ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހު 31، ގައި ބާއްވަން ނިންމައިފި އެވެ.
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ، ސެންޓުރަލް ޕާކުގަ އެވެ. އެ ޖަލްސާގައި ހާޒިރުވެގެންނާއި މައިކްރޮސޮފްޓު ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ އެވެ. އޮންލައިންކޮށް ޖަލްސާގައި ބައިވެރިވާ ފަރާތްތަކުން ޖަލްސާގެ 24 ގަޑިއިރު ކުރިން ރެޖިސްޓަރީ ކުރަން ޖެހޭނެ އެވެ. ރެޖިސްޓަޜީ ކުރެވޭނީ އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށެވެ.
އެ ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 24، ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ މީހުންނަށް ކަމަށް އެސްޓީއޯއިން ވަނީ މީގެ ކުރިން ކުރި އިއުލާނެއްގައި ބުނެފަ އެވެ.
މި އަހަރުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ވަނީ މިދިޔަ އަހަރުގެ އޮޑިޓުކޮށްފައިވާ މާލީ ހިސާބުތައް އާންމު ކުރުމާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ ހާމަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުރުމާއި ސަރުކާރުގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރުން އައްޔަން ކުރުން ވެސް ހިމަނައިފަ އެވެ. އޭގެއިތުރުން ހިއްސާދާރުންގެ ފަރާތުން ހުށަހަޅާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ފަރާތުން ޖަވާބުދިނުން ވެސް އޮންނާނެ އެވެ.
އެސްޓީއޯއިން ބުނީ އެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 31 ވަނަ ދުވަހުގެ ރޭ، 20:25 ގެ ކުރިން ލޮގިން ވާން ޖެހޭނެ ކަމަށެވެ.
އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ މި މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ފާއިތުވީ އަހަރަކީ އެސްޓީއޯއަށް ބޮޑު ފައިދާއެއްވީ އަހަރެކެވެ. އެގޮތުން, މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 18.2 ބިލިއަން ރުފިޔާ ލިބުނެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ވަނީ ތާރީހުގައި ވެސް އަލަށް އޮޕަރޭޓިން ހަރަދުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދައި ރެކޯޑެއް ހަދައިފަ އެވެ.
އެސްޓީއޯއިން މިމަހު ކުރީކޮޅު ނެރުނު އަހަރީ ރިޕޯޓުގައި ވާގޮތުން، ހުސްވި އަހަރު އެ ކުންފުންޏަށް އެހައި ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އިތުރުވުންނާއި ކުންފުނީގެ އެހެނިހެން ވިޔަފާރިތައް ވެސް ކުރިއަރައި، އާމްދަނީ އިތުރުވެފައި ވުމުގެ ސަބަބުން ކަމަށެވެ.
މި މަހު ބާއްވާ އަހަރީ އާންމު ޖަލްސާއަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، އަބްދުﷲ ސައީދު އައްޔަން ކުރި ފަހުން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.











