އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި ފޯރިގަދަ މެޗު 4-4 އިން އެއްވަރުވެއްޖެ އެވެ.
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން އީގަލްސް އިން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ވަނީ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، ޓީސީގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒްވާން (ރިޒޭ) ޖެހި ގޯލެކެވެ. އޭގެ ޖެހިގެން އައި މިނިޓްގައި ޓީސީ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި އޭރިއާ ރޮނގުކައިރިން ރިޒޭ އެ ޓީމަށް ދެ ވަނަ ލަނޑެއް ޖަހަން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ޓީސީން ވަނީ 17 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޓީސީގެ އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނެގި ބޯޅައަކަށް އަރައި، އެ ޓީމުގެ ސާދު ނިޒާރު ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. އޭގެ ފަސް މިނިޓް ފަހުން، ޓީސީން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފަ އެވެ. މިއީ މެޗުގެ 22 ވަނަ މިނިޓްގައި ޓީސީން ނެގި ކޯނަރެއްގައި އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަތުގައި ޖެހިފައި ބޯޅަ ނުކުތް ވަގުތު، ޓީސީގެ ހައިޝަމް ރަޝީދު (ހައި) ޖެހި ގޯލެކެވެ.
ޓީސީ އަށް ލީޑުހިފަހައްޓައިލެވުނީ ހަތަރު މިނިޓެވެ. އީގަލްސް އިން ވަނީ މެޗުގެ 26 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އީގަލްސްގެ މި ގޯލު ޖަހައިދިނީ ކޯނަރަކުން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނެގި ހުރަހަކަށް އަރައި، އެ ޓީމުގެ ބްރެޒިލް ފޯވާޑް އިވާން ކާލޯސް އެވެ. އިވާން ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން އީގަލްސް އަށް ލީޑުނަގައިދޭން ފޭދޫ އިއްބެ ޖެހި ބޯޅައެއް ޓީސީގެ ސްރީ ލަންކާ ކީޕަރު ސުޖަން ޕެރޭރާ މަތަކުރިއިރު، ހިލޭ ޖެހުމަކުން ފޭދޫ އިއްބެ ނަގައިދިން ބޯޅަ އަށް ހުސްކޮށް އަރައި އިވާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ދެ ވަނަ ހާފްގައި ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ޓީސީން ލީޑުނެގި އެވެ. މެޗުގެ 49 ވަަނަ މިނިޓްގައި ޓީސީން ޖެހި މި ގޯލަކީ އީގަލްސްގެ ލަމާން ޒުހައިރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ޓީސީގެ ޒަޔާން ނަސީރު (ޒައްޔު) އެކަނިމާއެކަނި ބޯޅަ ހިފައިގެން އީގަލްސް އޭރިއާތެރެއަށް ވަންނަން އުޅެނިކޮށް، އޭނާ ހުއްޓުވަން ލަމާން ފައިން ޖައްސާލި ވަގުތު ތިރިތިރިން ގޮސް ބައިކޮޅަށް ވަން ގޯލެކެވެ.
ޓީސީން ވަނީ މެޗުގެ 56 ވަނަ މިނިޓްގައި އިތުރު ގޯލެއް ޖަހައިފަ އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ފެނުނު އިންޑިވިޖުއަލީ އެންމެ މޮޅު ގޯލެވެެ. އީގަލްސްގެ އޭރިއާތެރެއިން މަތިން ވެއްޓެން އައި ބޯޅަ އެކްރަބެޓިކް ކިކަކުން ޓީސީގެ އައިހަމް ހަމްދޫން (އައިހަމްސްކީ) ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އައިހަމްސްކީ އެ ބޯޅަ ފޮނުވާލީ ގޯލުގެ ކަނަށް ކަމަށްވާތީ، ކީޕަރު ޝަފީއު އަށް އެ ބޯޅަ ނުހުއްޓުވުނެވެ.
އީގަލްސް އިން ވަނީ ފަހު 30 މިނިޓަށް ތިން ބަދަލެއް އެ ފަހަރާ ގެނެސްފަ އެވެ. އެ ގޮތުން އީގަލްސްގެ މެދުތެރެއަށް ކުޅެމުން އައި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ)، އަހުމަދު ހަަސަން (އަންމަޑޭ) އަދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)ގެ ބަދަލުގައި އިމްރާން ނަޝީދު (އިންމަ) އާއި ޒައިން ޒަފަރު އަދި އިބްރާހިމް މުބީން (މުއްކި) ވަނީ ކުޅެން އަރުވައިފަ އެވެ.
ބަދަލުތަކާ އެކު އީގަލްސްގެ ކުޅުން ރަނގަޅުވެ، އެޓޭކަށް ދާ ބޯޅަތަކުގައި އިތުބާރު ހޯދި އެވެ. އެ ގޮތުން މެޗުގެ 73 ވަނަ މިނިޓްގައި އީގަލްސް އިން ވަނީ ގޯލެއް ޖަހައިފަ އެވެ. މިއީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހުސްކޮށްލާފައި ފޭދޫ އިއްބެ ދިން ބޯޅަ އަކުން ރިޒޭ ޖެހި ގޯލެކެވެ. އަދި މެޗުގެ 82 ވަނަ މިނިޓްގައި ޓީސީގެ އޭރިއާތެރެއިން ދޫވި ބޯޅައަކަށް އަރައި، ރިޒޭ ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.
އީގަލްސް އިން އެއްވަރުކުރީ މެޗުގެ 88 ވަަަނަ މިނިޓްގައި ފޭދޫ އިއްބެ ޖެހި ގޯލުންނެވެ. ޒައިން ޒަފަރު އޭރިއާތެރެއިން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ފޭދޫ އިއްބެ ވަނީ ފަސޭހައިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. އިތުރު ގޯލެއް ޖަހައި، މެޗުން މޮޅުވަން އީގަލްސް އިން ކުރިއަށް ޖެހިގެން ކުުޅުނު ނަމަވެސް ލަނޑެއް ނުޖެހި މެޗުވީ އެއްވަރެވެ.
ލީގުގައި މިރޭ ބުރު ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.












