މެޑްރިޑް (މެއި 22) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އިން ރެއާލް މެޑްރިޑް 1-0 އިން ބަލިކުރި މެޗުގައި، ރެއާލްގެ ވިނީޝިއުސް ޖޫނިއާއާ ވެލެންސިއާގެ ދަނޑުން ދިމާކޮށްލި މައްސަލަ ހޫނުވެއްޖެ އެވެ.
ރެއާލް ބަލިވުމުގެ ފައިދާނަގައި، އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ ކުޅުނު މެޗުން އޮސަސޫނާ އަތުން 3-0 އިން މޮޅުވެ، ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެތުލެޓިކޯ އަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، ރެއާލްގެ އޮތީ 35 މެޗުން 71 ޕޮއިންޓެވެ.
ވެލެންސިއާ އިން ރޭގެ މެޗުން މޮޅުވީ 33 ވަނަ މިނިޓްގައި ލޮޕޭޒް ޖެހި ގޯލުންނެވެ. މި މެޗުގެ އިތުރު ވަގުުތުގައި ރެއާލްގެ ވިނީޝިއުސް އަށް ވަނީ ވެލެންސިއާގެ ހޫގޯ ޑޫރޯއާ ޖެހުނު މައްސަލައެއްގައި ރަތް ކާޑު ވެސް ދައްކައިފަ އެވެ. މި މެޗުގެ ތެރެއިން ވިނީޝިއުސް ވަނީ އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލި ވެލެންސިއާގެ ސަޕޯޓަރުންގެ ބަޔެއްގެ މައްސަލަ މެޗުގެ ރެފްރީގެ ސަމާލުކަމަށް ގެންނަން މަސައްކަތް ކޮށްފަ އެވެ.
މެޗަށް ފަހު ވިނީޝިއުސް ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލައިފަ އެވެ.
"ލަލީގާ އަކީ މީީގެ ކުރިން ރޮނާލްޑީނިއޯ، ރޮނާލްޑޯ، ކްރިސްޓިއާނޯ ދެން މެސީގެ މައްޗަށް ބިނާވެފައި އޮތް މުބާރާތެއް، އެކަމަކު، މިހާރު ފެންނަނީ މިއީ ނަސްލީ ގޮތުން ދިމާކުރާ ބައެއްގެ މުބާރާތެއްގެ ގޮތުގައި،" ވިނީޝިއުސް އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.
"މިއީ ފުރަތަމަ ފަހަރެއް ނޫން، މިއީ ދެ ވަނަ ފަހަރެއް ނޫން. އަދި ތިން ވަނަ ފަހަރެއް ވެސް ނޫން. ނަސްލީ ގޮތުން ދިމާކޮށްލުމަކީ ލަލީގާގައި އާންމު ކަމެއް. ލަލީގާ އަށް ވެސް މިއީ އާދައިގެ ކަމެއް. ފެޑެރޭޝަން ވެސް ނަގަނީ ކުޑަކަމެއްގެ ގޮތުގައި ދެން ފެންނަނީ އިދިކޮޅު ޓީމުތަކުން މި ކަންކަމުން ހިތްވަރު ހޯދާތަން،"

ވެލެންސިއާ ސަޕޯޓަރުންގެ ބަޔަކު ވިނީޝިއުސް (ވ) އާ ދިމާކޮށްލުމުން އޭނާ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަނީ.
ވިނީޝިއުސް ބުނީ ސްޕެއިން ކަހަލަ ހިތްގައިމު ގައުމެއްގެ މަލަމަތި މިހާރު ވަނީ ނަސްލީ ގޮތުން ދިމާކުރާ މީހުން ގިނަ ވުމުގެ ސަބަބުން ގޯސްވެފައި ކަމަށާއި، ބްރެޒިލް މީހުން މިހާރު ސްޕެއިން ގުނަނީ ވެސް ނަސްލީ ގޮތުން ދިމާކުރުމުގައި ހައްދުފަހަނައަޅާފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.
"އަހަރެން މި ކަންކަމަށް ކެތްކޮށްލައިގެން އަބަދަކު ނުހުންނާނަން. ނަސްލީ ގޮތުން ދިމާކުރުމަކީ އަހަރެން ބަލައިގަންނާނެ ކަމެއް ނޫން. މި ކަމުގެ ސަބަބުން އަހަރެން މި ތަނުން (ލަލީގާ އިން) ދާން ޖެހުނަސް މައްސަލައެއް ނެތް،"
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ދިމާވި ކަންތައްތަކާ އެކު ވެސް ވިނީޝިއުސް ޕްރޮފެޝަނަލެއްގެ ގޮތުގައި މެޗު ކުޅެން ނިންމި ކަމުގައި ވިޔަސް، މިއީ ހަގީގަތުގައި އެ މާހައުލުގައި އެއްކޮށް ކުޅެވިގެންވާނެ މެޗެއް ނޫން ކަމަށެވެ. އަދި ހަމަނުޖެހުމެއް ހިނގައިގެން ވިނީޝިއުސް ރަތް ކާޑަކާ އެކު ދަނޑުން ފައިބަން ޖެހުމަކީ އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުން ދިމާވި ކަމެއް ކަމަށް އަންޗެލޮޓީ ވަނީ ފާހަގަކޮށްފަ އެވެ.
ސްޕެނިޝް ލީގުން ނެރުނު ބަޔާނެއްގައި ވަނީ ވިނީޝިއުސް އަށް ދިމާވި ކަންތައްތަކަށް ހިތާމަކުރާ ކަމަށެވެ. ލީގުން އެ ފަދަ އެއްވެސް ކަަމަކަށް އެއްވެސް އިރެއްގައި ހިތްވަރު ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މިހާރު މި މައްސަލަ ލަލީގާ އާއި ވެލެންސިއާ އިން ވެސް އަންނަނީ ވަކިން ތަހުގީގުކުރަމުންނެވެ.












