅެމަކީ ރަމްޒީ ސިފައެއްގައި ލަފުޒު ބޭނުންކުރުމުގެ ވެސް ރީތި މިސާލެކެވެ. ކުރީގެ މިސާލެކޭ އެއްފަދައިން، އެހެން ބައެއް ބަސްބަހުގެ އަދަބިއްޔާތުގައިވެސް ޖަންގަލި ރަމްޒުކޮށްދެނީ ބޮޑު ކަމެއް ނުވަތަ ތަނެއްގެ ތެރޭ ތިމާ ގެއްލިގެންދިޔުމާއި، އަރައްކަލާއި، ނޭނގުމާއި، އޮޅުންބޮޅުމާއި، ތަރުތީބު ނެތުމާއި، އުޞޫލެއް ނެތުން ފަދަ ކަންކަމެވެ. އަޅުގަނޑުމެން ކުޑައިރު އަޑުއަހާ ކުޑަކުދިންގެ ވާހަކަތަކުގައިވެސް ބިރުވެރި ހުރިހާ ހާދިސާއަކާ ގުޅޭ ތަނަކީ ވާ ނުވަތަ ޖަންގައްޔެވެ.
އެދުރުބޭގެ ވަރަށް މަޝްހޫރު ޅެމެއްކަމުގައިވާ '"ހަރުފައެއް އާދައިގެ މީ، ނޫނޭ" ބުނަންޖެހިފާ އޮތީ'، މި ޅެމަކީވެސް ސިމްބޮލިޒަމްގެ ނަމޫނާ، ކޮންމެ ބައިތަކުން ފެންނަ ޅެމެކެވެ. މި ޅެމުގައި އެ ވިދާޅުވާ ހަރުފަ ރަމްޒުކޮށްދެނީ ކޮންކަމެއްކަން ސާފުވަނީ ފަހު ބައިތުންނެވެ. ޅެންވެރިޔާ ހަރުފައިން މި ރަމްޒުކޮށްދެނީ ފިތުނައެވެ. އެހެންނަމަވެސް، މި ޅެމުގައި ކިޔުންތެރިޔާ ނުވަތަ އެހުންތެރިޔާ ބޭނުން އެހެން ގޮތްގޮތަށްވެސް މި ރަމްޒު މާނަކުރާނޭ ޖާގަ ޅެންވެރިޔާ ދެއްވާފައިވެއެވެ. މިސާލަކަށް، މިޅެމުގައި ހަރުފަ އެ ރަމްޒުކުރަނީ ޙަޞީލަތް ނުބައި އަތްނބެއް، ފިރިއެއް ނުވަތަ އެކުވެރިއެއް ކަމުގައި ބަލާނޭ ޖާގަވެސް އެބައޮތެވެ. އެއީ އިތުބާރު ހިފޭ މަޤާމެއްގައި ހުރި މީހެއްކަމުގައިވެސް ބެލިދާނެއެވެ. ފިތުނަ، ރުޅި ފަދަ އިހުސާސެއް ކަމުގައިވެސް ބެލިދާނެއެވެ.
ހަމަ އެފަދަ އެހެން ޅެމެކެވެ. "ހުންގާނު ނެތް ދޯނި" މި ޅެމުގައި ދޯންޏަކީ އަދި ހުންގާނަކީ ކޮބައިކަން ސާފުވަނީ ޅެމުގެ އެންމެ ފަހު ބައިތުގައެވެ. ފަހު ދެ ތިން ބައިތު ނައްސުކޮށްލާނަމެވެ.
"ކޮންމެ ވަޔަކަށް އެނބުރިދާ ވަހުތާނަކަށް ވަންޏާ އެދޭ
ކޮންމެ ގެއްލުމަކަށް ހިތާ ހަށިގަޑު ހަވާލު ވެވިއްޖެއޭ.
ވަކި އުޞޫލެއް ނެތި އުޅޭ އިންސާނަކަށް ދުނިޔޭތެރޭ
ވަކި އަރާމެއް، ވަކި ޙަރާމެއް ނެތް ޣަރާމު ހޮވިއްޖެއޭ.
ފީނަނީނަމަ ދުނިޔަވީ ހަމަ ތަކުގެ ކަނޑުގައި ފިކުރު ކޮށް،
ދީނަކީ ޤާނޫނަނީ ހުންގާނުކަމުގައި ވެއްޖެއޭ."
މި ބައިތުތައް ކިޔާލުމުން ދޯންޏާއި ހުންގާނަކީ ކޮބައިކަން އެބަ ސާފުވެއެވެ. އެހެންނަމަވެސް މީގެ ކުރިން ހުރި ބައިތުތަކުގައި ޅެންވެރިޔާ ސިފަކޮށްދެއްވާފައިވަނީ ގަދަކަނޑެއްގައި ތަޖުރިބާނެތް މީހަކު ދޯންޏެއްގައި ކުރާ ދަތުރެކެވެ. އެ ދަތުރު މަތީ ދޯނި ދުއްވަން ކަން ކުރާނޭ ގޮތް ނޭނގި ގޯސްހެދޭ ވާހަކައެވެ. އެފަދަ ގޯސްތައް ހެދުމާ ގުޅިގެން ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުގެ ވާހަކައެވެ. ދޯންޏަކީ ތިމާގެ ދިރިއުޅުން ރަމްޒުކޮށްދޭ ނިޝާންކަމުގައި ވަނީނަމަ، ހުންގާނުކަމަށް ޅެންވެރިޔާ އެ ސިފަކުރައްވާ ނިޝާނަކީ ދީނާއި ޤާނޫނެވެ. ގަދަ ކަނޑުތަކާއި އެ ނޫންވެސް ހުރަސްތަކުން އެ ރަމްޒުކޮށްދެނީ ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކެވެ. ދިވެހި އަދަބިއްޔާތުގައި ދިވެހި ވެއްޓާ ރައްޓެހި ރަމްޒުތައް ކަމުގައިވާ ދޯންޏާއި ކަނޑުދަތުރުފަތުރު ބޭނުންކުރާގޮތަށް، ޢަރަބި ބައެއް ޅެންޅެމުގައި ސަހަރާ އާއި އެ ސަހަރާގައި ކުރާ ދަތުރުތައް ބޭނުންކުރެއެވެ. އަދި ކާރާއި ހުންގާނުގެ ރަމްޒަކީވެސް މިއަދުވެސް ފެންނަ އިސްތިއުމާލުތަކެވެ.
މިފަދަ ސިމްބޮލިޒަމް ނުވަތަ ރަމްޒިއްޔަތު ފެންނަނީ ހަމައެކަނި ޔޫސުފް މުޙައްމަދުފުޅުގެ ޅެންވެރިކަމަކުން ނޫނެވެ. މި މައުޟޫޢަށް އަލިއަޅުވާލުމަށް، އަޅުގަނޑަށް އެންމެ ކަމުދާ އެއް ޅެންވެރިއެއްގެ މަސައްކަތުން މިސާލުތަކެއް ނެގީއެވެ. އޭރާއި މިހާރުގެ ޅެންވެރިކަމުންވެސް އަދި ލިޔުންތެރިކަމުންވެސް މި ފަދަ ރަމްޒުތައް ތިޔާގެކޮށް ފެންނާން އެބަހުއްޓެވެ. މަދީ އަދަބިއްޔާތުގެ މި ފަދަ އިސްތިލާޙުތަކަށް ޚާއްޞަ ދިރާސާތަކެވެ. މިއަދުގެ "ޕޮޕް ކަލްޗަރ"ގައިވެސް ދިރާސާކޮށްލަން ރަނގަޅު މި ފަދަ މިސާލުތައް ފެންނަމުން ދާކަމީ ހެޔޮ ފާލަކަށް މެނުވީ ނުވާނެއެވެ.








