ރައްޔިތުން މަޖިލީހުގެ ކޮމިޓީން މެންބަރުން ބަދަލުކުރުމުގެ ހަމަތައް މަޖިލީހުގެ ގަވާއިދުގައި އޮތީ ވަރަށް ސާފުކޮށް ކަމަށާއި، ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ބަދަލުކުރުން މަޖިލީހުގެ ރިޔާސަތަށް ހުއްޓުވޭނެ ހާލަތެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު އަލުން ފަށާއިރު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހުށަހަޅާފައި ވަނީ މަޖިލީހުގެ ދާއިމީ އަށް ކޮމިޓީއެއްގައި ތަމްސީލުކުރާ އެ ޕާޓީގެ މެމްބަރުން ބަދަލުކުރުމަށެވެ. އެ ބަދަލުތަކާއެކު ބާރުގަދަ ދެ ކޮމިޓީއެއް ކަމުގައިވާ، އެސްއޯއީ ކޮމިޓީގެ މުގައްރިރުކަން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ގެެއްލި، އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ގެއްލޭނެ އެވެ.
އިތުރު ބައެއް މެމްބަރުން ވެސް ކޮމިޓީތަކުން ބަދަލުކުރަން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކާމިޔާބު ވިޔަ ނުދޭން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުން މަސައްކަތްކޮށް، ވިޕްލައިނާ ހިލާފަށް ވޯޓު ދީ، އަދި އެންމެ ފަހުން އިދިކޮޅު ޕާޓީތަކާ ގުޅިގެން ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގަން ފަށާފައި ވަނިކޮށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން، މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުގައި ނަޝީދު މިއަދު ވިދާޅުވީ "މަޖިލިސްގެ ރިޔާސަތުގައި އަޅުގަނޑު އިންނަ ހިނދަކު މެންބަރުންގެ އެދުމާއި އަދި ރުހުމާ ނުލައި މަޖިލިސްގެ އެއްވެސް ކޮމިޓީއަކުން އެއްވެސް މެމްބަރަކު ވަކި ނުކުރެވޭނެ" ކަމަށެވެ.

"މަޖިލިސް އަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާހާ ގޮތަކަށް ހިންގަން އޮންނަ ތަނެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހަކީ ރިޔާސަތުން ބޭނުންވާ ގޮތަކަށް ހިންގަން އޮތް ތަނެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދުގެ މެސެޖަށް ވަގުތުން ރައްދު ދެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް މުގުނީ އެވެ.
titledesc
ވިދިވިދިގެން ހަތަރު ވަނަ ދައުރު ފުރިހަމަ ކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ ގާނޫނުއަސާސީ ބާރު ލިބިގެން ހަދާފައިވާ ހަމައެކަނި ގަވާއިދު ކަމަށާއި އެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާނެ ކަމަށް މަޖިލީހުގެ ރައީސަށް ވިދާޅެއް ނުވެވޭނެ ކަމަށެވެ.
"ކޮމިޓީ ބަދަލުކުރަން މެމްބަރަކު އިއުތިރާޒުކޮށްފި ނަމަ އަމަލުކުރާނެ ގޮތް ވެސް ގަވާއިދުގައި އޮތީ. މަޖިލީހުގެ ރިޔާސަތުން ފުރަތަމަ ޖެހޭނީ އިއުތިރާޒުކުރޭތޯ ބަލަން. އިއުތިރާޒު ކޮށްފި ނަމަ ދެން އެ މެމްބަރަކާ ގުޅޭ ގޮތުން ޕާލިމެންޓަރީ ގްރޫޕުން ބައްދަލުކޮށް ގޮތް ނިންމާނީ،" އަސްލަމް ވިދާޅުވި އެވެ.
އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަކީ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައި ގޮތް ނިންމުމެވެ. އެ ބައްދަލުވުމުގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ މެންބަރުގެ ކޮމިޓި ބަދަލުވާނެ އެވެ.
މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުން އެދި އެޕާޓީން މަޖިލީހަށް ހުށަހަޅާފައި ވާއިރު، ފޯޅަވަހި ކޯލިޝަނާ ގުޅިގެން ފިކުރެއްގެ ދިރުން ފެކްޝަނުން ދަނީ ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އަދި އެޓާނީ ޖެނެރަލް، އިބްރާހިމް ރިއްފަތު މަގާމުން އަޒުލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތުގެ ތެރެއިން ފޯޅަވަހި ކޯލިޝަނުން ވަނީ ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލަ ވެއްދުމަށް ފިކުރެއްގެ ދިރުން ފެކްޝަނުން ސޮއި ކުރެއްވީ، ހަމައެކަނި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.އޭނާ މިހާރު ވަނީ ޕާޓީ ވަކިކޮށްފަ އެވެ.













