ސިމެންތި ޖަންގަލީގައި މަދަދުވެރިކަން ވަޅުޖެހެނީބާ؟

ސިމެންތި ޖަންގަލީގައި މަދަދުވެރިކަން ވަޅުޖެހެނީބާ؟

ވަރަށް ފަހުން ކޮންފަރަންސެއްގެ ޕެނަލެއްގައި، ޢާއްމު ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް ދެއްކި ވާހަކަތަކެއް އަޑުއަހާލުމުގެ ފުރުޞަތު ލިބުނެވެ. އަޑު އިވުނީ ރަށު ކައުންސިލުތަކުން ރަށްރަށުގެ އަމަން ބެލެހެއްޓުމަށް ކަމާ ބެހޭ އިދާރާތަކާއެކު "ދޮރުން ދޮރަށް"، "ރައްޔިތުންނާ ގާތުން" ކުރާ މަސައްކަތްތަކެއްގެ ވާހަކައެވެ. ކުދި އާބާދީތަކުގައި ކާމިޔާބުކަމާއެކު މި ކަންކަން ތަންފީޒުކުރެވޭ ވާހަކަ އާއި އެ މަސައްކަތްތަކުގެ ފޮނި ނަތީޖާގެ ވާހަކައެވެ. ކެނޑީ ފޮންޏެއް ނޫނެވެ. ތަފާސްހިސާބުތަކުން އެ ނަތީޖާ ފެންނާން އެބަހުއްޓެވެ. ކުށްކުރުން މަދުކުރެވި، ހަވާސާ ކުރެވޭ އާބާދީތައް މުޖުތަމަޢުގައި ބައިވެރިކުރެވި، އިސްރަށްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުނާއެކު މިލިއުޅުމަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފަރުދީފެންވަރެއްގައި ފޯރުކޮށްދޭ މުޖުތަމަޢުތަކެއް ދަނީ ބިނާކުރެވެމުންނެވެ.

އެހެންނަމަވެސް ތޮއްޖެހިފައިވާ މާލެ ފަދަ ބޮޑެތި ސިޓީތަކުގައި ފަރުދީ ޙައްޤުތައް ރައްކާތެރިކުރެވެނީ ކޮން މިންވަރަކަށްތޯ ވިސްނާލަންވީ ވަގުތު އަތުވެއްޖެއެވެ. ވެރިރަށުގައި މި އޮންނަނީ ޖަމަޢީ ކަންކަމަށްވުރެ ޒާތީ ކަންކަން އިސްކުރާ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. އަވަށްޓެރި ގުޅުމެއް، ބަދަހި ދިރިއުޅުމެއް ނުދަނެއެވެ. އެއް އިމާރާތެއްގެ ހަތަރު އެޕާޓްމެންޓުގައި މީހުން ދިރިއުޅޭތާ އަހަރު ދެ އަހަރު ވާއިރު، ނަމެއް، ފޯނު ނަންބަރެއް ހާ ތަންވެސް ނޭނގުމަކީ ޢާއްމު ޙާލަތެވެ. މަގުމަތީ ހާމަ ތަންތަނުގައި ރޯމާ ދުވާލު ކުށްކުރާމަންޒަރު ފެނުނަސް، "މަށާ ބެހޭކަމެއް ނޫން" ކަމަށް ވާތީ، އެކަން ރިޕޯޓުކުރާކަށްވެސް ބޭނުމެއް ނުވެއެވެ. ގަދަ ހިތްވަރެއްލައިގެން މަދު ޢަދަދެއްގެ ދަރުމަވެރިން އިޖުތިމާޢީ ގުޅުން ބަދަހިވޭތޯ ބުރަ މަސައްކަތްތަކެއް ކުރިކަމުގައިވިޔަސް، އެކަމަށް އިޖާބާ ދޭން ގިނައިން މި ތިބެނީ ދަރިވަރުންނެވެ. ނުވަތަ ސިޔާސީ މަންސަތަކާއި މީސްމީޑިޔާ ރީތިކުރަން އެފަދަ ކަންކަމުން ވަގުތީ މަންފާ ހޯދާ މީހުންނެވެ. ޢާއްމުންގެ ގިނަ ބައެއްގެ ކަހާތަން ހިރުވާވެސް ނުލައެވެ. ވާނީވެސް އެހެން ނޫންތޯ އެވެ. މި ބޮޑު މާލޭގައި ދިރިތެޅޭނޭ ފަދައެއް ހޯދުމަށް ހޭބޯނާރާ މަސައްކަތްކުރާއިރު، މި ހުރިހާ ކަމަކަށް ދޭނޭ ވަގުތެއް ނޯވެ އެވެ. ނަތީޖާއަކީ، ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން ހާންތިވެފައިވާ މުޖުތަމަޢެކެވެ.

ކުޑަ މިސާލެކެވެ. މިއަދު އިސްރަށްވެހިންގެ އާބާދީ އިތުރުވަމުންދާއިރު، މި އެންމެންނަކީ އެއް ނާޅިއަކުން މިނޭނޭ މީހުންނެވެ. ކުރިން އާބާދީގެ އެތައް ބަޔަކަށް ބައިބައިވެގެން ގެންގުޅުނު ބަޔަކަށް އިސްރަށްވެހިންނޭ ކިޔައި ނަންދީ ލޭބަލް އަޅުވާލާއިރު އަހަރެމެން ހަނދާންނެތެނީ މި ފަޚުރުވެރި ގިންތިއަކީ އާބާދީގެ އެންމެ ސިންދަފާތު ބޮޑު ގިންތި ކަމެވެ. އިސްރަށްވެހިންގެ ތެރޭގައި ޤައުމުގައި އިރެއްގައި ވެރިކަން ކުރި މީހާއިން ފެށިގެން ގޮސް، މަގުމަތީ ކުނިކަހަން އުޅުނު މީހާވެސް ހިމެނޭނެ އެވެ. އެ އާބާދީގެ އެންމެންނަކީ ބަލިކަށި މީހުންނެއްވެސް ނޫނެވެ. ސިއްޙަތު ރަނގަޅުމީހުންނާ ހިސާބުން ފެށިގެންގޮސް، އެނދުމަތިކުރެވިފައިވާ މީހާވެސް ހުންނާނެއެވެ. ޕީ.އެޗް.ޑީ ފެންވަރުގެ މީހުންނާއި ލިޔަންކިޔަން ނުދަންނަ މީހުންވެސް ތިބޭނެ އެވެ. ކުދި އާބާދީތަކުގައި އިސްރަށްވެރިންނަށް ބޭނުންވާ އެހީތެރިކަން ފަރުދީ ފެންވަރެއްގައި ހޯދައިދެވޭނޭ އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރެވިދާނެ އެވެ. އެފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގާ އާބާދީތައްވެސް މަދެއް ނޫނެވެ. އެހެންނަމަވެސް މާލެ ފަދަ ބޮޑު ސިޓީއެއްގައި، އިސްރަށްވެހިންނަށް ބޭނުންވާ އެހީތެރިކަން ފަރުދީ ފެންވަރެއްގައި ނުދެވި، އެ ރައްޔިތުންގެ ޙައްޤުތަކުން އުނިވާ މަންޒަރު ފެނެ އެވެ. ރައްކާތެރިކަމާއެކު މަގު ހިނގޭނޭކަމުގެ ޔަޤީންކަމެއް ނޯވެ އެވެ. ކާރޫބާރޫބޮޑު، ދުވާރު ނުހުންނަ މަގުމަގުގައި ކޮޅަކަށް ގުޑާނުލެވިގެން ތިބޭ އިސްރަށްވެހިން ފެންނަނީ މަދަކުން ނޫނެވެ. މިފަދަ މަންޒަރުތަކުން ނުފެންނަނީ އެމީހާއަށް އެހީތެރިވާން ދިއްކޮށްލާ އަތެކެވެ. އެމީހާއަށް ޖާގަދޭން ތަންދެ މަންޒަރެވެ.

މާލޭގެ މަގުތަކުގައި އެގޮތް މިގޮތަށް ޕާކުކޮށްފައި ހުންނަ ސައިކަލު ތަކުގެ ތެރެއިން ސައިކަލެއް ނުނެރެވިގެން މީހަކު އުޅުނަސް، އެހީ ވުމުގެ ބަދަލުގައި ކުރަނީ މަލާމާތެވެ. ނުވަތަ އަޅާނުލައި ދަނީ އެވެ. އެހާވެސް ބީރައްޓެއްސެވެ. އެހީވާންވީމާ ޖެހިލުންވެއެވެ. އޭނާ ވީޑިއޯކޮށް، މަލާމާތްކުރަންވީ ޖެހިލުންކުޑަ އެވެ. ރޯމާ ދުވާލު މާރާމާރީ ހިންގާއިރު، އެކަން ހުއްޓުވުމަށް ނުވަތަ ރިޕޯޓުކުރުމަށް ޖެހިލުންވެ އެވެ. އެކަމަކު ދަމުން ދަމުން ދުވާރު މަތީ ކުނިކޮތަޅު ބަހައްޓާލަން ކެރެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހާ ހިތްހަމަނުޖެހިދާނެތީ އޭނާއަށް އެހީއެއް ބޭނުންތޯ އަހާލާކަށް ނުކެރެ އެވެ. އެހެންނަމަވެސް ތިމާއަށް ކަންފަސޭހަކޮށްލުމުގެ ގޮތުން، މަގުމަތީ ފުރޮޅުލީ ގޮނޑިއަށް ޚާއްޞަކޮށް ރޮނގުދަމާފައި ހުންނަ ތަންތަނަށް ސައިކަލު ޖަހާކަށް ލަދެއް ނުގަނެ އެވެ. މި ފަދަ އެތަށް މިސާލެކެވެ. މި ބޮޑު ސިޓީގައި މަދަދުވެރިކަމަކީ ލަދުވެތި ކަމަކަށް ވެ ނިމިއްޖެ އެވެ. ނުނިދާ، ނުކައި ނުބޮއި މި އުޅޭ އުޅުމުގައި އެކުވެރިކަމަކަށް ވަގުތެއް ނޯވެ އެވެ. ތިމާގެ އަވަދިނެތިކަމުގައި އަނެކާއަށް ވިސްނާނޭ ފުރުޞަތެއް ނުލިބެ އެވެ.

މިއީ ހަމައެކަނި ތޮއްޖެހިފައިވާ އާބާދީއާ ގުޅިފައިވާ މައްސަލައަކަށް ނުވެދާނެއެވެ. އެހެންނަމަވެސް މި ތޮއްޖެހިފައިވާ މާހައުލުން ބީރައްޓެހިކަމަށް ހޭހަންކުރާކަން ގައިމެވެ. ހުކުރެއް، ޢީދެއް، މި ސިޓީގެ މަގުތަކެއް ނުދަނެއެވެ. އެހެންކަމުގައިވިޔަސް، އުއްމީދެއް ކުރެވިދާނެ އެވެ. ކުދި އާބާދީތަކުން މިސާލުނަގައިގެން އިހުގެ ފޮތްފޮތުގައި އެބުނާ، އަވަށްޓެރިންނަށް އަޅާލައި، ވަޞީލަތްތައް ހިއްސާކުރާ، އެކުގައި ދިރިއުޅެން ދަންނަ އާދަކާދަތައް އަދިވެސް އާލާކުރެވޭތޯ މަސައްކަތްކުރެވިދާނެ އެވެ. އެހެން ނޫނީ، މި މުއްސަނދި، ވަޞީލަތް ގިނަ، ތަރައްޤީވެފައިވާ ސިމެންތި ޖަންގަލި ވާނީ އެކަނިވެރިންގެ ހިޔާވައްސަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox