ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެށި "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުން އުފައްދަވާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސަވައިފި އެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ވަކި ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ އެ ހަރަކާތުން އުފައްދާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން ހަމަޖެއްސެވިއިރު، އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން އިސްތިއުފާ ދެއްވީ މީގެ ހަފުތާއެއް ކުރިންނެވެ.
އަފްޝަން ހުންނެވި ސަރުކާރުގެ މަގާމުން އިސްތިއުފާ ދެއްވިއިރު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އޭނާގެ ފިރިކަލުން ހުސެއިން އަމްރު ވަނީ މާޗު މަހުގެ ތެރޭގައި އެ މަގާމުން ވަކިކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު އަދި އަފްޝަން ވެސް ތާއީދުކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި, އެ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވުމާއެކު ޕާޓީގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ އިސް ސަފުގައި އަމްރު ހަރަކާތްތެރިވި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް މީގެ ކުރިން ކުރިން ފުރުއްވާފައިވާ އަފްޝަނަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީން ކަނޑައެޅި ތަރުޖަމާނުގެ ގޮތުގައި އުޅުއްވާފައިވާ ބޭފުޅެކެވެ.

ނަޝީދު ފެކްޝަނަށް ނިސްބަތްވާ 12 މެމްބަރަކު މިދިޔަ ހަފުތާގައި އެމްޑީޕީން ވަކިވާން ނިންމީ އެ ފެކްޝަނަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރަން ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
އާޒިމަށް ފިޔަވަޅު އަޅަން ނިންމީ އެމްޑީޕީއަށް ނިސްބަތްވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އިދިކޮޅު ފަރާތްތަކުން ކުރަމުން އައި މަސައްކަތުގައި ބައިވެރިވުމުންނެވެ. އެ ކަމަށް މަޖިލީހަށް ވައްދާ ގަރާރުގައި އާޒިމް ވަނީ ސޮއިކުރައްވައިފަ އެވެ.
ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އެ ޕާޓީން ވަކިވަމުން ދިޔަ ނަމަވެސް، ނަޝީދު އަދި ހުންނެވީ އެ ޕާޓީގައި މަޑުކުރައްވައިގެންނެވެ. ނަޝީދު ޕާޓީގައި މަޑުކުރައްވާ ސަބަބެއް އަދި ވިދާޅެއް ނުވެ އެވެ.













