އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކްލަބް އީގަލްސް އިން ނުކުންނަ މެޗު ފަސޭހަނުވާނެ ކަމަށް އީގަލްސްގެ އެސިސްޓަންޓް ކޯޗު މުއާވިޔަތު އިލްހާމް (އިއްލެ) ބުނެފި އެވެ.
މި ފަހަރުގެ ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުން ވެސް މޮޅުވެގެން އޮތީ ތިން ޓީމެކެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި އީގަލްސް އެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ލީގު ދެ މަހެއްހާ ދުވަހަށް ބްރޭކަކަށްދާއިރު، އޭގެ ކުރިން އީގަލްސް އިން ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު ކުޅޭނީ ޓީސީއާ އެވެ. ޓީސީ ވަނީ ލީގުގައި ކުޅުނު އެއް މެޗުން މޮޅުވެފަ އެވެ.
އީގަލްސްގެ ހެޑް ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ) ބަލިވެ އުޅޭތީ ޓީމަށް އިރުޝާދުދިނުމުގެ ޒިންމާ ބެންޗުގައި ހުރެ ނަގަނީ އެސިސްޓަންޓް ކޯޗު އިއްލެ އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ފަރާތުން ބައިވެރިވަނީ ވެސް އިއްލެ އެވެ.
"އީގަލްސް އަބަަދުވެސް ނުކުންނާނީ ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓް ހޯދަން. އެ އަޒުމުގައި ޓީސީ މެޗަށް ވެސް ނުކުންނާނީ. އީގަލްސް އެއްވެސް މެޗެއް ފަސޭހަކޮށް ނުގަނާނެ. ހާއްސަކޮށް ޓީސީ މެޗަށް ވިސްނާއިރު ފަސޭހަނުވާނެކަން ވެސް އެނގޭ. ދެން މި މަސައްކަތް ކުރަނީ މޮޅުވާނެ ފޯމިއުލާއެއް ނެރެން،" މިއަދުގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްލެ ބުންޏެވެ.
"ޓީސީއާ ދެކޮޅަށް ނުކުންނައިރު، އެބަހުރި އަނިޔާގެ މައްސަލަތަކެއް އީގަލްސް އަށް. ގާތްގާތުގައި މިހެން މެޗުތައް ކުޅެން ޖެހޭތީ އެކަމުން އަރައިނުގަނެވިގެން މި އުޅެނީ،"
ލީގުގައި މިހާތަނަށް އީގަލްސް އަށް އެންމެ ބޮޑު މައްސަލަ އަކަށް ދިމާވަނީ ލިބޭ ގިނަ ފުރުސަތުތައް ގޯލަކަށް ހަދައިނުލެވިދާތީ އޭގެ ސަބަބުން މެޗުތަކުގައި ޕްރެޝަރަށް ޓީމު ވެއްޓޭ މައްސަލަ އެވެ. އެ ގޮތުން، އީގަލްސްގެ ޓީމުގެ އެޓޭކްގައި މި ވަގުތު މުހިންމު ރޯލެއް އަދާކުރާ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ) އަނިޔާ އަކުން ރިކަވާވެގެން ކުޅުނު ނަމަވެސް އަންނަނީ ފުރުސަތުތަކުގައި ތަފާތު ދައްކަމުންނެވެ.
"ރިޒޭ އަކީ މުޅި އީގަލްސްއޭ ބުންޏަސް ދޮގަކަށް ނުވާނެ. ހުރިހާ ގޯލެއްގައި ވެސް ރިޒޭގެ އެހީތެރިކަން އެބަވޭ، ރިޒޭ އަކީ އީގަލްސް އަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ދެން ކުރިއަށް ބަދަލެއް ގެންނަން ވެއްޖިއްޔާ އެބަހުރި އޮޕްޝަންތައް، އެކަމަކު، ކުރިއާ ފަހަތާ އެ ގޮތަށް (އޮޕްޝަންތައް) މަދު،" އިއްލެ ބުންޏެވެ.
"ގޯލްސްކޯރިން (ލަނޑުޖެހުން) ގައި މައްސަލަ ހުރިކަން ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވޭ. އެ ވަރަށް މަސައްކަތް ނުކުރެވެނީ ކަންނޭނގެ އެކަން މި މެޗުގައި ވެސް ރަނގަޅުކުރެވޭތޯ މަސައްކަތް ކުރާނަން. އުންމީދުކުރަނީ ރަނގަޅު ވާނެ ކަމަށް،"
އީގަލްސްއާ ދެކޮޅަށް މިއަދު ނުކުންނަ ޓީސީ އަށް ވެސް އެންމެ ބޮޑު ޗެލެންޖަކީ ގޯލު ޖަހަން ލިބޭ ބޯޅަތަކުގެ ބޭނުން ނުހިފުމެވެ. ލީގުގެ ދެ މެޗުން ޓީސީ އަށް ދެ ގޯލު ޖެހުނުއިރު، ގިނަ ފުރުސަތުތަކެއް އެ ޓީމު އަތުން ގެއްލިފައިވެ އެވެ.
ޓީސީގެ ހެޑް ކޯޗެެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަހުސަން ރަޝީދު (ޗޭ) ބުނީ އެ ކްލަބަށް ދިމާވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލަ އަށް އީގަލްސް މެޗުގައި ހައްލެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
"އީގަލްސް ރަނގަޅުވާނެ ކަމަށް މި ބަލަނީ، މި ލީގުގައި ޖެހޭނެ އެންމެ ރަނގަޅު މީހުންނާ ވެސް އަހަރެމެން ކުޅެފިން. އެހެންވީމަ، އެ މީހުން (މާޒިޔާ) އަށް ވުރެ އުނދަގޫވާނެހެން ހިއެއްނުވޭ،" އަހުސަން ބުންޏެވެ.
އަހުސަން ބުނީ ޓީސީގައި މި ތިބީ ވަރަށް ޒުވާން ކުޅުންތެރިން ކަމަށެވެ. އަނިޔާގެ މައްސަލަ ޓީސީ އަށް ވެސް ކުރިމަތިވެފައިވީ ނަމަވެސް އެ ކަންކަން ފާހަގަނުވަނީ އެ ޓީމުގައި އެއް ފެންވަރެއްގައި ކުޅޭ ގިނަ ޒުވާން ކުޅުންތެރިންތަކެއް ތިބެފައި، މެޗުތަކުގެ ތެރެއިން ފަސް ބަދަލުކުރެވޭތީ ކަމަށް އަހުސަން ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ލީގުގައި ޓީސީ ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވީ ފަހު ވަގުތު ގޯލެއް ވަދެގެންނެވެ. އަހުސަން ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އަށް ބުރު އަތުން މޮޅުވެވުނީ ލިބުނު ފުރުސަތުގައި ގޯލެއް ޖެހިގެން ކަމަށާއި ލީގުގައި އެކަން ކުރީ ބުރުން ކަމަށެވެ. އެހެންކަމުން، ޓީސީ އަށް ހައްލެއް ލިބޭނީ ގޯލު ޖަހައިގެން ފުރުސަތުގެ ބޭނުންހިފައިގެން ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލާއިރު، މި ލިބޭ ދުވަސްތަކުގައި ޓީމު ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރާނެ ކަމަށް އަހުސަން ވަނީ ބުނެފަ އެވެ.
ޓީސީ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.












