ވެރިކަންކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އުފެދުނު ބައިބައިވުންތައް ހައްލުނުވުމަކީ އަމިއްލަ ފެއިލިއާއެއް ކަމަށް ގަބޫލުކުރާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު އިތުރަށް ވިދާޅުވީ، ޕާޓީ ތެރޭގައި ޖެހުނު މައްސަލަތައް ހައްލުކޮށް އެކަތި ގަނޑެއްގެ ގޮތުގައި ޕާޓީ ބޭއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
"އެކަމުގައި އަޅުގަނޑު ފެއިލްވެއްޖެ، [ޕާޓީގެ މެންބަރުން] އެކެއް ނުކުރެވުނު އަޅުގަނޑަކަށް، އަޅުގަނޑަށް މިކަމުގައި [ޕާޓީ] އެއްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްކައިގެން ކުރިއަށް ދިޔައިން," ފައްޔާޒު ވިދާޅުވި އެވެ.
ޕާޓީގެ ޗެއާޕާސާނުގެ މަގާމާ ފައްޔާޒު ހަވާލުވީތާ މި ހަފުތާއަށް އަހަރެއް ވެފައިވާއިރު، އޭނާ ވިދާޅުވީ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިމަތިވީ ޕާޓީ އެއް ނުކުރެވޭ ކަހަލަ ކަންތައްތަކެއް ކަމަށެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ޕާޓީގެ ތެރޭގައި އޮތީ ވެރިކަމާ ގުޅޭ މައްސަލަތައް ކަމަށާއި އެކަމާމެދު ޕާޓީގެ މެންބަރުން އޮތީ ވަކިގޮތެއް ނިންމާފަ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހު ވެސް އެކަމަށް [ރިޔާސީ ޓިކެޓަށް] ކުރިމަތިލާފައި އޮތް ހިނދު އެހެން ބޭފުޅަކު [ޕާޓީގެ ރައީސް މުހައްމަދު ނަޝީދު] އެކަން ބޭނުންވިޔަސް އެކަން [ރިޔާސީ ޓިކެޓު] ދޫކޮށްލަން ރައީސް ސޯލިހަށް ދެންނެވުމަކީވެސް އަޅުގަނޑަށް ދަތިކަމަކަށް ވާނެ," ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިޝާރާތް ކުރައްވާ ވިދާޅުވި އެވެ.

އޭގެއިތުރުން ފައްޔާޒު ވިދާޅުވީ ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަތަކުގެ ހައްލެއްގެ ގޮތުގައި އޮތީ ނަޝީދަށް ރިޔާސީ ޓިކެޓު ދިނުން ކަމަށާއި އެނޫން ގޮތަކަށް، ޕާޓީއާ ފެޔަށް ޖެހުނު މެންބަރުން އެއްކޮށް ބޭތިއްބޭނެ ހައްލެއް ނެތް ކަމަށެވެ.
އެ ޕްރައިމަރީގައި ރައީސް ސޯލިހު ވަނީ ރައީސް ނަޝީދުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާފަ އެވެ. އެއަށްފަހު ޕާޓީގެ ތެރޭގައި އުފެއްދެވި 'ފިކުރެއްގެ ދިރުން' ފެކްޝަން ވަކި ޕާޓީއަކަށް ހެދުމަށް އިއްޔެ ވަނީ މަސައްކަތް ފައްޓާފަ އެވެ. އެކުގައި ތިއްބެވި މަޖިލީސް މެންބަރުން އެމްޑީޕީއިން ވަކިވެ އާ ޕާޓީ އުފައްދަން މަސައްކަތް ފެށި ނަމަވެސް ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ.
އެމްޑީޕީ ލީޑާޝިޕަށް އައި ބަދަލު
2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި, އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.
ފެކްޝަންތަކުގެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ނަޝީދު ފިޔަވައި އެމަނިކުފާނަށް ތާއިދު ކުރައްވާ 12 މަޖިލިސް މެމްބަރުންނާއި ސީނިއާ ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް ހަދާނެކަން މެއި 17, ގައި އިއުލާނުކޮށްފަ އެވެ. އެ ޕާޓީގައި ރަސްމީކޮށް ނަޝީދު ހިމެނިވަޑައިނުގަތް ނަމަވެސް އެއީ އެމަނިކުފާނުގެ ލަފާފުޅާ އެއްގޮށް އެމަނިކުފާނު ފިކުރުގެ މައްޗަށް އުފައްދާފައިވާ ޕާޓީއެކެވެ.












