ކިޔެވް، ޔޫކްރެއިން (މޭ 19) - ޔޫކްރެއިންގެ ރައީސް ހުކުރު ދުވަހު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފި އެވެ.
ޔޫކްރެއިނުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ އިސްތިގްލާލް ބަލައިގަންނަ ކަމަށް ސައުދީން ބުނާތީ ޒެލެންސްކީ ޝުކުރު އަދާކުރެއްވި ކަމަށެވެ.
ވަލީ އަހުދު ޔޫކްރެއިނަށް ދަތުރު ކުރެއްވުމަށް ޒެލެންސްކީ ދައުވަތު އެރުއްވި އެވެ. ހަނގުރާމައިގައި ގައިދީން ބަދަލުކުރުމުގެ މަޝްވަރާގައި ސައުދީގެ އެހީ ލިބޭތީ ވެސް ޒެލެންސްކީ ޝުކުރު ދެންނެވި އެވެ.

ސައުދީ ވަލީ އަހުދުގެ އިތުރުން އިރާގުގެ ބޮޑު ވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީއާ ޒެލެންސްކީ ބައްދަލުކުރެއްވައި އިރާގުގެ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރިއެވެ.
އޭގެ އިތުރުން ޔޫއޭއީ، އޮމާން އަދި ކުވެއިތުގެ ވަފުދުތަކާ އެކު ޒެލެންސްކީ ބައްދަލުކުރެއްވައި ޔޫކްރެއިނަށް ސުލްހަ ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ވިޔަފާރި އާއި އިންވެސްޓްމަންޓާ ގުޅޭ ކަންކަމުގެ އިތުރުން ކާބޯތަކެތީގެ ސެކިއުރިޓީއާ ގުޅޭ މަޝްވަރާ ޔޫއޭއީގެ ވަފުދާ އެކު ކުރެއްވި ކަމަށް ޔޫކްރެއިނުން ނެރުނު ބަޔާނުގައި ބުންޏެވެ.
ޒެލެންސްކީ ހުކުރު ދުވަހު ސައުދީއަށް ކުރެއްވި ކުއްލި ދަތުރުގައި އަރަބި ސަމިޓުގައި ތަގުރީރު ކުރެއްވި އެވެ.










